ށ. ފުނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ރަށުގައި މިހާރު ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ.
ފުނަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ފުނަދޫ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަނުދިނުމަށް އެޅެންހުރި ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވުނު ކަމަށެވެ. އަދި ލުއިފަސޭހަ އަގެއްގައި އެންމެ އަވަހަށް ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭ މަޢުލޫމާތު ވެސް ރައްޔިތުންނާ ވަނީ ހިއްސާކޮށްފައެވެ.
އޮކްޓޯބަރު 25 ވަނަ ދުވަހުގެ ހެނދުނު ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ވަނީ ކައިރީގައި ހުރި އެހެން އިމާރާތްތަކަށް ވެސް ފެތުރިގެން ގޮސްފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ޕެޓްރޯލް ޝެޑުގެ އިތުރުން އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށް ވެސް އަލިފާން ފެތުރިގެން ދިޔައެވެ.
މީގެއިތުރުން، އެ ސަރަހައްދުގައި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ވެސް އަލިފާން ފެތުރިފައިވާ ކަމަށާއި، އަލިފާން ރޯވި ތަންތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
މި ހާދިސާއާ ގުޅިގެން 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. މީގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފަކު ހިމެނެއެވެ. ދެން ހިމެނޭ 16 މީހުންނަކީ، ހާދިސާގެ ތެރޭގައި އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ފަރުވާ ބޭނުންވި މީހުންނެވެ.
ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް ބަންދުކޮށް، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށްޓަކައި ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް ވެސް ވަނީ ފުނަދޫއަށް ފޮނުވާފައެވެ.
މި ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ފުނަދޫ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!