ހިޔާވަހި ފައިނޭންސްގެ ދަށުން ދޫކޮށްފައިވާ ލޯނުތައް، އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ޓޮޕްއަޕް ކުރެވޭނެ ގޮތްތައް ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައި އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.

Ad
rt

އެ ޕްރޮގްރާމުގައި ވާހަކަދެއްކި ރައްޔިތަކު ބުނީ، ހިޔާވަހި ފައިނޭންސްގެ ދަށުން ލޯނު ހަމަޖެހިފައިވީ ނަމަވެސް އެކަށީގެންވާ އަދަދަށް ފައިސާ ލިބިފައިނުވާތީ ގެދޮރު އިމާރާތްކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެތެރޭގައި ގެދޮރު އެޅުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ހަމަޖެހިފައި އޮތް ނަމަވެސް، އެޕްލައިކޮށްގެން ލިބުނީ 650،000 ރުފިޔާ ކަމަށް އޭނާ ބުންޏެވެ. އަދި އެ އަދަދުން ގެ އިމާރާތްކޮށް ނިންމާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.

މި ކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ކުރިން މިފަދަ ކަމެއް އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށެވެ. އަދި މިކަން ހިނގާފައި މިވަނީ އެމަނިކުފާނު ކަނޑައެޅުއްވި ނުވަތަ ވިސްނަވާފައި އޮތް ގޮތަށް ނޫންކަން ފާހަގަކުރައްވައި، މި މައްސަލަ ވަރަށް ގާތުން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"1 މިލިޔަން ރުފިޔާ ރަށްރަށުގައި އަޅާ ގެތަކަށް މިއޮތީ. 6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން،" ރައީސް ވިދާޅުވެފަވެއެވެ.

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި މައިގަނޑު ތިން ސްކީމެއް ހިމެނެއެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމާއި، ސަހަރު ފައިނޭންސިންގ ސްކީމްގެ އިތުރުން ފަހިމާލެ ފައިނޭންސިންގ ސްކީމެވެ.

މީގެ ތެރެއިން ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބެއެވެ. އަދި އަރބަން ސެންޓަރުތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދޭ ފަރާތްތަކަށް ތިން މިލިއަން ރުފިޔާ ލިބޭއިރު، މާލެ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި ގޭގެ ބެހެނިވެރިންނާ އެކުވެގެން ހަ މިލިއަން ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބެއެވެ.

ރައްޔިތުން ހުށަހަޅާ މިފަދަ ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ރަނގަޅަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ މި ޕްރޮގްރާމުގައި ދެއްވާފައެވެ. އަދި އެއްވެސް ކަމެއް ގޯސްކޮށް ގޮސްފައި އޮތް ނަމަ އެކަމެއް ރަނގަޅުކޮށްދެއްވައި، އެކަންކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.