ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީ ގޮތުން ޤާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމަވައިފިއެވެ.
ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ޚާއްޞަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުންކަމަށް މުއައްސަސާތަކުން ފާހަގަކުރެއެވެ. މި ހުސްކަން ފުރައިލުމަކީ ދައުލަތުގެ ޢަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ޤާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން ކަމަށެވެ. އަދި އެމްނާކާއިން ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރައިލައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްކިއުއޭ އިން ފާސްކޮށްފައިވާ މި ޑިޕްލޮމާ ކޯހަކީ ތަޙުޤީޤީ ދާއިރާގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ތަޙުޤީޤީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ.
މީގެ އިތުރުން، ޤާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ޤާބިލުކަން ބިނާކުރެވޭނެއެވެ. އަދި ދައުލަތުގެ މާލީ ނިޒާމުތަކާއި ޕޮކިއުމަންޓް ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި، އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ތަޙުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް މި ކޯހުގައި ކިޔަވައިދެވޭނެއެވެ.
ދައުލަތުގެ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރިކަން އަށަގަންނުވައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތުރާ ފަރާތްތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި އެމްނާކާއިން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތތައް ކުރިއަށްގެންދެއެވެ. އޭގެ ތެރޭގައި އޭސީސީގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަޙުޤީޤީ ޓީމުތަކާއި މުވައްޒަފުންގެ ފަންނީ ހުނަރު ހަރުދަނާކުރުމަށް ކޮރަޕްޝަން ތަޙުޤީޤުކުރުމުގެ ޒަމާނީ އުކުޅުތަކާއި، ލީޑަރޝިޕް ހުނަރުތަކާއި، ޤާނޫނީ އަދި އިޖުރާއީ ހޭލުންތެރިކަމުގެ ތަމްރީނު ދިނުން ހިމެނެއެވެ.
މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) އަމާޒުކޮށްގެން ކުރު ކޯސްތައް ހިންގުމަށްވެސް ވަނީ ރާވާފައެވެ. މިގޮތުން ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް ކޮރަޕްޝަންގެ ހިރާސްތައް ދެނެގަންނާނެ ގޮއި، އެފަދަ ކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ހުނަރާއި ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްނާކާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!