ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.
ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ. މި ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އީސީން މިއަދު ވަނީ ދީފައެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން އީސީން ގޮތް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައިއެވެ.
ޕީއެންއެފް އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އީސީން ދިން ފޯމާއި ހަވާލުވެވަޑައިގަތީ ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލެވެ.
މި ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ވަޒީރު، މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި، ޑރ. އަބުދުﷲ ޖިހާދާއި ފަދަ ބޭފުޅުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!