އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ތިން ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ރައީސް މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

Ad
rt

މި ބިލަކީ 2026 ނޮވެންބަރު 17 ވީ އަންގާރަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކުރުމެވެ.

މީގެ އިތުރުން، އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ (EBITDA) ކުރިން އޮތް %30 އިން %25 އަށް ކުޑަކުރުންވެސް މި އިޞްލާޙުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙުގައި ވާގޮތުން، މި އުޞޫލުތަކާ އެއްގޮތަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ. އަދި މި އިޞްލާޙަށް ރަސްމީކޮށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 1 ޖަނަވަރީ 2027 އިން ފެށިގެންނެވެ.