ސައުދީ އިގުތިސާދު ތެލަށް ބަރޯސާ ކުރާ މިންވަރު ކުޑަކޮށް އިގުތިސާދު ހުޅުވައިލުމަށް އަމީރު މުހައްމަދު 2017 އަހަރު އިއުލާނު ކުރި "ނިއޯމް" މަޝްރޫއުގައި ހިމެނޭ "ދަ ލައިން ސިޓީ" ނުވަތަ މިރާ ލައިން މަޝްރޫއުގެ ޑިޒައިންތައް ދައްކާލައިފި އެވެ.

މި ޑިޒައިންތައް އާންމުކޮށްފައިވަނީ، ނިއޯމްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ.

Ad
rt

މީގެ ކުރިން ނުފެންނަ އާބަން ލިވިން ތަޖުރިބާއެއް ލިބިގެންދާ ތަހުޒީބީ އިންގިލާބެއް ގެނުވާނެ، ދަ ލައިނަކީ ސައުދީ ވިޝަން 2030 ގެ އެންމެ މުހިންމު އެއް މަޝްރޫއުކަމުގައިވާ ނިއޯމް ގެ އެއް ސިޓީ އެވެ. ދަ ލައިން ލޯންޗުކުރީ މިދިޔަ އަހަރު އެވެ.

ޑިޒައިންތައް އާންމުކުރި ރަސްމިއްޔާތުގައި ކްރައުން ޕްރިންސް ވިދާޅުވީ ދަލައިން ޑިޒައިންކޮށްފައިވަނީ އާބަން ޕްލޭނިންއަށް ވަރަށް ބޮޑު ވިސްނައިގެންކަމަށެވެ. އަދި ދުނިޔޭގެ ސިޓީތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ތިމާވެށީގެ މައްސަލަތަކަށް އަޅާނުލެވޭ ކަމަށާއި މިކަންކަން ހައްލުކުރުމަށް އާ އަދި ޚިޔާލީ ހައްލުތައް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައި އޮތީ ނިއޯމް ކަމަށެވެ.

"މައްޗަށް ބިނާކުރުމުގެ ޚިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި އާކިޓެކްޗަރ، އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަންގެ ދާއިރާއިން އެންމެ ވިސްނުންތޫނު ސިކުނޑިތަކުގެ ޓީމެއް ލީޑް ކުރަމުން އަންނަނީ ނިއޯމްގައި.”

ވަލީއަހުދު އިތުރަށް ވިދާޅުވި އެވެ.

ދަ ލައިންގައި 100 ޕަސެންޓް ބޭނުން ކުރާނީ އިއާދަކުރަނިވި ހަކަތަކަމަށާއި ދަތުރުފަތުރާއި އިންފްރާސްޓްރަކްޗާއަށް ވުރެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ހާމަކޮށްފައިވާ ޑިޒައިން އަށް ބަލާއިރު ދަ ލައިންގައި 200 މީޓަރު ފުޅާމިން ހުންނައިރު، ބިމުން ފެށިގެން އުސްމިނުގައި 500 މީޓަރު ހުރެއެވެ. އެއީ އެމްޕަޔަރ ސްޓޭޓް ބިލްޑިންގަށް ވުރެ އުހެވެ. ދިގުމިނަކީ 170 ކިލޯމީޓަރެވެ. އެއީ ހއ. ތުރާކުނުން ފެށިގެން ނ. އަތޮޅުގެ ނިމޭ ހިސާބާއި އެއްވަރުގެ ސަރަހައްދެކެވެ.

އަލަށް ހާމަކުރި ޑިޒައިން ކޮންސެޕްޓްތަކުން ފެންނަނީ ސަހަރާގެ މެދުން މާސިންގާ ބިއްލޫރި ފާރެއް ދަމާލާފައި އޮންނަ މަންޒަރެވެ. ދެފަރާތުގައި ބިއްލޫރި ޖަހާފައި ވާއިރު މަތި އޮތީ ހާމަ އަށެވެ. ރަތް ކަނޑުން ފެށިގެން އިރުމައްޗަށް ސަހަރާގެ ތެރެއިން ހުރަސްކޮށް ފަރުބަދަތަކާއި ހަމަ އަށް މިފާރު ދެމިގެން ގޮސްފައިވެ އެވެ.

މިސަހަރު ތަރައްޤީކުރަނީ ނުވަ މިލިއަން ރައްޔިތުން އުޅެވޭނެ ގޮތަށެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތް ތަކެއް ހިނގާލާފައިދެވޭ ހިސާބުގައި ލިބެން ހުންނައިރު، ދަ ލައިންގެ އެއްކޮޅުން އަނެއްކޮޅަށް 20 މިނެޓް ތެރޭ ދަތުރު ކުރާނެ ހައިސްޕީޑް ރޭލު ބިމު އަޑީގައި ގާއިމްކުރެވޭނެ އެވެ. މިސަހަރު ޑިޒައިން ކޮށްފައިވަނީ ކާރުފަދަ އަމިއްލަ ވެހިކަލްތައް ބޭނުން ނުކުރާނެ ގޮތަށެވެ. އަދި ދޯނިފަހަރާއި ބޯޓުފަހަރު ކައިރިކުރެވޭނެހެން މެރީނާއެއް ވެސް ހުންނާނެ އެވެ.

މިރާ ލައިން މަޝްރޫއު ނިމޭނެކަމަށް ފުރަތަމަ ލަފާކުރީ ފަންސާސް އަހަރުންނެވެ. ނަމަވެސް މިހާރު ނިންމަން ކަނޑަ އަޅާފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް އާބަން ޕްލޭނަރުންނާއި މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ އެމުއްދަތައް ނިންމަން އުނދަގޫތަކެއް ކުރިމަތިވާނެކަމަށެވެ. މި ޕްރޮޖެކްޓްއަށް އެއް ޓްރިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. ސައުދީންވަނީ މިޕްރޮޖެކްޓަށް އިންވެސްޓު ކުރުމަށް ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލާފަ އެވެ.