ހދ. އަތޮޅުގައި ބޭއްވި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހދ. އަތޮޅުގެ އިމާމުންނާއި ޚަތީބުންނަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައި، ބައިވެރިވެެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފައިއެވެ.

މިއީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒު، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ހދ. އަތޮޅު ކައުންސިލްގެ އިދާރާ ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑޮކްޓަރު އަޙްމަދު ޒާހިރު ޢަލީއެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، ކައުންސިލަރުން ވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގެ އިތުރުން މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މި ޕްރޮގްރާމްގެ ބައިވެރިންނާ ވަކިން ބައްދަލުކޮށްލައްވާފައެވެ. އަދި ބައިވެރިންގެ ޝުއޫރުތައް މިނިސްޓަރު ވަނީ އަޑުއައްސަވާފައެވެ.

މިދިޔަ އޯގަސްޓް މަހުގެ 31 އިން މިމަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ރާއްޖޭގެ ފުންނާބުއުސް ޢިލްމުވެރިންނާއި ޤާރީންކުރެ، 3 ޢިލްމުވެރިންނާއި 2 ޤާރީ އެކެވެ.

މި ޕްރޮގްރާމްގައި 36 ޚަތީބުންނާއި، 14 އިމާމުންނާއިއެކު ޖުމްލަ 50 ބޭފުޅުން ބައިވެރިވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވަ އެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ، ނަމާދުގެ ޙުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާއި މަސައްކަތުގެ އަޚްލާޤާއި، އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫޢުތަކާއި ތަޖުވީދުގެ އިތުރުން ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލް އެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގޭ މި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *