މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 114.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ އޮކްޓޫބަރު މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 93.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
ވަކިވަކި މަސްތަކަށް ބަލާއިރު، މިދިޔަ އޮކްޓޫބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 5.2 މިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 5.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.
އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް އަދަދު ވަނީ ވޭތުވެދިޔަ އަހަރު ލިބުނު ޖުމްލަ އަދަދަށް ވުރެ ވެސް އިތުރުވެފައެވެ. އެ އަދަދު 106.4 މިލިއަން ރުފިޔާގައި ހުރިއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މިންވަރު ވަނީ ފަހަނައަޅައި ގޮސްފައެވެ.
ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި މުދަލު ޒަކާތް ލިބޭ މިންވަރު އަހަރަކު 10 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ އަމާޒު ހިފާފައެވެ. މީގެއިތުރުން 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު އަހަރަކު ލިބޭ ޖުމްލަ ޒަކާތުގެ މަދުވެގެން 25 އިންސައްތައަކީ ކުންފުނިތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ޒަކާތް ކަމުގައި ހެދޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19،266.10 ރުފިޔާއެވެ.
މުދަލުގެ ޒަކާތަކީ ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބަކަށްވާއިރު، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ރާއްޖޭގައި 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ. މީރާގެ ސާވިސް ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ހުންނަ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން މުދަލު ޒަކާތް ބަލައިގަންނަމުންދާއިރު، އެފަދަ އޮފީހެއް ނެތް ރަށްރަށުގައި ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް ވެސް ޒަކާތް ބަލައިގަންނާނެ ކަމަށް މީރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!