ކޭކު އެޅުމަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހދ، މަކުނުދޫގައި ކާމިޔާބު "ކޭކު ޕިކްނިކް"އެއް ބާއްވައިފިއެވެ.

މިއީ މަކުނުދޫގައި ކޭކު އެޅުމުގެ ވިޔަފާރިކުރާ ފަރާތްތައް ކަމުގައިވާ، ޓައިނީ ޑިލައިޓް އެމްވީ، އައިޑިއާ ލޭޔާސް، ސްނޯވީ އެމްވީގެ އިތުރުން ޑެޒާޓް ބައި ސަމާ އަދި ޑެޒާޓްސް ކްރަޝްގުޅިގެން އިންތިޒާމްކޮށްފައިވާ އިވެންޓެެވެ

މިއީ ކޭކު އެޅުމަށް ޝައުގުވެރިވާ އަދި ލޯބިކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، މަޖާ މާޙައުލެއްގައި އެކި ބާވަތްތަކުގެ ކޭކުގެ ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ޕިކްނިކެކެވެ.

މި ޕިކްނިކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވުނީ 100 ރުފިޔާގެ ފީއަކާއެކުއެވެ. އާންމުންގެ ތެރެއިން 15 ފަރާތަކުން މި ޕިކްނިކްގައި ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، އާންމުންގެ ތެރެއިން އެކި ވައްތަރުގެ ކޭކުތަކުގެ ރަހަ ބަލާލަން ބޭނުންވި ފަރާތްތަކަށް ހާއްސަކޮށްގެން ވިއްކި 50 ރުފިޔާގެ ވިޒިޓާސް ޓިކެޓްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ވިޒިޓަރުންނަށް ހުޅުވާލި ހުރިހާ ޓިކެޓްތަކެއް އެއްކޮށް ވިކި، އެ ފަރާތްތަކަށް ހުރިހާ ކޭކެއްގެ ރަހަ ބަލާލުމުގެ ފުރުސަތު ވަނީ ދީފައެވެ.

މަކުނުދޫގައި ބޭއްވި ކޭކު ޕިކްނިކް ހަރަކާތުގެ ތެރެއިން، ފޮޓޯ: ޥާސިއުމަކުނުދޫގައި ބޭއްވި ކޭކު ޕިކްނިކް ހަރަކާތުގެ ތެރެއިން، ފޮޓޯ: ޥާސިއު

މި ޕިކްނިކްގައި ބައިވެރިންގެ ފަރާތުން ތަފާތު އެކި ވައްތަރުގެ މީރު އަދި ފުރިހަމަ ކޭކުތަކެއް ވަނީ ދައްކާލައިފައެވެ. އެ ގޮތުން ތަފާތު 15 ބާވަތުގެ ކޭކު މި އިވެންޓްގައި ތައްޔާރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ލެމަން ކޭކާއި، ޓްރެސް ލެޗެސް، ޗޮކްލެޓް ކޭކު، ވެނީލާ ސްވިސް ރޯލް، ދިވެހިވަންތަ ކަށިކެޔޮ ކޭކު އަދި ކަނަމަދު ކޭކު ހިމެނެއެވެ.

މީގެ އިތުރުން ބްރައުނީ، ޑާކް ފޮރެސްޓް ކޭކު، ޗޮކްލެޓް ގަނާޝް ކޭކު، ޕެޝަން ފްރުޓް އަޅާފައިވާ ވެނީލާ ފްލޭވާ މިލްކް ކޭކު، ޕަވްލޯވާ، ކްލައުޑް ކޭކު، ބަޓަރ ފްރުޓް ކޭކު، ކުކީސް އެންޑް ކްރީމް ކޭކު އަދި ސްޓްރޯބެރީ ޓްރަފަލް ޗޮކްލެޓް ކޭކު ފަދަ ތަފާތު މީރު ރަހަތައް ވަނީ މި އިވެންޓުގައި ހިމަނާފައެވެ.

މި އިވެންޓުގައި ކޭކުގެ ރަހަ ބެލި ބައިވެރިއަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ، ކޭކުތައް ވަރަށް ބޮޑަށް މީރު ކަމަށާއި އެއްތަނަކުން އެހާ ގިނަ ވައްތަރުގެ ކޭކުތައް ފެނުމުން، މަންޒަރު ރީތިވެފައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނު ކަމަށެވެ. "ވަރަށް ވަރަށް މީރު. ހުރިހާ ވައްތަރެއްގެ ކޭކު އެއްތާކުން ފެނިފައި ވަރަށް ޝައުގުވެރިވި. ރަށު ދަރިންތަކެއް އަމިއްލައަށް އިސްނަގައިގެން، ދައްކާލި މި ހުނަރު ފެނިފައި ވަރަށް އުފާވި، " އޭނާ ބުންޏެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިން ސްޕޮންސަރުންނާއި އެކި ފަރާތްތަކަށް "ކޭކު ޕިކްނިކް" ޓީމުން ޝުކުރު އަދާކޮށްފައިވެއެވެ. އޭގެ ތެރޭގައި އާރު ފިއުލް، ޒޭވަރު ޕްލަސް، ޒުލައިހާ އަބްދުލް އަޒީޒް، ސްވީޓޯ އަދި ގުރާފުޅު ހިމެނެއެވެ.

އޭގެއިތުރުން، އިވެންޓް ޑެކަރޭޝަން ހަދައިދިން ހޭޅި އިވެންޓްސް (އައްޔަ) އަށާއި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އެހީތެރިވި ވާސިފޮޓޯސްއަށް ވެސް ވެސް އެ ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.