ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ދެން އަންނަ އިންތިހާބަކަށް ކުރިމަތި ނުލައްވާނެ ކަމަށެވެ. އަދި އެހެން މަސައްކަތް ވަރަށް ގިނަ ކަމަށް ވެސް ވިދާޅުވެފަ ވެއެވެ. އިންތިޚާބުގައި ވާދަނުކުރެއްވި ނަމަވެސް ގިނައިން އުޅުއްވާނީ ރާއްޖޭގައި ކަމަށް ވެސް ނަޝީދު ވިދާޅުވެފަވެއެވެ.
ނަޝީދު މައްޗަންގޯޅި މެދު ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓެއްގައި ވާދަކުރައްވައެވެ. ކުރިން އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ނަޝީދު ފަހުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ މަޖިލިސް 2019 ވަނަ އަހަރުގެ މެއި މަހުގެ ފެށުމާއެކު، އެމްޑީޕީގެ ސުޕާ މެޖޯރިޓީގެ ވާގިވެެރިކަމާއެކު މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ނަޝީދު، އެމަނިކުފާނުގެ މައްޗަށް ހުށަހެޅުނު ދެވަނަ އިތުބާރުގެ މައްސަލައާއެކު އެ މަގާމުން އިސްތިއުފާ ދެއްވީ 13 ނޮވެމްބަރު 2023 އަށެވެ.
މާލެއިން އިންތިޚާބުކުރެވުނު ދެ މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ގޮތުގައި 1999 ވަނަ އަހަރު، ނަޝީދު ވަނީ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!