ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބަލައި ނުގަންނަކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ.
ރައީސް ޔާމީނަށް ކުރި ޙުކުމާއި ގުޅިގެން ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ސުޖާއު ވިދާޅުވީ، ރައީސް ޔާމިނަށް އިއްވީ ހަރާމް ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް ބަލައި ނުގަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
''އިންޝާالله އަހަރެމެން ރައީސް ޔާމިނާއެކު ކަލޭމެން ބަލިކުރާނަން. މިދުވަސްވެސް އަހަރެމެން ހިތްދަތިކަމާއެކު ތަހައްމަލް ކުރާނަން. ކަލޭމެން ގާތު އަހަރެމެން ކުޑަކަކޫ ނުޖަހާނަން'' ޝުޖާއު ވިދާޅުވެފަވެއެވެ.
ޔާމީންގެ މައްޗަށް ހުކުމް ކުރުމާއެކު އިދިކޮޅުން ރޭ ވަނީ ވެރިރަށް މާލޭގައި މުޒާހަރާ ވެސް ކޮށްފައެވެ.
ހުކުމް ކުރުމުން ރޭގައި ޔާމީން ދޫނިދޫ ޖަލަށް ގެންގޮސްފައިވާއިރު، ޔާމީންގެ މައްޗަށް ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޔާމީނުގެ ވަކީލުން ވަނީ ނިންމާފައެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!