މަރުވެ ނެތެމުންދާ ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު ކައިރިން ބަލައި، ވަޒަން ކުރުމަށް ތިމާވެއްޓާބެހޭ ވަޒީރާއި، ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާބެހޭ ކޮމެޓީގެ މުޤައްރިރު އެ ކަނޑޫފަލަށް ޒިޔާރަތްކޮށްދެއްވުން އެދި، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ދައުވަތު އަރުވައިފިއެވެ.
މި ދައުވަތު އެރުވީ މަޖިލީހުގައި ނޭކުރެންދޫ ތަމްސީލްކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އެވެ.
މިގޮތުން ރާޢީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ތިމާވެއްޓާބެހޭ ވަޒީރު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުޤައްރިރު، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު ބައްލަވާލެއްވުމަށް އެރަށަށް ވަޑައިގެން ދެއްވުމަށް އެދި ދަޢުވަތު ފޮނުއްވާފައެވެ.
އެ ޓްވީޓްގައި ރާޢީ ވަނީ އޭނާ ނޭކުރެންދޫ ކަނޑޫފަލުގައި ހުންނަވައިގެން ދެއްވާ މެސެޖެއް ހިމަނުއްވާފައެވެ. މިގޮތުން އެ ޓްވީޓުގައި ހިމަނާފައިވާ ވީޑިއޯއެއް މެދުވެރިކޮށް ރާޢީ ވަނީ، ތިމާވެއްޓާބެހޭ ވަޒީރު އެރަށަށް ވަޑައިގެން ކަނޑޫފަލުގެ ހާލަތު ބައްލަވައި ދެއްވުން އެދި ދައުވަތު އަރުވާކަމަށް ވިދާޅުވެފައެވެ.
ރާޢީ ވަނީ މީގެކުރީން ވެސް ނޭކުރެންދޫ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވާފައެވެ. މިގޮތުން މަޖިލިސް ޖަލްސާއެއްގައި އެ ކަނޑޫފަލުގެ ކަނޑޫގެންދެވައިގެން ޝުއޫރުފާޅުކުރެއްވުމުގެ އިތުރުން ކަމާބެހޭ އިސްބޭފުޅުންނާ ބައްދަލުކުރަށްވައި އެކަމުގެ ހައްލު ހޯއްދަވައިދެއްވަން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މި ފޮޓޯތަކުން "އެންމެ ބޮޑު ކަނޑޫފާ" ހަލާކުވަމުންދާ މިންވަރު ވަޒަންކޮށްލާ!
ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ ކަނޑޫފަލެވެ. ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަހައްދު ހިމާޔަތްކުރަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަންފީޒުކުރާ ހިމާޔަތްކުރުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައެޅި ވައުދެކެވެ.
ނޭކުރެންދޫ ބޮޑު ސަރަހައްދެއްގައި ކަނޑޫފާ ހެދިފައިވާއިރު އެއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 10 ވަނަގައިވާ ކަނޑޫފަލެވެ. އޭޝިއާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފަލެވެ.
ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް، ކަމާގުޅުން ހުރި އިދާރާ ތަކާއި އެކު ރާޢީ މަޝްވަރާކޮށްފި
ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާ ކޮށްފައެވެ. އެރަށު ކަނޑޫފާ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ އެރަށު ކައުންސިލުންނާއި، ރައްޔިތުން ކުރަމުން ދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެރަށު ކަނޑޫފާގެ ކަނޑޫގަސްތައް މަރުވެ، ނެތިދާ ސަބަބު ހޯދުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުންނާއި ސޭވް މޯލްޑިވްސް ގުޅިގެން 2020 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ވަނީ ފަށާފައެވެ.
މިގޮތުން ކަނޑޫގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް ޖޫން 27 ވަނަ ދުވަހު ފަށާފައިވާއިރު، މިދިރާސާއަކީ ނޭކުރެންދޫ ކައުންސިލާއި، އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި، ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ސޭވް މޯލްޑިވްސް ހަރަކާތުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ. މިދާރާސާއަށް މާލީ އެހީތެރިކަން ދެނީ ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުންނެވެ.
ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުން ވެސް ވަނީ ނޭކުރެންދޫ ކަނޑޫފަލުގައި، އެ ކަނޑޫފަލުގެ ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާ ސަބަބު ހޯދުމުގެ ދިރާސާތައް ކޮށްފައެވެ.
ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުން
ރާއްޖޭގެ އެކިހިސާބުތަކުގެ ކަނޑޫފާތައް މަރުވަމުންދާކަމުގެ ރިޕޯޓުތައް ލިބިފައިވާއިރު މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. ކުމުންދޫ، ހދ. ކޭލަކުނު، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.
މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ”ސޭވް މޯލްޑިވްސް” ހަރަކާތުން، އެ ހަރަކާތަށް ކަނޑޫފާތައް މަރުވަމުންދާ ކަމަށް ރިޕޯޓުލިބިފައިވާ ރަށްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ރަށްތަކުގެ އިތުރުން ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ހިމެނޭ ކަމަށް ހާމަކޮށްފައިވެއެެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވެފައި ވަނީ ގދ. ހޯނޑެއްދޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!