މިހިނގާ ނޮވެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވިކަން ރަސްމީކޮށް މިހާރު ވަނީ އިޢުލާނު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވަނީ ރާއްޖޭގެ ޖުމްހޫރީ ދުވަހާ ގުޅިގެންނެވެ. އެގޮތުން ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ބަންދު ދުވަހެކެވެ.
މި ނިންމެވުމާ ގުޅޭގޮތުން ހާމަކުރައްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހަކީ އާދައިގެ މަތިން ސަރުކާރު ހުޅުވޭ ރަސްމީ ދުވަހެކެވެ. ނަމަވެސް އެ ދުވަސް ބަންދު ކުރެއްވުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ފަހިކޮށްދެއްވުމުގެ މަޤްޞަދުގައެވެ.
ބުރާސްފަތި ދުވަހަކީ ހަފުތާ ބަންދުގެ ކުރިން އަންނަ ދުވަސް ކަމަށްވާތީ، މި ނިންމެވުމާއެކު ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބިގެންދާނެ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.
ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީ، އެ ދުވަހު ސަރުކާރުގެ އެންމެހައި އިދާރާތަކާއި އޮފީސްތައް ބަންދުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!