އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓުގައި ދޮންވާ ކްރީމެއް ބޭނުންކުރުމުގެ ސަބަބުން އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ކިޑްނީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލައެއް އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ ކްރީމް އުފެއްދި ބްރޭންޑާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީ ކޮށްފައެވެ.
އެ ކުއްޖާއަށް ފަރުވާ ދިން ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ކުއްޖާގެ ކިޑްނީއިން ލޭ ފުރޭނުމުގެ ނިޒާމަށް ބުރޫއެރީ އެ ކްރީމްގައި ނުރައްކާތެރި މިންވަރަކަށް މާކިއުރީ އެކުލެވިފައި ހުރުމުގެ ސަބަބުންނެވެ. ކުއްޖާއަށް ފަރުވާ ދިން މަލަޕޫރަމް ޑިސްޓްރިކްޓްގެ އެސްޓާ މަމްސް މަދާ ހޮސްޕިޓަލުން ބުނި ގޮތުގައި، ލެބޯޓްރީ ޓެސްޓުތަކުން ދެއްކި ގޮތުގައި އެ ކްރީމްގައި 12،500 ޕީޕީއެމް (ޕާޓްސް ޕާ މިލިއަން) ގެ މާކިއުރީ އެކުލެވިގެންވެއެވެ. މިއީ އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހަމުގެ އުފެއްދުންތަކުގައި ހުރުމަށް ހުއްދަކުރާ އެއް ޕީޕީއެމްއަށް ވުރެ އެތައް ގުނައެއް މަތީ މިންވަރެކެވެ.
ހޮސްޕިޓަލުގެ ނެފްރޮލޮޖިސްޓް ޑރ. ސަތީޝް ވިދާޅުވީ، ކުއްޖާގެ ހަށިގަނޑުން ފެނުނީ ފުރާނައަށް ނުރައްކާވާ ފަދަ ކިޑްނީގެ ބައްޔެއް ކަމަށްވާ "މެމްބްރެނަސް ނެފްރޯޕަތީ" އެވެ. މި ބަލީގެ ސަބަބުން ކިޑްނީގެ ފުރޭނުމުގެ ބިދޭސީ ފާރުތައް ބޯވެ، ކުޑަކަމުދާ ތަކެއްޗާއެކު ގިނަ އަދަދަކަށް ޕްރޮޓީން ބޭރުވާން ފަށައެވެ. ހަމުގެ ޒަރީއާއިން ހަށިގަނޑަށް ވަންނަ މާކިއުރީގެ ސަބަބުން ލޭ ވިހަވެ، އެކަމަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ ކިޑްނީ ފެއިލްވެ ނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
ވަނަވަރު ހާމަކޮށްފައި ނުވާ އެ ކުއްޖާ ބުނި ގޮތުގައި، މޫނުގައި ނަގާ ބިހިތަކާއި ލައްތައް ފިލުވައިދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި އިޝްތިހާރެއް ފެނިގެން އެ ކްރީމް ގަންނަން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ތިން ފުޅި ކްރީމް ބޭނުންކުރި ކަމަށާއި، ކޮންމެ ރެއަކު ގަވާއިދުން ބޭނުންކުރުމުން ނަތީޖާ ފެންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދެތިން މަސް ފަހުން ވަރުބަލިކަމާއި، ބޮލުގައި ރިއްސުމާއި، ބޯއެނބުރުމުގެ އިތުރުން ނިދިނައުމުގެ މައްސަލަތައް ދިމާވެ، ފައި އަދި މޫނު ދުޅަވާން ފެށި ކަމަށާއި، ކޮޅަށް ހުންނަން ވެސް ދަތިވި ކަމަށް ކުއްޖާ ކިޔައިދިނެވެ.
ހަށިގަނޑު ވަރަށް ބޮޑަށް ދުޅަވެ ހާލު ދެރަވެގެން ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން، ޑޮކްޓަރުން ވަނީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށާއި ކިޑްނީގެ މައްސަލަތައް ހައްލުކުރުމަށް ފަރުވާ ދީފައެވެ. އެއް މަސް ދުވަހުގެ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، އަދިވެސް ސިއްހީ އުނދަގޫތަކެއް ހުރުމުގެ ސަބަބުން ކިޔެވުމަށް ދަތިވާ ކަމަށް އެ ކުއްޖާ ބުންޏެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ކުއްޖާގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވަމުން އައި ނަމަވެސް، އޭނާ ފުރިހަމައަށް ރަނގަޅުވާން އަދިވެސް ވަގުތު ނަގާނެއެވެ.
މި މައްސަލަ ކެރެލާގެ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ކެރެލާ ސްޓޭޓް ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް އިން ވެސް ވަނީ އެ ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީ ކޮށްފައެވެ. އިންޑިއާގައި ހަންގަނޑު އަލިކުރުމަށް މީހުން ދޭ އަހައްމިއްޔަތުކަމުގެ ސަބަބުން، ކަމާބެހޭ އިދާރާތަކުގެ ހުއްދަނެތި ސޯޝަލް މީޑިއާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވިއްކާ ޓެސްޓުނުކުރާ ނުރައްކާތެރި އުފެއްދުންތަކުގެ އަސަރު ޒުވާނުންނަށް ފޯރަމުންދާ ކަމުގެ ކަންބޮޑުވުން ތަޖުރިބާކާރުން ފާޅުކުރެއެވެ. ހަންގަނޑު ކަޅު މީހުންނާ މެދު މުޖުތަމައުގައި އޮންނަ ތަފާތުކުރުންތަކާ ދެކޮޅަށް ފަހަކަށް އައިސް އެކްޓިވިސްޓުންނާއި ބޮލީވުޑްގެ ތަރިން ވެސް އަންނަނީ އަޑުއުފުލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!