އަނބިމީހާ އާއި ދަރިންނަށް ޚަރަދުކުރުމުގަައި ފިރިން ނުވަތަ ބަފައިން ފަރުވާކުޑަކޮށް، ބައެއް ބަފައިންނާއި ފިރިން އެކަމަށް އިހްމާލްވެފައިވާކަމީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއިން ވެސް ފެންނަމުންދާ ހިތްދަތި މަންޒަރެކެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ މިފަދަ ފިރިންނާއި ބަފައިންނަށް އިސްލާޙްވެ، ވާޖިބު އަދާކުރުމަށް ބާރުއަޅައި އެކަމަށް އިސްލާމްދީނުގައި ދީފައިވާ މަތިވެރި އަހަށްމިއްޔަތު އަންގައިދީފައެވެ.
އަނބިމީހާ އަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ދިނުމަށް ފިރިމީހާގެ މައްޗަށް ވަނީ އަމުރުކުރައްވާފައި
އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާއެވެ. ޒަވާޖީ ޙަޔާތުގެ ބައިވެރިޔަކީ އެއީއެވެ. މާތް الله ވަނީ އޭނާއަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކުރައްވައިފައެވެ. ނަބިއްޔާ رسول الله صلى الله عليه وسلم ތަފާތު މުނާސަބަތުތަކުގައި ތަފާތު ތަންތާނގައި އަނބިމީހާއަށް ހެޔޮކޮށް ހިތުމަށް ފަށްފަށުން ގޮވައިލައްވައިފައި ވެއެވެ. އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އެންމެ ފަހުން ކުރެއްވި ވަޞިއްޔަތްޕުޅުގައި ޙަދީޘްކުރައްވައިފައި ވެއެވެ. (أَلَا وَاسْتَوْصُوْا بِالنِّسَاءِ خَيْرًا) މާނައީ: "ދަންނާށެވެ! އަދި ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިމަން ކަލޭގެފާނު ކުރައްވާ ވަޞިއްޔަތް ޤަބޫލު ކުރާށެވެ!" އަންހެނުންނަށް ހެޔޮކޮށްހިތުމަށާއި ރިވެތި އަޚްލާޤުން މުޢާމަލާތުކުރުމަށް އިރުޝާދުދެއްވައިފައިވާ رسول الله صلى الله عليه وسلم ގެ ބަސްފުޅުތަކަކީ ކީރިތި ޤުރްއާނުގެ ވަޙީ ބަސްފުޅުތައް އިތުރަށް ކަށަވަރުކޮށްދޭ ބަސްފުޅުތަކެކެވެ. ކީރިތި ރަސޫލާ رسول الله صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (أَكْمَلُ الْـمُؤْمِنِيْنَ إِيـْمَانًا أَحْسَنُهُمْ خُلُقًا، وَخَيْرُكُمْ خَيْرُكُمْ لِنِسَائِهِمْ) މާނައީ: "އީމާންކަން އެންމެ ފުރިހަމަ މުއުމިނުންނަކީ އެންމެ ޚުލުޤު ރިވެތި މީހުންނެވެ. އަދި ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހަކީ އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާއެވެ."
ފިރިމީހާ އޭނާގެ އަނބިމީހާއަށް ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް ވާޖިބެއް
އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވައިފައިވާ ކަމެކެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައީ: "އަދި އެކަށީގެންވާ ހެޔޮ ގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ."
ލޮބުވެތި رسول الله صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (وَلَـهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُـهُنَّ بِالْمَعْرُوْفِ) މާނައީ: "އެ ކަނބަލުންނަށް ހެޔޮ ގޮތުގައި ކާންބޯންދިނުމާއި، އުނުއޮރިޔާން ނިވައިކޮށްދިނުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ." އެހެންކަމުން ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކުރާންޖެހޭނެއެވެ. އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ޖެހޭނެއެވެ. މިއީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައީ: "ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ رزق ދަތިކުރައްވައިފައިވާ މީހާ، ފަހެ، އެމީހާޔަށް الله ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ! އެއްވެސް نفسއަކަށް، އެ نفسއަކަށް ދެއްވައިފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، الله تكليفއެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، الله ލައްވާހުށްޓެވެ."
ތިބާގެ އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެކެވެ. އެއް ދުވަހަކު ކީރިތި رسول الله صلى الله عليه وسلم. ގެ އަރިހުން ލައިފައި، ރޫފަ ހެޔޮ ޖާނުގައި ވަރު ހުރި ޒުވާނަކު ދިޔައެވެ. އެ ހިނދު ޞަޙާބީން ވިދާޅުވިއެވެ. މި މީހާ اللهގެ މަގުގައި ޖިހާދުކުރާ ނަމަ ހާދަ ރަނގަޅުވީހެވެ. އެ ހިނދު ކީރިތި رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (إِنْ كَانَ خَرَجَ يَسْعَى عَلَى وَلَدِهِ صِغَارًا فَهُوَ فِيْ سَبِيْلِ اللَّهِ، وَإِنْ كَانَ خَرَجَ يَسْعَى عَلَى أَبَوَيْنِ شَيْخَيْنِ كَبِيْرَيْنِ فَهُوَ فِيْ سَبِيْلِ اللَّهِ، وَإِنْ كَانَ يَسْعَى عَلَى نَفْسِهِ يُعِفُّهَا فَهُوَ فِيْ سَبِيْلِ اللَّهِ، وَإِنْ كَانَ خَرَجَ رِيَاءً وَمُفَاخَرَةً فَهُوَ فِيْ سَبِيْلِ الشَّيْطَانِ) މާނައީ: "އޭނާ ނުކުމެ އެ އުޅެނީ އޭނާގެ ޅަ ދަރީންނަށް ކާންބޯންދިނުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ اللهގެ މަގުގައި ވާ މީހެކެވެ. އަދި އޭނާ ނުކުމެ އެ އުޅެނީ އޭނާގެ މުސްކުޅި މައިންބަފައިންނަށް ކާންބޯންދިނުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ اللهގެ މަގުގައި ވާ މީހެކެވެ. އަދި އޭނާ ނުކުމެ އެ އުޅެނީ އޭނާގެ އަމިއްލަ ނަފްސު ސަލާންޖެހުމުން ޢިއްފަތްތެރިކުރުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ اللهގެ މަގުގައި ވާ މީހެކެވެ. އެހެނަސް އޭނާ ނުކުމެ އެ އުޅެނީ އޭނާގެ ދެއްކުންތެރިކަމުގެ ގޮތުންނާއި، ބޮޑާވެ ފަޚުރުވެރިވުމަށް ޓަކައި ނަމަ އޭނާ އެ ވަނީ ޝައިޠާނާގެ މަގުގައެވެ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!