2006 ވަނަ އަހަރު އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށި ނިންމަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ހދ. ގައިވެސް ޓޫރިޒަމްގެ ފުރުޞަތުތައް ފުޅާކުރަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރަށްވައި، އެމް.ޓީ.ޑީ.ސީ.އަށް ސަރުކާރުން ދޫކޮށްފައިވާ، ވަރަށް ގިނަ އަހަރުތަކެއްވީ ރަށެއްކަމަށްވާ ނާގޯށި ނިންމައި އޮޕަރޭޝަނަށް ގެނައުމަށް އެހީތެރިވުމަށް ބީއެމްއެލްއިން ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
''ހދ. ރައްޔިތުންނަށް އަދި މި ސަރަޙައްދުގެ ރައްޔިތުންނަށް މުހިންމުވާނެތީ، ހަމަ މި މައުޟޫޢުގެ ދަށުން މި ދަންނަވާލަނީ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި، 2006 ވަނަ އަހަރު ދޫކޮށްފައި އޮތް ރަށެއް އެއީ. އަދިވެސް ނެހެދޭ. އެހެންނަމަވެސް، އެކަން ނިމުމަކަށް ގެނެސްދީ، އިރާދަކުރެއްވިއްޔާ އެމް.ޓީ.ޑީ.ސީ.އަށް އެ މަގު އަޅުގަނޑުމެން ފަހިކޮށްދޭނަން. ފަހިކޮށްދީ، ސަރުކާރުން އެހީތެރިކަން ދީގެން، ރިޒޯޓެއްގެ ގޮތުގައި އެ ރަށް އިރާދަކުރެއްވިއްޔާ ހުޅުވުން އެއީ، މިހާރު އަޅުގަނޑުމެންގެ އަމާޒަކީ. އެކަންވެސް ކުރިއަށްދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވިގޮތުގައި މި ދެ އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި އިތުރު ރަށްތައްވެސް ދޫކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ހދ. ނާގޯށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް 2006 ވަނަ އަހަރު ސެޕްޓެމްބަރ މަހު 17 ވަނަ ދުވަހު ދޫކޮށްފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. 2007 ވަނަ އަަހަރުގެ ޑިސެމްބަރ މަހު ތެރޭގައި ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީ އިން ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކުރި އެވެ. މަަސައްކަތް ފެށޭވަރުވީ 2009 ވަަނަ އަހަރުގެ ތެރޭގައެވެ. ކާލްސަން ހޮޓެލްސް، ރެޑިސަން ބްރޭންޑްގެ ރިޒޯޓެއްގެ ގޮތުގައި ހުޅުވުމަށް ވަރަށް ބާރަށް މަސައްކަތްކުރަމުންގޮސް މަސައްކަތް މެދުކެނޑުނެވެ. އެއަށްފަހު މަސައްކަތް ފެށީ 2015 އަހަރުގެ ނޮވެމްބަރ މަހު ތެރޭގަ އެވެ. މަސައްކަތް މެދު ކެނޑުނު އިރު 50 އިންސައްތަ މަސައްކަތް ނިމިފައި ހުރި ކަމަށް އޭރު އެމްޓީޑީސީއިން ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށް ނިމިފައިވަނީ 37 އިންސައްތަ އެވެ.
ނާގޯއްޓަކީ އެމްޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އެ ކުންފުންޏާ ހަވާލު ކުރި ރަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ކުރީގެ ސަރުކާރުތަކަށް އެ ރަށް ތަރައްގީއެއް ނުކުރެވުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!