ހދ. ކުޅުދުއްފުށި ސިޓީން މާލެއަށް ދަތުރުކުރާ ހެނދުނުގެ ފްލައިޓް ފުރާ ގަޑި އަވަސްކުރުމާ ގުޅިގެން، ހދ. މަކުނުދޫ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހި، މާލީ ބޮޑު ބުރައެއް އުފުލަން ޖެހި ޝަކުވާ މީސްމީޑިއާގައި ބަންޑުންކުރަމުން އެބަދެއެވެ.

މި ބަދަލާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން އެ ރަށުގެ އާންމު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިކަމާއި ގުޅިގެން މަކުނުދޫ ރައްޔިތުން މީސް މީޑިއާގައި ބަންޑުންކުރަމުންދާ އުދާސްތަކުގައި ބުނަމުން އަންނަގޮތުގައި ކުރިން ހެނދުނު 10:00 ގައި ފުރަމުންދިޔަ މި ފްލައިޓް މިހާރު ހެނދުނު 9:10 އަށް ވަނީ އަވަސްކޮށްފައެވެ. ނަމަވެސް، އާރުޓީއެލް ފެރީގައި މަކުނުދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދާ ދަތުރުވެރިންނަށް ފްލައިޓްގެ ޗެކިން ބަންދުވުމުގެ ކުރިން އެއާޕޯޓަށް ދެވޭނެ އެއްވެސް ގޮތެއް މިހާރު ނޯވެއެވެ. މީގެ ސަބަބުން ހެނދުނުގެ ފްލައިޓުން މާލެ ދާން ބޭނުންވާ މީހުންނަށް މަޖުބޫރުވަނީ ދަތުރުގެ އެއް ދުވަސް ކުރިން ކުޅުދުއްފުއްޓަށް ގޮސް ތިބޭށެވެ.

ހެނދުނުގެ ފްލައިޓަށް ނުދެވިއްޖެ ހާލަތެއްގައި ދެން ދަތުރުވެރިންނަށް ދެވެން އޮންނަނީ ރޭގަނޑުގެ ފްލައިޓަށެވެ. އެހެން ނަމަވެސް، ހެނދުނު 8:30 ގެ ފެރީން ކުޅުދުއްފުއްޓަށް ދާ މީހުންނަށް ޖެހެނީ މުޅި ދުވަހު އެ ރަށުގައި މަޑުކުރާށެވެ. މިކަމުގެ ސަބަބުން ކުއްޔަށް ތަންތަން ހިފުމަށާއި ތިން އިރުގެ ކެއުމުގެ ޚަރަދަށް އެތައް ސަތޭކަ ރުފިޔާއެއް އިތުރަށް ހޭދަކުރަންޖެހެއެވެ. އެންމެ ގަޑިއިރެއްހާ އިރުގެ ތަފާތަކުން ރައްޔިތުންނަށް މިފަދަ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާއިރު، މިކަމުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ނަމަވެސް އަދި މިހާތަނަށް އެދެވޭ އެއްވެސް ހައްލެއް ލިބިފައިނުވާކަން މަކުނުދޫ ރައްޔިތުން ފާހަގަކުރެއެވެ.

ކުއްލި މުހިންމު ބޭނުންތަކުގައްޔާއި ބޭސްފަރުވާއަށް ދާންޖެހޭ މީހުން މަޖުބޫރުވަނީ ބޮޑު އަގު ދީފައި ލޯންޗެއް ނަގައިގެން ދަތުރުކުރާށެވެ. ނަމަވެސް އެފަދަ މާލީ ތަނަވަސްކަމެއް އާންމު ހުރިހާ ރައްޔިތުންގެ ކިބައިގައި ނުހުންނަކަން އެ ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. މީގެއިތުރުން ހުކުރު ދުވަހު ހެނދުނު 10:00 ގައި ފްލައިޓެއް އޮތް ނަމަވެސް، އެ ދުވަހަކީ އާރުޓީއެލް ފެރީ ދަތުރު ނޯންނަ ދުވަހަކަށް ވާތީ އޭގެ ފައިދާއެއްވެސް ރައްޔިތުންނަކަށް ނުލިބެއެވެ.

ފާހަގަކުރެވޭ ގޮތުގައި މިއީ ހަމައެކަނި މަކުނުދޫ ރައްޔިތުންނަށް އެކަނި ކުރިމަތިވެފައިވާ ދަތިކަމެއް ނޫނެވެ. އާރުޓީއެލް ފެރީން ދަތުރުކުރާ ހދ. ނޭކުރަންދޫ އަދި ހދ. ވައިކަރަދޫ ރައްޔިތުންނަށް ވެސް މި ތަކުލީފު ފޯރައެވެ. އެހެން ނަމަވެސް، އެ ރަށްރަށަކީ ކުޅުދުއްފުއްޓާ ނިސްބަތުން ކައިރީގައި އޮންނަ ރަށްރަށަށް ވާތީ، ކުއްލި ހާލަތެއްގައި ލޯންޗެއް ހިފައިގެން ދާން ޖެހުނު ނަމަވެސް މަކުނުދޫއާ އަޅާބަލާއިރު ހިނގާ ޚަރަދު ކުޑައެވެ. އެހެންކަމުން މި ބަދަލުގެ އެންމެ ބޮޑު ތަކުލީފަކާއި މާލީ ބުރައެއް އުފުލަންޖެހެނީ އެންމެ އެކަހެރިކޮށް އޮންނަ މަކުނުދޫގެ ރައްޔިތުންނަށެވެ.

މީސް މީޑިއާގައި މިކަމާ ގުޅޭގޮތުން ޝުއޫރު ފާޅުކުރި މީހަކު ފާހަގަކޮށްފައިވާ ގޮތުގައި، މަކުނުދޫ، ވައިކަރަދޫ އަދި ނޭކުރެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ މި އުނދަގޫ މައްސަލަ ގުޅިފައިވަނީ ސަރުކާރުގެ ދެ ކުންފުންޏެއްގެ ދަތުރުފަތުރުގެ ތާވަލަށް ގެނެވޭ ކުޑަކުޑަ ބަދަލަކާއެވެ. އެގޮތުން މަކުނުދޫން ފުރާ ފެރީ ގަޑިއެއްހާއިރު ކުރިން ފުރާގޮތަށް ހަމަޖެއްސިޔަސް ނުވަތަ ކުޅުދުއްފުށިން ފުރާ ފްލައިޓް ގަޑިއެއްހާއިރު ފަސްކޮށްލިޔަސް މި މައްސަލައަށް ފަސޭހަކަމާއެކު ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށްޓަކައި މަކުނުދޫ ރައްޔިތުން އެދެނީ، ކުރިންވެސް އޮތް ފަދައިން އާރުޓީއެލް ފެރީގެ ދަތުރުތަކާ ގުޅުވައިގެން، އާންމުންނަށް ފަސޭހަވާނެ ގޮތަށް ފްލައިޓްގެ ގަޑިތައް އަލުން ހަމަޖައްސައިދީ، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށްކަމަށް އެކަމާ ކަންބޮޑުވުން ފާޅުކުރާ ރައްޔިތުން ބުނެފަވެއެވެ.