ހުއްދަ ނެތި ދީނީ ފަތުވާ ދޭތީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފިޔަވަޅު އެޅުމަށް ޑރ. މުޙައްމަދު އިޔާޟް ގޮވާލައްވައިފިއެވެ.

ޑރ. ޢިޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ކަންކަމުގައި ބަސްބުނުމުގެ ހުއްދަ ނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޢަމަލު ކުރައްވާފައިވާ ކަމަށާއި އެހެން ކަމުން ނަޝީދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

Ad
rt

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޟް ވިދާޅުވީ ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސް ނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ނަޝީދު އަމަލު ކުރައްވާފައިވާ ކަމަށެވެ.

އެހެން ކަމުން ނަޝީދަށް ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީ އަށް ޑރ. އިޔާޟް ގޮވާލައްވާފައި ވާއިރު ޔޯގާއަކީ އަޅުކަމެއް ކަމަށް ހުޅަނގުގެ ގައުމުތަކުގައި ނުބަލާ ކަމަށާއި އެއީ ކުޅިވަރެއް އަދި ސިއްހަތަށް ފައިދާ ހުރި ކަމެއްގެ ގޮތުގައި ބެލި ނަމަވެސް އޭގެ އަސްލަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް ހުޅަނގުގެ މީހުން ވެސް އިއުތިރާފްވާ ކަމަށް ޑރ އިޔާޟް ވެސް ހިމެނިވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ޔޯގާއަކީ ކުފުރުގެ އަމަލެއް ކަމަށާއި އެހެންވެ، އެކަން ހުއްޓުވަން އަދާލަތު ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އިލްތިމާސް ކޮށްފައިވާ ދަނޑިވަޅެއްގައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔޯގާ އަކީ ޝިރުކެއް ކަން ދަންނަބޭކަލުންގެ އިޖްމާޢެއް ނެތްކަމަށެވެ.

އެހެން ކަމުން ވަކިބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޔޯގާ މައްސަލައިގައި އަދާލަތުން ބުނި ބަހަށް ނުރުހުން ފާޅުކޮށް ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ބައެއް އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު މީގެ ކުރިން އެމްޑީޕީއަށް 17 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަރަކާތެއްގައިވެސް ނަޝީދު ވަނީ ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ބައެއް އިލްމުވެރިން ބުނާތީ ނުރުހުން ފާޅުކޮށްފަ އެވެ.

އެގޮތުން މި ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމްކަމެކޭ, ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފުކަމެކޭ, މި ބާވަތުގެ ވާހަކަ ދައްކާ, އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވަން ފަށައިފިނަމަ ދެން އަޅުގަނޑުމެން އެދަނީ ސަލާމަތުގެ އައްސޭރި އަކަށް ނޫން، ކަމުގައި އެ ދުވަހުވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.