ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ގޮވައިލާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާއަށް ޝިޔާމް ހުށަހެޅުއްވި މި މައްސަލާގައި ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާގެ ދަށުން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ހިފައި، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދުގައި ފާޅުކުރާ ޚިޔާލަކާއި ގުޅިގެން އެމީހުންނާމެދު ތައައްސުފީ ގޮތުގައި ބައެއް ބޭރުގައުމުތަކުން ފިޔަވަޅު އަޅަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

Ad
rt

އެ މައްސަލާގައި ޝިޔާމް ވިދާޅުވެފައި ވަނީ، ދިވެހިންނާމެދު މިފައިން ފިޔަވަޅުއަޅާއިރު ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިވެހިންގެ ރައްކާތެރިކަން ޔަގީން ކުރުމަށް ފިޔަވަޅުތަކެއް ނޭޅުމަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހިންނަށް މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގާނޫނުއަސާސީން ދައުލަތާއި މަތިކޮށްފައިވާ ދުސްތޫރީ، އަޚްލާޤީ ޒިންމާއަށް ޚިޔާނާތްތެރިވުންކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޝިޔާމް ވިދާޅުވެފައި ވަނީ މިފަދަ ކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި، ދިވެހިންގެ ޙައްޤުތައް ކަށަވަރުކޮށް ނުދެވި، ބޭރު ޤައުމުތަކުގެ މިފަދަ ނިންމުންތައް ނިންމަން ދޫކޮށްލެވިއްޖެނަމަ އެކަމުގެ ރައްދުގައި ރާއްޖޭގައި އެ ޤައުމުތަކާއި އެޤައުމުތަކުގެ ރައްޔިތުންނާމެދު ނުރުހުމާއި ނަފުރަތު އުފެދި، އެ ނަފުރަތުގެ ޖަޒުބާތުގައި ހިންގައިގެންނުވާނެ ކަންކަން ހިނގައިފާނެކަމުގެ އިހުތިމާލު އޮތް ކަމަށެވެ.

''ދިވެހިން ދިވެހި ފަސްގަނޑުގައި ފާޅުކުރާ ޚިޔާލުތަކާއި ގުޅިގެން އެ ޚިޔާލުފާޅުކުރާ މީހުންނަށް ވަކިން އަމާޒުކޮށްގެން ބޭރުގެ ދައުލަތަކުން އެ ދިވެހިންނަށް އަދަބުދޭން ފަށައިފިނަމަ އެކަމުގެ ސަބަބުން ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ބޭނުން ކުރުމާއި ނުކުރުމުގެ ޙައްޤުތައް ދިވެހިން އަތުން ބީވެ، އެ ޙައްޤުތައް ލިބުމާއި ނުލިބުން އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާވުމުގެ ބިރު އެބައޮތް'' ކަމަށް ޝިޔާމްގެ މައްސަލާގައި ވިދާޅުވެފައި ވެއެވެ.

އެ މައްސަލާގައި ޝިޔާމް އިތުރަށް ވިދާޅުވެފައި ވަނީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ދިވެހި ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއް ބޭނުންހިފާ ގޮތަކާއި ގުޅިގެން ތައައްސުފީގޮތެއްގައި ފިޔަވަޅުއަޅައި، އެހެން ދައުލަތަކުން ރައްޔިތަކަށް އަދަބު ދީފިނަމަ އެކަން ހުއްޓުވައި، އެފަދަ ހައްސާސް ކަންކަމުގައި ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކޮންމެ ފަސްގަނޑެއްގައި ތިއްބަސް ދިވެހިންނަށްވީތީ ދިވެހި ދައުލަތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއްނެތި ހުރިހާ ދިވެހިންނަށް ލިބޭނޭމަގުން ޢަމަލު ކުރުމަށް ދިވެހި ސަރުކާރަށް ގޮވައިލާކަމަށެވެ.

މިފަދަ މައްސަލައެއް ޝިޔާމް ހުށަހަޅުއްވާފައި މިވަނީ، ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން ހުންނަވަނިކޮށް ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް, އަދި އެ ޕާޓީގެ ސެނެޓް މެމްބަރު އަބްދުއްސަމަދު (ސަމަދުބެ)، އިއްޔެ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.