ހއ. ވަށަފަރުގައި ހުރި ފަޅު ގޯތިތައް 15 ދުވަހުގެ ތެރޭގައި ސާފުކުރުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.
ވަށަފަރު ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، އެ ރަށުގައިވާ ބައެއް ފަޅު ގޯތިތަކާއި އެ ގޯތިތަކާ އިންވެގެންވާ މަގުތަކުގައި ވިނަފަޅައި ވައުވަމުންދާތީއެވެ. އަދި މިކަމުގެ ސަބަބުން ރަށުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް އެކި އުނދަގޫތަކާ ކުރިމަތިލާންޖެހި، އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ފަޅު ގޯތިތައް ވައުވުމުގެ ސަބަބުން ޢާންމުންނަށް ކުރިމަތިވާ އުނދަގޫތަކުގެ އިތުރުން، ރަށުގެ ރީތިކަމާއި ސާފުތާހިރުކަން ވެސް އެކަމުގެ ސަބަބުން ގެއްލެމުންދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ނޮވެމްބަރު 19 އިން ފެށިގެން ދީފައިވާ 15 ދުވަހުގެ މުހުލަތުގެ ތެރޭގައި އެފަދަ ފަޅު ގޯތިތައް އެއްކޮށް ސާފުކޮށް ނިންމުމަށް ވަށަފަރު ކައުންސިލުން ވަނީ އަންގާފައެވެ.
މީގެއިތުރުން، ފަޅު ގޯތިތައް ސާފުކުރުމުގެ އިތުރުން މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ބަލައި، މަދިރި ނުއުފެދޭނެ ގޮތަށް އެފަދަ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ވެސް ކައުންސިލުން ވަނީ އިރުޝާދު ދީފައެވެ.
ވަށަފަރު ކައުންސިލުން ވަނީ ރަށުގެ ވެށި ސާފުކޮށް ބޭއްވުމަށާއި މަދިރީގެ އުނދަގުލުން ރައްކާތެރިވުމަށްޓަކައި، ރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުން މިކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެދި އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!