ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކޯޓަށް ދެ ޤާޟީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ.
އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީއެއްގެ މުސާރައަކީ 30،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ އާއިއެކު ޖުމްލަ 48،300 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.
މި މަޤާމަށް ކުރިމަތިލެވެނީ އުމުރުން 25 އަހަރު ފުރިފައިވާ، އިސްލާމީ ޝަރީޢާ، ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މެދުނުކެނޑި މަދުވެގެން ދެ އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށެވެ.
މި ކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ ގުޅަންޖެހެނީ ޖޭއެސްސީގެ 3303501 ނަންބަރު ފޯނަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަކީ އަޙްމަދު ޝަކީލެވެ. އެ ކޯޓުގެ އިތުރު ޤާޟީން ގޮތުގައި މިވަގުތު ތިއްބެވީ، ޢަލީ އާދަމް، ހުސައިން ފާއިޒް ރަޝާދު، ހަސަން ސައީދު، އާދަމް މުޙައްމަދު، މުހައްމަދު މިސްބާޙް، ޞަފްޢަތު ހަބީބު، ޢަލީ ނަދީމް އަދި އިސްމާޢީލް ޝަފީޢު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!