ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެކޮށް ޑޮލަރު ދޫކުރި މިންވަރު ކުރީގެ ސަރުކާރާ އަޅައިބަލާއިރު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަމާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުވުމަށް ލިބޭ ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.
މަޖިލިސް ތަޅުމުގައި ވާހަކަދައްކަވަމުން ސައީދު ވަނީ ސަރުކާރުން އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ހޯއްދަވާފައިވާ ކާމިޔާބީތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމުގެ ތަފްޞީލު ހާމަކުރައްވާފައެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ބީއެމްއެލްއިން 15.42 ގެ ރޭޓުގައި ޑޮލަރު ދޫކުރި އަދަދަށް ވުރެ، މި ސަރުކާރުގައި ދޫކުރި ޑޮލަރުގެ އަދަދު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 90.07 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.39 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ އަދި އަސާސީ މުދަލުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިރާނު-އެމެރިކާ ހަނގުރާމައާ ގުޅިގެން ރައީސް އުފެއްދެވި ކްރައިސިސް ކޮމިޓީގެ މަސައްކަތުން، ''ﷲ ގެ ވާގިފުޅާއެކު'' ރާއްޖެ ތެލަށާއި، ގޭހަށާއި، ކާޑަށް ނުޖެހި ސަލާމަތްވި ކަމަށެވެ. އަދި ބާޒާރުގެ އަގުތައް ކޮންޓޯލް ކުރުމުގެ ގޮތުން އިގްތިސޯދީ ވުޒާރާއިން ދުވާލަކު އެއް ފަހަރު 164 އައިޓަމެއްގެ އަގުތައް މާކެޓުގައި ހުރި މިންވަރު ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
ސީދާ ކެބިނެޓުން ނިންމަވައިގެން އަސާސީ މުދަލުގެ ލިސްޓު ފުޅާކޮށްފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، އިތުރު 10 ބާވަތުގެ ތަރުކާރީއާއި، 10 ބާވަތުގެ މޭވާއާއި، މުގު، ކާށި އަދި ކުކުޅު ބިސް ހިމެނޭހެން ތިން ބާވަތެއް އަސާސީ މުދާ ކަމ ކަނޑައަޅައި، ލިސްޓު 3 އިން 26 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި 31 އޮގަސްޓް 2026 ގައި މި ލިސްޓު 26 އިން 80 އަށް އިތުރުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ބަނދަރާއި މުދާ ކްލިއަރ ކުރުމުގެ ޚިދުމަތްތަކާ ބެހޭގޮތުން ވަޒީރު ވިދާޅުވީ، އަމާޒަކީ 2027 ނޮވެންބަރުގައި ތިލަފުށި އިންޓަރނޭޝަނަލް ޕޯޓު ފުލް އޮޕަރޭޝަނަށް ގެނައުން ކަމަށެވެ. އެގޮތުން އޮކްޓޫބަރު 2026 ގައި ދޯނިން އުފުލާ މުދާ ތިލަފުށިން ކްލިއަރ ކުރަން ފަށާފައިވާކަން ފާހަގަކުރައްވައި، ޑިސެންބަރު 2026 ގައި ދޯނިން އުފުލާ މުދާ ކްލިއަރ ކުރުން އެއްކޮށް ތިލަފުށްޓަށް ބަދަލުކުރުމުން މާލެ އަދި ހުޅުމާލެ ކީވޯލްގެ ތޮއްޖެހުން އިތުރަށް ކުޑަކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ނޮވެންބަރު 2027 ގައި އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކާގޯ ކްލިއަރަންސް އެއްކޮށް ތިލަފުށްޓަށް ބަދަލުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވިޔަފާރި މަރުކަޒުތަކާއި ވުޒާރާގެ މަސައްކަތްތަކުގެ ދެފުށްފެންނަ މިންވަރާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ބިޒްނަސް ސެންޓަރުން މިހާރުވެސް ޚިދުމަތް ދެމުންދާ ކަމަށާއި އެއްވެސް ސެންޓަރެއް ބަންދުނުކުރާ ކަމަށެވެ. އަދި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 192 އާރު.ޓީ.އައި އަށް ޖަވާބުދީފައިވާ ކަމަށާއި، ސީދާ އެމަނިކުފާނު 184 ފަހަރު މީޑިއާއާ ބައްދަލުކުރައްވައި، މަޖިލީހުން ދަންނަވާލި ކޮންމެ ފަހަރަކު ޖަވާބު ދެއްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 1 ޚިޔާލެއް ލިބިފައިވޭ!
ބަންކަރިންގެ ވިޔަފާރީގެ ތަފާސްހިސާބު ކަމަށް ވިދާޅުވެ ސައީދު އެދެއްވަނީ އެސް ޓީ އޯ ގެ މުޅި ތެލުގެ ވިޔަފާރިގެ އަދަދުތަށް. އެސް ޓީ އޯ ގެ ވިޔަފާރީގެ %80 އަކީ ތެލުގެ ވިޔަފާރިއާ އޭގެ ފައިދާ.ރައްޔިތުންނަށް އޮވާނުލައްވާ