ކުޑަ އާބާދީއަކާއެކު 4،000 އަހަރުވީ ތާރީޚެއްގައި މިނިވަންކަންމަތީ ދެމިތިބެ، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތައް ލިބިގަތުމަކީ ދިވެހީންގެ ޤައުމީ ވިސްނުމާއި މާތް ﷲ ދެއްވި މަތިވެރި ނިޢުމަތުގެ ހެއްކެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ ބޭއްވެވި، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކޮށް، ޤައުމުގެ މާޒީއާއި މިއަދާއި މުސްތަޤުބަލާ މެދު ފިކުރު ހިންގުމުގެ ދުވަސް ކަމަށެވެ. އަދި ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ނިންމުމުގެ މަތީން ހޮވާފައިވާ ވެރިޔަކު ހިންގާ ޑިމޮކްރެޓިކް ވެރިކަން ކަމުގައި ފާހަގަކުރައްވައި، ޖުމްހޫރީ ދުވަހަކީ ދިވެހީންގެ ދައުލަތުގެ ވެރިކަމާ މެދު ދިވެހީންގެ ބަސް އިއްވި ދުވަސް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތާރީޚީ ނަސީބުވެރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެން ވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާޢުކޮށް މިނިވަންކަންމަތީ ތިބުމަކީ އާދަޔާ ޚިލާފު ޙަޤީޤަތެއް ކަމަށެވެ. މީގެއިތުރުން، ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި އަނިޔާ ލިބެމުންދާ އެތައް އިންސާނުންނެއްގެ ވޭންތަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ އަމާންކަމާއި މިނިވަންކަމަށްޓަކައި އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތްތާ ކުރީކޮޅުގައި ދިވެހީން އެ މާތް ދީން ޚިޔާރުކުރިކަމާއި، މި ސަރަޙައްދުގައި އެންމެ ފުރަތަމަ ލިޔެވުނު ފުރިހަމަ ޤާނޫނުއަސާސީ އެކުލަވައިލީ ދިވެހީންކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އިންތިޚާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް، އަދި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހީން ވާޞިލުވުމުން އެނގެނީ، ޤައުމަށް އެންމެ ފައިދާހުރި މަގުތައް ޚިޔާރުކުރުމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ރައްޔިތެއްކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން، ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުން ވަނީ ކުރިއަށް ގެންދަވާފައެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން ވެސް މި ޖަލްސާގައި އޮތެވެ.