ދިވެހި ބަހުން ވާހަކަ ދައްކަން ފަރިތަވެފައި، ލިޔަން ކިތަންމެ ކުޅަދާނަ ނަމަވެސް ކާފިޔާއާއި ބަޑުވަތް އަކުރު ހަމަކޮށް ވަޒަނަށް ފައްތައި ޅެމެއް އަތުރާލުމަކީ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫނެވެ. ބައެއް މީހުން އުނގެނިގެން ޅެން ހަދައި އުޅުނު ނަމަވެސް، އަނެއްބައި މީހުންނަކީ އެއްވެސް ތަމްރީނެއް ލިބިފައި ނެތަސް ބުނަން ބޭނުން ކޮންމެ އެއްޗެއް ހިނދުންހިނދަށް ސިކުނޑީގައި ޅެންބައިތެއްގެ ސިފައަށް އަތުރާލައި ދުލުން އެ ބޭރު ކޮށްލުމިގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ.

ރާއްޖޭގައި ކުޅަދާނަ ޅެންވެރިން ތިބިއިރު، އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ ބަޔާންކުރެވިދިޔަ ފަދަ ކުޅަދާނަ ބައެކެވެ. ދާއިރާއަށް ހަގު ނަމަވެސް ހދ. ކުޅުދުއްފުއްޓަށް އުފަން އަހްމަދު މުނައްވަރު މުހައްމަދަކީ ވެސް ޅެން ބަހުރުވައިން ބުނަން ބޭނުން ކޮންމެ އެއްޗެއް ފަސޭހަކަމާއިއެކު އަތުރާލުމުގެ ޤާބިލުކަން ލިބިފައިވާ ޒުވާނެކެވެ.

Ad
rt

ފެންނަ މަންޒަރާއި ހާލަތަށް ޅެމެއް އަތުރާލުމަކީ މުނައްވަރަށް ފެންތައްޓެއް ބޯލުންހާ ފަސޭހަ ކަމަކަށްވާއިރު، އޭނާ ބުނެފައިވާ ގޮތުގައި އެފަދަ ޅެމެއް އަތުރާލަން އޭނާއަށް އެންމެ ވިހި މިނެޓް ވެސް ފުދެއެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ކަންކޮޅު ތަކުގައި ވެސް ބޮޑު ކަމެއް ހިނގާނަމަ އެ ކަމަކާއި ގުޅޭ ގޮތުން މުނައްވަރުގެ ޅެމެއް ނުފެނި ނުދާނެއެވެ.

މުނައްވަރުގެ ޅެމެއް

ޅެމަކުން އެކަމެއް އެންމެންނަށް ސިފަވާނޭހެން ތިލަކޮށްދީ، ދޭން ބޭނުންވާ މެސެޖް އާންމުންނަށް ފޯރުކޮށް ދިނުމަކީ މުނައްވަރު ހުސް ވަގުތު ފުރާލަން ކުރާ ބޭނުންތެރި މުހިންމު މަސައްކަތެކެވެ.

"މުޖުތަމަޢުގައި ހިނގާ ކަންކަން ޅެން ބަހުރުވައިން ތިލަކޮށް ފޯރުކޮށްދެނީ، އެންމެ ބޮޑު ބޭނުމަކީ އާންމުންނަށް ބޭނުންތެރި މުހިންމު މެސެޖްތަކެއް ފޯރުކޮށްދީ ހޭލުންތެރި ކުރުން" މުނައްވަރު ޅެން ހަދައި އާންމު ކުރުމުގެ މަޤުޞަދު ހިއްސާ ކުރަމުން ބުނެފައިވެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި މުނައްވަރު ހަދާފައިވާ ޅެމެއް

މުނައްވަރު ތަޢުލީމް ހާސިލް ކޮށްފައި ވަނީ މާލޭ ގަލޮޅު މަދަރުސާއިންނެވެ. މަދަރުސާގައި ތަޢުލީމް ހާސިލްކުރި ދުވަސްވަރު އޭނާ ފާހަގަ ވެފައި ވަނީ އަދަބީ ކަންކަމަށް ލޯބިކުރި ދަރިވަރެއްގެ ގޮތުގައެވެ. މިގޮތުން އެ މަދަރުސާގެ ފެންވަރުގައި ބޭއްވި ޅެން ހެދުމުގެ ދެ މުބާރާތަކުން އެއްވަނަ އަދި އެއް މުބާރާތުން ދެވަނަ އޭނާ ވަނީ ހޯދާފައެވެ.

މީގެ އިތުރުން އެ ދުވަސްވަރު ޤައުމީ ޅެންހެދުމުގެ މުބާރާތުގައި ބައިވެރިވެ އޭނާ ވާދަކުރި އުމުރު ފުރާއިން ވަނީ ދެވަނަ ހޯދާފައެވެ. "ޝާއިރުންގެ ވާދީ" އިން ފާއިތުވި އަހަރު ދިވެހިރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދާފައި ވަނީ ވެސް އޭނާއެވެ.

