ހދ. ކުޅުއްފުށީ ސިޓީއަށް ނިސްބަތްވާ އަހްމަދު މުނައްވަރުގެ މުޅި ދުވަސް ހޭދަކުރަނީ ސަހަރާގައެވެ. ޖަމާއަތްތެރިއެއްގެ ގޮތުގައި އެތައް ހާސް ޖަނާޒާއެއް އޭނާ ތަޖުރިބާކޮށްފިއެވެ. އެންމެ ލޯބިވާ މީހުންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގައި އެތައް އާއިލާއެއްގެ ހިތްދަތި އަލްވަދާއު އޭނާ ދެކެފިއެވެ.

އަންގާރަ ދުވަހުގެ ރޭ މިދުނިޔެއާއި ވަކިވެގެން ދިޔަ ތުއްތު މިޝްކާގެ ޖަނާޒާގެ ވަގުތަކީ އޭގެތެރެއިން ވެސް މުނައްވަރަށް ތަފާތު އިހްސާސެއް ގެނުވި ވަގުތެކެވެ. މިޝްކާއަކީ، މުނައްވަރު ވެސް ނިސްބަތްވާ ކުޅުދުއްފުށީ ދެމަފިރިއެއްގެ ހަމައެކަނި ދަރިފުޅެކެވެ.

Ad
rt

މިޝްކާގެ ވަކިވުން މުނަވައްވަރު ވަނީ އޭނާގެ ކުޅަދާނަ ޅެންބަހުން ބަޔާންކޮށްދީފައެވެ. އަދި މިޝްކާގެ ޖަނާޒާގެ ވަގުތު މަޔަކަށް ކޮށްފައިވާ ފުންއަސަރު ދެކި، އެ ހިތްދަތި ވަގުތުކޮޅު ވެސް އޭނާ ވަނީ ޅެންބަހުން ސިފަކޮށްދީފައެވެ. އެސިފަކުރުމުން ކުރަހާލަދޭ އެ ހިތްދަތި މަންޒަރު އޭގެ އަސްލުނުގެއްލޭނޭ ހަމައަކުން މިތާ ލިޔެލެވޭތޯ ބަލާނަމެވެ.

ފޮޓޯ: ވަގުތު

މިޝްކާގެ ވަކިވުމާއި ގުޅިގެން މުނައްވަރު ބުނެފައި ވަނީ، "ފާޠިމަތު މިޝްކާ މުޙައްމަދު" ވަކިވެގެން ދިޔައީ ރޮއްވާފައި ކަމަށެވެ. އަދި އެއީ ޤާޠިލަކު ދިން ހަމަލާއެއް ނޫން ނަމަވެސް، އެކަމުން އިބުރަތްތެރި މެސެޖެއް ލިބުނުކަަމަށް އޭނާ ބުނެފައި ވެއެވެ.

"މަންމަޔާ ބައްޕަގެ ހިތާ މުޅި އާއިލާ އެންމެން ފަދައިން
ދަންނަގާތް ހެޔޮ އެކުވެރިން ހިތްތައް މުޅިން ދަތިކޮށްފައޭ"

މިޝްކާ ހުރީ ކޯވިޑަށް ޕޮޒިޓިވްވުމުން މަންމައާއި، ބައްޕައާއިއެކު ހޯމް ކަރަންޓީނުގައެވެ. ޕޮޒިޓިވް މީހެއް ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއް އައިސްފިނަމަ ހޮސްޕިޓަލަށް ދެވެން އޮންނަނީ އެޗްޕީއޭއަށް އަންގައި، އެޗްޕީއޭގެ ބެލުމުގެ ދަށުންނެވެ.

މިޝްކާއަށް ނޭވާލާން އުނދަގޫވާން ފެށުމާއެކު އާއިލާއިންއެޗްޕީއޭއަށް ގުޅިއެވެ. އެމްބިއުލާންސް ނައިސްގެން އާއިލާއިން ދިޔައީ ތަކުރާރުކޮށް އެޗްޕީއޭއަށް ގުޅަމުންނެވެ. މިޝްކާގެ ނޭފަތުން ލޭވެސް އައިސް ހާލު އިތުރަށް ގޯސްވަމުން ދިޔައެވެ. އެޗްޕީއޭއިން އެމްބިއުލާންސް ފޮނުވުން ބޮޑުތަނުން ލަސްވަމުން ދިޔުމާއެކު އާއިލާއިން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވެސް ގުޅިއެވެ. ނަމަވެސް އެއީ ޕޮޒިޓިވް ކުއްޖެއްކަަމަށް ވުމުން އައިޖީއެމްއެޗް އެމްބިއުލެންސެއް ނައެވެ.

އެޗްޕީއޭއިން ފޮނުވި އެމްބިއުލާންސް އައީ އެމްބިއުލާންސް ފޮނުވައި ދިނުމަށް އާއިލާއިން އެދި އާދޭސް ކުރަން ފެށިތާ 2 ގަޑިއިރާއި 40 މިނިޓް ފަހުންނެވެ.

