ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދިނުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލައްވައިފައިވަނީ އެމްޑީއެންއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ސިވިލް ސަރވަންޓުން ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށް ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުންނެވެ.
"އެމްޑީއެންއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގަ ސިވިލް ސަރވަންޓުން ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި" މިސުރުހީގައިވާ ޚަބަރު ޓުވީޓު ކުރައްވަމުން މޮސްޓާ ވިދާޅުވީ، އެމްޑީއެން އަކީ ރައީސް ނަޝީދުގެ އެއްޗެއްކަން މިދަނީ ފެނި ހާމަވަމުން ކަމަށާއި އެމްޑީއެން އިން ރިޕޯޓް ނެރުނީވެސް ރައީސް ނަޝީދު އަޑީގައި ހުރެގެންކަން 100% ޔަގީން ކުރެވިއްޖެ ކަމަށެވެ. އަދި އެމްޑީއެން އަށް އަޅާ ކޮންމެ ފިޔަވަޅެއް ރައީސް ނަޝީދަށް އެޅުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް ނަޝީދު އިސްތިއުފާ ދިނުމަށް ގޮވާލާ ކަމަށެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން މޮސްޓާވަނީ މީގެކުރިން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!