ނަފްސާނީ ބަލިމީހުންގެ ސިއްރުތައް ލީކުކޮށްފިނަމަ ބޮޑު އަދަބެއް ހިމަނައި، ނަފްސާނީ ބަލީގެ އެކި ހާލަތތަކުގައި ދިރިއުޅޭ މީހުންނަށް ޞިއްޙީ ފަރުވާ ދިނުން ކުރިއަށް ގެންދަން ޚާއްސަ ރިވިއު ބޯޑެއް އުފައްދަން ޖެހޭ ގޮތަށް ނަފްސާނީ ޞިއްޙަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިންއެވެ.
ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މި ބިލުގައިވަނީ ނަފްސާނީ އެކި ހާލަތްތަކުގައި ތިބޭ މީހުންނަށް ފަރުވާ ދޭނެ ގޮތާއި، އެ މީހުންގެ ހައްގުތަކުގެ އިތުރުން އެ ޚިދުމަތްދޭ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމެވެ. އަދި މި ބިލުގެ ދަށުން ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން "މެންޓަލް ހެލތު ރިވިއު ބޯޑު" އެއް އުފެއްދުމަށް ވަނީ ހިމަނާފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭ މި ބޯޑު ހިމެނެނީ 5 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ސައިކޭޓްރިސްޓަކާއި، ސައިކޮލޮޖިސްޓަކާއި، ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި މަސައްކަތުރާ ޖަމިއްޔާއެއްގެ މެންބަރަކާއި، ސޯޝަލް ވޯކަރެއްގެ އިތުރުން އާންމުންގެ ތެރެއިން މީހެއް ހިމެނެއެވެ. މި ބޯޑުގެ ރައީ،ސާއި ނައިބު ރައީސް އައްޔަންކުރާނީ މިނިސްޓަރެވެ. އަދި މި މެންބަރުންގެ ދައުރަކީ 5 އަހަރު ކަމަށްވާއިރު، ފުރަތަމަ ދައުރު ހަމަވުމުން އިތުރު އެއް ދައުރަށް އައްޔަންކުރެވިދާނެއެވެ.
ރިވިއު ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ފަރުވާ ދިނުމުގެ އަމުރު ނެރުމާއި، ފަރުވާ ބަދަލުކުރަން އެންގުން ހިމެނެއެވެ. މީގެއިތުރުން، ޤާނޫނެއްގެ ދަށުން ޖަލެއްގައި ނުވަތަ ބަންދުކުރާ މަރުކަޒެއްގައި ހުރި ނަފްސާނީ ބަލިމީހަކަށް ފަރުވާދޭނަމަ އެތަނަކަށް ގޮސް ކަންކަން ހިނގާގޮތް ބެލުމަކީވެސް އެ ބޯޑުގެ މަސްއޫލިއްޔަތެކެވެ. މި ބޯޑަށް ހުށަހަޅާ މައްސަލަތަކާ މެދު 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭއިރު، ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.
ބިލުގައިވާ ގޮތުން، ޤާނޫނު ހުއްދަކުރާ ހާލަތްތަކުގައި ނޫނީ ބަލިމީހެއްގެ ޒާތީ މައުލޫމާތު އާންމުކޮށްފިނަމަ، ޞިއްޙީ ފަރުވާދޭ މަރުކަޒެއް ނުވަތަ ޚިދުމަތްދޭ މީހެއް 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ. އަދި ޖޫރިމަނާކުރުމުގެ އިތުރުން ދެ އަހަރުގެ މުއްދަތަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު އެލައިޑު ހެލްތު ކައުންސިލަށް ލިބިގެންވެއެވެ.
މީގެ އިތުރުން، ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ހަތަރު ބާވަތެއްގެ ފަރުވާ ދިނުން ބިލުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި މަސަލް ރިލެކްސަންޓު އަދި އެނެސްތީޝިއާ ދިނުމަކާ ނު ދޭ އިލެކްޓްރޯ ކޮންވަލްސިވ ތެރަޕީއާއި، ކުޑަކުދިންނަށް ދޭ އެފަދަ ތެރަޕީ، ކުޑަކުދިންނަށް ހަދާ ނިއުރޯސާޖަރީ، އަދި އަންހެނުންނާއި ފިރިހެނުން ދަރިމައިނުވާ ގޮތް ހެދުން ހިމެނެއެވެ. ރާއްޖޭގައި ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުން އިތުރުވަމުންދާއިރު، ސަރުކާރުން ތައާރަފުކުރި ހެލްޕްލައިނަށް އެކަނިވެސް ފާއިތުވި 3 އަހަރު ތެރޭގައި 23،000 އަށްވުރެ ގިނަ ކޯލް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!