ދިވެހިރާއްޖޭގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޢާންމު ޞިއްޙަތުގެ އަސާސީ ޚިދުމަތްތައް ކަނޑައަޅައި މެޕްކުރުމަށް ބާއްވާ "އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" (އީ.ޕީ.އެޗް.އެފް) އާ ގުޅޭ ފުރަތަމަ ޤައުމީ މަސައްކަތު ބައްދަލުވުން މިއަދު މާލޭގައި ފަށައިފިއެވެ.
މީރުމާ އިވެންޓްސް ހޯލުގައި ފެށި މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ އެވެ.
ޢާންމު ޞިއްޙަތުގެ ޚިދުމަތްތަކަކީ މީހުން ބަލިވުމުގެ ކުރިން މުޅި މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތްތައް ހަމަޖެހިފައިވާ ވަކި އުޞޫލެއްގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލާފައިވާ 12 އީ.ޕީ.އެޗް.އެފް ގެ މައްޗަށް ބިނާކޮށް މި މަސައްކަތް ޤައުމީ ފެންވަރުގައި ފަށާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިންނެވެ.
މި މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މެޑަމް ޕޭޑެން އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީގެ މަންދޫބު ވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޑަބްލިޔު.އެޗް.އޯ ގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން ބައިވެރިވެ މަޝްވަރާތައް ކުރިއަށް ގެންދެއެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ 12 އީ.ޕީ.އެޗް.އެފް ރާއްޖޭގެ ޙާލަތާ ގުޅުވައިގެން ކަނޑައެޅުމެވެ. އަދި އެ ޚިދުމަތްތައް ދޭނީ ކޮން ފަރާތްތަކަކުންކަމާއި ކޮން ތަންތަނަކުންކަން ދެނެގަތުމަކީ ވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެކެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން "ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027–2031" އެކުލަވާލެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން، މި ދާއިރާއާ ގުޅުންހުރި ޤައުމީ އެހެނިހެން ޕްލޭންތައް ވެސް މި މަސައްކަތުގެ ތެރެއިން އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި ޗައިނާ އެއިޑްގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!