ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މުޒާހަރާ ފަށައިފިއެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި މިއަދު ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ.
ޔާމީނަށް ހުކުމް އިއްވުމާއެކު މިހާރު ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ.
ޔާމީންގެ މައްޗަށް ޙުކުމްކުރީ މިއަދު އިރޮއޮއްސެނިކޮށެވެ. އެ ހުކުމަށްފަހު އިދިކޮޅުން މިރޭ ވަނީ މާލޭގައި މުޒާހަރާ ފަށާފައެވެ. އެ މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ކަރުދާސްތަކުގައި ޔާމީން މިނިވަންކުރަން ގޮވާލާފައިވާއިރު، ޙުކުމް ކުރީ އިންޑިއާ އެމްބަސީން އަންގައިގެން ކަމަށް ވެސް ބުނެފަ ވެއެވެ. އަދި އެއީ އުންސުރު ހަމަނުވާ ''ޙަރާމް'' ހުކުމެއް ކަމަށް ވެސް ބުނެފަވެއެވެ.
މިވަގުތު މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރަމުން ދަނީ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގަ އެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!