ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ހއ. ބާރަށު ކައުންސިލް ގުޅިގެން އެ ރަށުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަން ފަށައިފިއެވެ.

މި ޙަރަކާތްތަކުގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ހދ. ޕޮލިސް، ބާރަށު ކައުންސިލް އަދި ބާރަށު ސްކޫލް ގުޅިގެން އެއް ދުވަހުގެ ޚާއްޞަ ސެޝަންތަކެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތައް އަމާޒުކޮށްފައިވަނީ ބާރަށު ސްކޫލުގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށާއި، ބެލެނިވެރިންގެ އިތުރުން އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނަށެވެ.

Ad
rt

އިއްޔެ ބޭއްވުނު ސެޝަންތަކާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ބުނީ، މި ސެޝަންތަކަކީ ޢަދުލުގެ ޤާނޫނަށް ހޭލުންތެރިކުރުވުމަށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މުޅި މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ސެޝަންތަކެއް ކަމަށެވެ.

މީގެ އިތުރުން، ދީނީ ނަޒަރަކުން ދަރިން ތަރުބިއްޔަތު ކުރުމަށް މީހުން ހޭލުންތެރިކުރުވުމަށްޓަކައި ބާއްވާ ޚާއްޞަ ދީނީ ދަރުހެއް މިރޭ ބާރަށުގައި އޮންނާނެ ކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތުދެއެވެ. މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް ޠާހާ ނަޢީމެވެ.

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން އެ ކުދިންގެ ޙައްޤުތައް ދެނެގަތުމަކީ ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެކެވެ. އަދި މިއީ ގޭތެރެއިންނާއި ބޭރުތެރެއިން ވެސް އެ ކުދިންނަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މުއައްސަސާތަކާއި ބެލެނިވެރިން އަދި ދަރިވަރުން ބައިވެރިކޮށްގެން ބާރަށުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއް ބިނާކުރުމަށާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.