މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކޮށްގެން ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ކެއްކުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ހޮނިހިރު ދުވަހެއް ކަމަށްވާ 12 ޑިސެންބަރު 2025 ގައެވެ.

Ad
rt

މި މުބާރާތް އިންތިޒާމުކުރުމުގެ މައިގަނޑު އެއް އަމާޒަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް މި ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެއިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެފަދަ ފަރާތްތައް ބައިވެރިކުރުމަކީ ވެސް މި މުބާރާތުގެ މުހިންމު މަގުސަދެކެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި، ދިވެހިންގެ ކެއުންބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދައި، ބޭނުންކުރުމުގެ މުހިންމުކަން މި މުބާރާތުގެ ޒަރީއާއިން ދައްކުވައިދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ އޮންލައިން ފޯމު މެދުވެރިކޮށް ހުޅުވާލާފައެވެ. އެގޮތުން، ކަމާގުޅޭ ފޯމު (https://forms.gle/mhq59qjJrvNKdTkGA) ފުރިހަމަކުރުމަށްފަހު، 19 ނޮވެމްބަރު 2026 ވާ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.

ފޯމުގެ ލިންކާއި މިކަމާ ގުޅޭ އިތުރު މައުލޫމާތާއި އިރުޝާދުތައް އެ މިނިސްޓްރީގެ އިއުލާނާއެކު އާންމުކޮށްފައިވާ ކަރުދާހުގައި ހިމެނިފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3339216 ނުވަތަ 3339223 ނަންބަރު ފޯނަށް ގުޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.