މޯލްޑިިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް ދަރުބާރުގޭގައި މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
މިއީ މާލޭ ސިޓީގެ މެންބަރުންނާއި ކެމްޕޭން ޓީމްތަކާ އެކު ބާއްވާ ޖަލްސާއެއް ކަމަށާއި މި ޖަލްސާ އޮންނާނީ މިރޭ 8:30 ދަރުބާރުގެ ފާށަނާ މާލަމުގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސާލިހުގެ އިތުރުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ދެބޭފުޅުން ވެސް ކެމްޕެއިން ފައްޓަވައިގެން އަތޮޅުތަކަށް އަތޮޅުތަކަށް ގެންދަވަނީ ދަތުރު ކުރައްވަމުން ނެވެ. އެގޮތުން ނަޝީދު ވަނީ ބޮޑު ތިލަދުންމަތީގެ ބައެއް ރަށްރަށާއި ށ. ކޮމަންޑޫ އަދި އައްޑޫ ސިޓީ އަށް ވަޑައިގެން ދަތުރު ކެމްޕެއިން ކުރައްވާފަ އެވެ. އަދި މާލޭގައި ވެސް ގެންދަވަނީ ހަރަކާތްތައް ބާއްވަމުން ނެވެ.
ސާލިހު ވެސް ވަނީ ނ، ރ، ބ އަދި ޅ އަތޮޅަށް ކެމްޕެއިން ދަތުރު ކުރައްވާފަ އެވެ.
މި ކެމްޕެއިން ޖަލްސާތަކުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުން ގެންދަވާއިރު، އެ ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އާންމުން ވެސް ގެންދަނީ ބަހުގެ ހަމަލާތައް ދެއްވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!