ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

Ad
rt

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަންކުރަން ކޮމެޓީން ރުހުން ދިނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން އެ މަގާމުން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށް ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ކުރިމަތިލެއްވުމުންނެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ސަމީރު އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަމީރުގެ ނަންފުޅު މަޖިލީހަށް ފޮނުއްވައިފަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ސަމީރުގެ ނަން ފާސްކުރި ނަަމަވެސް އޭނާ އެ މަގާމަށް އައްޔަންކުރާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

ސަމީރު 2011 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ ކުރިން ސިވިލް ކޯޓުގެ އިސްގާޒީކަން އޭނާ ކުރެއްވި އެވެ. އަދި ފަހުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް އޭނާ ކުރެއްވި އެވެ.

ސަމީރަކީ ހދ. ނައިވާދޫއަށް ނިސްބަތްވެ ވަޑައިގަަންނަވާ ބޭފުޅެކެވެ.