ދައުލަތުން މިނިވަން މުއައްސަސާތަކަށް ވަރަށް ބޮޑު ހޭދައެއް ކުރަމުންދާއިރު، އެ މުއައްސަސާތަކުން ދައުލަތުގެ އާމްދަނީއާއި ކޮރަޕްޝަން ހުއްޓުވުމުގެ ކަންކަމުގައި އެކަށީގެންވާ ނަތީޖާ ނެރެދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުންނެވެ.

ބަޖެޓު ދިރާސާ ރިޕޯޓުގައި ހިމަނާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރެކޮމެންޑޭޝަންތަކަށް އަލިއަޅުއްވާލައްވަމުން އަލީ މޫސާ ވިދާޅުވީ، 2008 ވަނަ އަހަރު އަމަލުކުރަން ފެށި ޤާނޫނުއަސާސީގެ ދަށުން އުފެދިފައިވާ މިނިވަން މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި ފަންކްޝަން ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ގާތްގަނޑަކަށް 170 އާއި 180 އާ ދެމެދުގެ އަދަދަކަށް ރިސޯޓު ހިންގަމުންދާއިރު، މީރާއަށް ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ދައްކަނީ ގާތްގަނޑަކަށް 50 ރިސޯޓުން ކަން އެމްއެމްއޭގެ ރެކޮމެންޑޭޝަންގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކަމަށް ވިޔަސް އަދި އޮޑިޓާ ޖެނެރަލްގެ އޮފީސް ފަދަ އެހެން މުއައްސަސާއަކަށް ވިޔަސް، ދައުލަތުން ކުރާ ބޮޑު ޚަރަދާ އެއްވަރަށް ނަތީޖާ ނެރެދޭންޖެހޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ. ދައުލަތުގެ އާމްދަނީއާއި ކޮރަޕްޝަނުގެ މައްސަލަތަކުގައި މިނިވަން މުއައްސަސާތަކަށް ނަތީޖާ ނުނެރެދެވޭނަމަ ދައުލަތް ރަނގަޅަށް ނުހިނގާނެ ކަމަށާއި، ދައުލަތުން ކުރާ ޚަރަދާ ބައްދަލުވާ ގޮތަށް އެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދިގު ތާރީޚުގައި ލިބޭ އާމްދަނީއާއި ރިކަރަންޓް ޚަރަދު އެއްވަރުވަމުންދާ މައްސަލައަށް އިޝާރާތް ކުރައްވަމުން އަލީ މޫސާ ވިދާޅުވީ، ރިކަރަންޓް ޚަރަދު ކުޑަކުރުމަށް މާލީ އިދާރާތަކުން ލަފާދެމުން ދިޔަ ނަމަވެސް، ކޮންމެ އަހަރަކުވެސް އެ ޚަރަދު އަންނަނީ ބޮޑުވަމުންނެވެ. އަދި އޭގެ ތެރޭގައި ހިމެނޭ މުސާރައާއި އޯވަރޓައިމްގެ ޚަރަދުތައް ބޮޑުވަމުންދަނީ ކޮންމެ އަހަރަކު ތަޢުލީމު ނިންމާ ދަރިވަރުންނަށް ޕްރައިވެޓް ސެކްޓަރުން ވަޒީފާ ނުއުފެއްދޭތީ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އަހަރަކު ގާތްގަނޑަކަށް 4،000 ކުދިން އޯލެވެލް، 3،000 ކުދިން އޭލެވެލް އަދި 3،000 ކުދިން ފުރަތަމަ ޑިގްރީ ނިންމާއިރު، އަމިއްލަ ދާއިރާގައި ވަޒީފާ ނެތުމުން ވޭތުވެދިޔަ 10 އަހަރު ދުވަހުވެސް ކޮންމެ އަހަރަކު އެވްރެޖްކޮށް 2،000 މުވައްޒަފުން ދައުލަތުގެ އިދާރާތަކަށް އިތުރުކުރަން ޖެހިފައިވާތީ ސަރުކާރުން ޕްރައިވެޓް ސެކްޓަރު ވަރުގަދަކުރަން މަސައްކަތްތަކެއް ކުރަންޖެހެއެވެ.

މީގެ އިތުރުން މީގެ ހަތަރެއްކަ އަހަރު ކުރިން ޕޭ ކޮމިޝަނުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ރިވިއުކުރިއިރު އުފެދުނު މައްސަލަތަކަށްވެސް މެންބަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޓީޗަރުންނާއި ނަރުހުންގެ މުސާރަތައް ރިވިއުކުރިއިރު އޯވަރޓައިމް ވަކި ވަރަކަށް ލިމިޓްކޮށް، އެހެން މުއައްސަސާތަކުގެ މުސާރަ ޓީޗަރުންގެ ކޮލިފިކޭޝަނަށްވުރެ މާ ބޮޑުވެގެން ދިޔުމުން ދައުލަތުގެ މުވައްޒަފުންގެ މެދުގައި ބޮޑު ފަރަގެއް އުފެދުނު ކަމަށާއި، އޭގެ ސަބަބުން ސެލެރީ ހާމަނައިޒް ކުރުމުގެ ނަމުގައި އަބަދުވެސް މުސާރަ ބޮޑުކުރުމުގެ ކަންކަމުގައި އުޅެންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

2027 ވަނަ އަހަރަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބައްލަވާލައްވަމުން އަލީ މޫސާ ވިދާޅުވީ، ކުރީ އަހަރުތަކާ ޚިލާފަށް ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި މިއަހަރުގެ ބަޖެޓު ނިންމައިލެވިފައިވާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު 1.7 ބިލިއަން ރުފިޔާ، 2022 ވަނަ އަހަރު 5.8 ބިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރިކަން ފާހަގަކުރައްވައި، އެ ބަޖެޓުތަކަކީ އޭރު ސަރުކާރުން "ވައި ކަންކޮށްފައި" ހުށަހެޅި ރަސީދުތަކެއް ކަމަށް އޭރުގެ އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެފައިވާކަން ވެސް އޭނާ ހަނދާންކޮށްދެއްވިއެވެ. އަދި މިހާރުގެ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އަމާޒުކޮށްފައިވަނީ އާދައިގެ ކަންކަމުން ފެށިގެން ރަށްރަށުގެ ރައްޔިތުން އެދޭ ކަންކަން ފުއްދައިދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.