"ޝާޢިރުންގެ ވާދީން" ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ 1 ވަނަ މުނައްވަރަށް

2003 ވަނަ އަހަރު މަދަރުސީ ދައުރު ނިންމައި މަސައްކަތުގެ މާހައުލަށް މުނައްވަރު ނުކުމެފައި ވަނީ ޅެން ހަދަން ދަންނަ މީހެއްގެ ލޭބަލް ޖެހިގެންނެވެ. ނަމަވެސް މަސައްކަތުގެ މާހައުލަށް ނުކުމެ، މަސައްކަތަށް ދެވުނު އަހަންމިއްޔަތާއިއެކު ޅެން ހެދުމަށް އޭނާގެ ހިތުގައި އޮތް ޝަޢުޤު ގެއްލިގެން ދިޔައެވެ.

އަހަރު ތަކަކަށް ފަހު ޅެން ހެދުމުގެ ތެރެއަށް އަލުން މުނައްވަރަށް ވަދެވިފައި ވަނީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައި ވަގުތެވެ. ގެޔާއި ވަޒީފާގެ މާހައުލުގައި ތާށިވެ ލިބުނު ހުސް ވަގުތާއި ގުޅިގެންނެވެ. ހުސް ވަގުތު ފުރާލުމުގެ ގޮތުން 2020 ވަނަ އަހަރު ތެރޭ ޅެން ހަދަން ފެށިއިރު ހާލަތު ކުރިއާއި ވަރަށް ބޮޑަށް ތަފާތެވެ. މޯބައިލް ފޯނުން ކޮންމެ ތާކު އިނދެގެން ވެސް ޅެން ލިޔެ ސޯޝަލް ނެޓްވޯކްތަކަށް ހިއްސާ ކުރުމުގެ ލުއި ފަސޭހަ އޮތުން ވެގެން ދިޔައީ އޭނާގެ ޅެންވެރި ކަމުގެ އައު ބާބެއް ފެށެން ދިމާވި މައިގަނޑު ސަބަބަށެވެ.

މުނައްވަރުގެ ޅެންބަހުން މިޝްކާގެ ޖަނާޒާގެ ވަގުތުކޮޅު: "ހީވޭ ބުނާހެން އެއްފަހަރު ނަމަވެސް އައިސް ބައްދާލަދީ"

މުނައްވަރުގެ ޅެންތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަން ފެށުމާއިއެކު، ރާއްޖޭގައި ފުންނާބު އުސް ޅެންވެރި ބޭބޭފުޅުންނަށް ފެނި، އެކަމުން ކުރިއަށް ދިޔުމަށް ހިތްވަރު ދެއްވިއެވެ. ޅެންވެރިންގެ ވައިބާ އޮޅިތަކަށް ވައްދައި ޅެންތައް އިތުރަށް ފުރިހަމަ ކުރާނެ ގޮތްތަކާއި، އަދި މި ނޫން ވެސް ޅެން ހެދުމާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް އެ ބޭފުޅުން ފަރާތުން ލިބުމާއިއެކު، މި ފަންނުގައި އޭނާއަށް އައު ޖޯޝެއް ގެނުވިއެވެ.

މުނައްވަރުގެ ޅެމެއް

ޅެން ހެދުމާއި ސްކޫލް މަދަހަ މުބާރާތްތަކަށް މަދަހެ ހެދުމުގެ އިތުރުން ރާގުތަކަށް ޅެން ހެދުމަކީ މުނައްވަރު ހިލޭ ސާބަހަށް މިހާރު ވެސް ގިނަ ބަޔަކަށް ކޮށްދެމުން އަންނަ މަސައްކަތެކެވެ. އޭނާ ބުނެފައިވާ ގޮތުގައި ފައިސާއަށް ޅެން ނުވަތަ މަދަހަ ފަދަ ތަކެތި ހަދައިދިނުމުގެ ފުރުޞަތު ލިބެއެވެ. ނަމަވެސް މިއީ އާމްދަނީ ހޯދަންކުރާ މަސައްކަތަކަށް ނުވާތީ މިކަން އޭނާ ކޮށްދެމުން އަންނަނީ ހިލޭ ސާބަހަށެވެ.

ޅެން ހެދުމުގައި މުނައްވަރު ކުރިއަށް ދިޔުމުގައި ރާއްޖޭގެ ހުރިހާ ޅެންވެރިންގެ ތަރުހީބު ވެސް އަނަންނީ ލިބެމުން ކަމަށާއި، ވުމާއެކު ހުރިހާ ޅެންވެރިން ވެސް ބަހައްޓާ ގާތްކަމާއި ދެއްވާ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް އޭނާ ޅެންވެރިކަމުގެ ތެރެޔަށް ނެރެދިން ސްކޫލް ދައުރުގެ މުދައްރިސް ކުރޮޅި އާދަމް ޒާހިރުގެ ނަން ފާހަގަކޮށް އޭނާވަނީ ޝުކުރު އަދާކޮށްފައެވެ.