"ނުލިބި އެންބިއުލާންސް މިގޮތަށް ވަކިވިޔަސް މިޝްކާ މުޅިން،
އަލިމަގެއް މިކަމަށް ހިނގާ ހޯދަން ވަސިއްޔަތް ކޮށްފައޭ"

ކަންހިނގި ގޮތާއި ގުޅުވައި މުނައްވަރު ބުނެފަވެއެވެ.

މުނައްވަރު ބުނެފައި ވަނީ މިޝްކާ ވަކިވެ ދިޔައީ، އެ މައުސޫމް ކުއްޖާއަށް މެދުވެރިވި ހާލަތް އެހެން ކުއްޖަކަށް ވިޔަސް މީހަކަށް ވިޔަސް ތަކުރާރު ނުވާނޭހެން ކަމާގުޅުން ހުރި އިދާރާތަކުގެ މަސައްކަތް ބައްޓަންކޮށް، ބަދަލުތައް ގެނައުމަށް ވެސް ބުނަމުންކަމަށެވެ.

"ދިރިހުރުމަށް މަސައްކަތް ކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް،
އެކަމު މިޝްކާ ވަކިވެދިޔައީ އެ ހައްގުވެސް ނުލިބި ގައުމު ރޮއްވާފައި" -މުނައްވަރު-

މުނައްވަރު ބުނެފައި ވަނީ މިޝްކާ ނިޔާވި ރޭ އޭނާއަށް ފެނުނީ ހިތްދަތި މަންޒަރުތަކެއް ކަމަށެވެ. އެތަންފެނި އޭނާގެ ހިތް ކުދިކުދިވި ކަމަށާއި، އެއްވެސް އިހްތިޔާރަކާއި ނުލާ އޭނާގެ ލޯ އެތައް ފަހަރަކު ފެންކަޅިވިކަމަށް މުނައްވަރު ބުނެފަވެއެވެ.

މޭގައި މިވާ ހިތް ކުދިވިޔޭ މަންޒަރުތަކުން ހިތްދަތިވިޔޭ
ރޭގައި ދެލޯ ގަސްދާނުލައި އެތަކެއް ފަހަރު ފެންކަޅިވިޔޭ

މަޔަކަށް ކުރާނޭ ފުން އަސަރު އަހުރެން ދުށިން ގާތުން ވަރަށް
ހެޔަށޭ އެންމަގެ ގޮތްވެގެން ގެންދިޔަހިނދުން ކަންބޮޑުވިޔޭ

ސަހަރާއިން މިޝްކާ މަންމަ ފެނުމުން މުނައްވަރުގެ ހިތައް ކުރިއަސަރު ބަޔާންކޮށްދެމުން ބުނެފަވެއެވެ.

"ކުޑަކުޑަ އެމިޝްކާ ވަކިވުމުން މަންމަގެ ހިތަށްކުރި އަސަރަކުން
ގުޑައެއް ނުލެވުނޭ ގަބުވެފައި އިންގޮތް ފެނުނު ހިނދު ދެރަވިޔޭ

ކެތްތެރިވުމަށް ބޭނުންވިޔަސް ދަރިޔަކު ޚަޔާތާ ވަކިވުމުން
ކެތްނުވެ ދެލޯ ބަންޑުންވެގެން ދިޔަތަން މަށް ފެނިފައިވިޔޭ"

އަދި އެއްފަހަރު ނަމަވެސް އައިސް ބައްދާލަ ދޭށޭ ބުނާހެން އެމަންމަގެ ހިތުގެ އެންމެ ފުން މިނުން ބުނާހެން ހީވާކަމަށާއި އެމައިމީހާގެ ހިތަށް ކުރާނެ އަސަރު އަހަރެންނަށް އިހްސާސްވި، ކިތަންމެ ކެތްތެރިވާން ބޭނުންވި ނަމަވެސް ދަރިޔަކު އަބަދަށް ވަކިވެދިޔުމުން ކެތްނުކުރެވި، ދެލޯ ކަރުނުންފުރިފައި ވަނިކޮށް ފެނިފައިވާކަން ބަޔާކުރަމުން މުނައްވަރުގެ ޅެން ބަހުން ސިފަކޮށްދީފައި ވެއެވެ.

"ލައްވާށިއޭ މާތް ޖަންނަތުން މިޝްކާއެކީގައި މަންމަޔާ، ދެއްވާށިތޯ އަރުޝީން ހިޔާ އެދިގެން ދުޢާވެސް ކުރެވެޔޭ"

މިޝްކާގެ ޖަނާޒާ އޮތީ އަންގާރަ ދުވަހުގެރޭ މެންދަމުން އަނބުރާ 3:30ގައި ހުޅުމާލޭ ސަހަރާގައެވެ.