ދިވެހިރާއްޖޭގެ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، މައްސަލަތަކަށް ޤައުމީ ފެންވަރުގައި އަވަސް ހައްލުތަކެއް ހޯދުމުގެ މަޤްޞަދުގައި "ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް" އާދިއްތަ ދުވަހު ފަށައިފިއެވެ.

ތަފާސްހިސާބުތަކުން ދައްގޮތުގައި ރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ދަނީ ޑިޕްރެޝަންގެ ޢމާތްތައް ތަޙައްމަލުކުރަމުންނެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 22 އިން 24 އަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައި ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ގީލާ އަލީ ބައިވެރިވެވަޑައިގެންނވިއެވެ. މި ފޯރަމްގައި ބައިވެރިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

"ލިވްޑް އެކްސްޕރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ތިން ދުވަހުގެ ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ. "ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން" މި އުޞޫލުގެ މަތިން ބާއްވާ މި ހަރަކާތަކީ ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކޮންފަރެންސްގެ މަޝްވަރާތަކާއި ޙައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކުރެވޭނެއެވެ. އޭގެ ތޭގައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުން؛ ޢާއިލާ، ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން؛ އަދި އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުޞަތުތައް ހިމެނެއެވެ. މީގެއިތުރުން، ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި މުޖުތަމަޢުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ. އެއީ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުމާއި، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އަދި ކޮންފަރެންސްގެ އެންމެ ފަހު ދުވަހު މި މައްސަލަތަކަށް ޒުވާނުން ހުށަހަޅާ ހައްލުތަކެވެ.

މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސްގައި ސްޓޭކް ހޯލްޑަރުންގެ ގޮތުގައި މިނިސްޓްރީ އޮފ ހެލތް އެންޑް ފެމިލީ ވެލްފެއަރ، ނެޝަނަލް މެންޓަލް ހެލްތް ސެންޓަރ، ނެޝަނަލް ޑުރަގު އެޖެންސީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އެންޑް އެންޑޯމެންޓްސް، މޯލްޑިވްސް ޕޮލިސް ސާރވިސް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަރ ފޯ މެންޓަލް ހެލްތު ބައިވެރިވެއެވެ. މިއަހަރުގެ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސްގެ އޮފިޝަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.