ރައްޔިތުން ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް އަހުލުވެރިކުރުވުމަށާއި ޞިއްޙީ ދާއިރާގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މައުރަޒު އިފްތިތާޙުކޮށްދެއްވާފައިވަނީ މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކަމަށްޓަކައި ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދަޢުލަތުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިންވެސް މި އިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކްސްޕޯގައި ޤާއިމުކޮށްފައިވާ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން، އެ ސްޓޯލްތަކުން ޢާންމުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި މަޢުލޫމާތުތަކާ ގުޅޭގޮތުން ދެކަނބަލުން ވަނީ އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންވެސް އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެކްސްޕޯއަކީ ޞިއްޙީ ދާއިރާގެ ޞައްޙަ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަށާޖެހޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ. މީގެއިތުރުން ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތުވެސް މި މައުރަޒުގެ ތެރެއިން ލިބިގެންދާނެއެވެ.

މި މައުރަޒުގައި މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތައް ހިމެނޭހެން، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 60 އަށްވުރެ ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ ބޭނުމުގައި، މި އެކްސްޕޯ ކުރިއަށްގެންދަނީ ހުރިހާ ޢުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލައިގެންނެވެ.

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދާނީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.