އެމެރިކާގެ މައި ޖާސޫސީ އިދާރާ (ސީއައިއޭ) އާ ގުޅިގެން މަސައްކަތްކޮށް، އީރާނުގެ އެތެރެއަށް ގިނަ އަދަދެއްގެ ހަތިޔާރާއި ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޑިވައިސްތައް ވަގަށް އެތެރެކުރަން އުޅުނު ބޮޑު ނެޓްވޯކެއް އަތުލައިގަނެ އެކަން ހުއްޓުވާފައިވާ ކަމަށް އީރާނުގެ ކަމާބެހޭ އިދާރާތަކުން މިއަދު ބުނެފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާއާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އަވައްޓެރި ޤައުމުތަކުން އީރާނަށް އެތެރެވާން އުޅުނު ސްމަގްލިންގ ތިން ޓީމަކަށް ނިސްބަތްވާ ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ބޭރު ޤައުމެއްގެ ރައްޔިތަކު ވެސް ހިމެނޭ ކަމަށް އެ ޤައުމުގެ ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް ހަތިޔާރުގެ އަދަދު އިންތިހާއަށް ގިނަކަން ފާހަގަކުރަމުން އޮފިޝަލުން ވިދާޅުވީ، އަތުލައިގަތް ތަކެތީގެ ތެރޭގައި އަތުބަޑިއާއި އަސްކަރީ އެސޯލްޓް ހަތިޔާރު ހިމެނޭހެން 201 ހަތިޔާރާއި، އިތުރު 100 ޕިސްޓަލް މެގަޒިން ހިމެނޭ ކަމަށެވެ.

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ނެޓްވޯކަކީ ފަސް ބަޔަކަށް ބަހާލައިގެން ހިންގަމުންދިޔަ ޖަމާއަތެކެވެ. އޭގެ ތެރޭގައި ޖާސޫސްކުރުމާއި، އޮޕަރޭޝަންތައް ހިންގުމާއި، ޕްރޮޕެގެންޑާ ފެތުރުމާއި، ލޮޖިސްޓިކްސް އަދި މާލީ ކަންކަން ބަލަހައްޓާ ޑިވިޜަންތައް ހިމެނެއެވެ. މި ގްރޫޕުން މަސައްކަތް ކުރަމުން ދިޔައީ ބޯޑަރު ސަރަޙައްދުތަކުން އީރާނުގެ އެތެރޭގެ ސަރަޙައްދުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށާއި، ބޮޑެތި ސިޓީތަކަށް ސްޓާލިންކް ޓާމިނަލްތައް ބަހައި، ތެހެރާނުން ސިފަކުރާ ގޮތުގައި "އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށް" އެހީތެރިކަން ދިނުމަށެވެ.

ހައްޔަރުކުރި މީހުން ސީއައިއޭއާ ގުޅިގެން މަސައްކަތްކުރި ކަމަށް އިޢުތިރާފުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އީރާނުގެ ދައުލަތުގެ މީޑިއާއިން މި ސެލްތައް ސިފަކޮށްފައިވަނީ އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ ފަރާތުން ހަރަކާތްތެރިވި ބައެއްގެ ގޮތުގައެވެ. މި ތުހުމަތުތައް ފެންމަތިވެފައި މިވަނީ، އެމެރިކާގެ ސީއައިއޭ އަދި އިސްރާއީލުގެ މޮސާޑުން އީރާނުގެ އެތެރޭގެ ގްރޫޕްތަކަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ރިޓަޔަރޑް ޖެނެރަލް ޖެކް ކީން ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނިކޮށެވެ.

ތެހެރާނުން އާންމުކުރާ ސަލާމަތީ މަޢުލޫމާތުތަކެކޭ އެއްފަދައިން، ހައްޔަރުކުރެވުނު މީހުން ވެފައިވާ ކަމަށް ބުނާ އިޢުތިރާފުތަކާއި އަތުލައިގަތް ހަތިޔާރުތަކުގެ ޙަޤީޤީ ތަފުޞީލުތައް މިނިވަން ފަރާތަކުން އަދި މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.