ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ދުނިޔޭގެ ތިމާވެށި ދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު މިވަނީ ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު ހީވެފައެވެ.
ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރު "ތިލަދުން" އަށް ވިދާޅުވީ، އެރަށުގެ ކަނޑޫފަލުން ހެކްޓަރަކަށް ވުރެ ބޮޑު ސަރަޙައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާ ކަމަށެވެ. މިސަރަހައްދުން ވަނީ ކުދި ގަސްތަކުން ފެށިގެން ބޮޑެތި ގަސްތަކާއިއެކު މަރުވެފައި ކަމަށް ޒާހިރު ވިދާޅުވިއެވެ.
ފޮޓޯ ނޭކުރެންދޫ ކައުންސިލް
ޒާހިރު ވިދާޅުވީ ކަނޑޫގަސްތައް މަރުވެގެން ދަނީ ފަންޏެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ކަނޑޫގަސްތަކުން ފަންޏެއް ފެނިފައިވާ ކަމަށާއި، ގަސްތައް މަރުވަނީ ސީދާ އެފަނީގެ ސަބަބުންކަމަށް ދަންނަވަން އެނގިލަށްވާނީ، ކަމާބެހޭ މާހިރުންގެ ބަހެއް ލިބުމުން ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
މީގެ 40 ހަކަށް އަހަރު ކުރިންވެސް މިގޮތަށް އެ ކަނޑޫފަލަށް ދިމާވިކަމަށް ޒާހިރު ވިދާޅުވިއެވެ. އެފަހަރު މާލެއިން ޚާއްސަ ވަފުދެއް ރަށަށްގޮސް ކަނޑޫ ގަސްތަކަށް ބޭސް ޖެހިކަމަށާއި، ފަހުން ކަނޑޫފާ އާލާ ކުރީ ރައްޔިތުން އަލުން ކަނޑޫގަސްތައް އިންދައިގެން ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

ހިމާޔަތްކޮށްފައިވާ އެރަށުގެ ކަނޑޫފާ މިހާބޮޑަށް ނެތިގެން ދާއިރު އަދި ކަމާބެހޭ އެއްވެސް ފަރާތަކަށް އެ ކައުންސިލުން އެކަން ރަސްމީކޮށް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އަންނަ ހޯމަ ދުވަހު ރަސްމީކޮށް އެކަން ކަމާއިގުޅޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.
" ނޭކުރެންދޫގެ މި ކަނޑޫފަލަކީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، މި ކަނޑޫފާ ނެތި ހިނގައިދާނެކަމުގެ ބިރު މިވަނީ ހީވެފައި، މިކަމަށް އެންމެ އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަން"
ޒާހިރު ވިދާޅުވިއެވެ.

ނޭކުރެންދޫ ކަނޑޫފަލަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަމުން ފުރިގެންވާ އަގުބޮޑު ހަދިޔާއެކެވެ. މިކަން ސަމާލުކަމަށް އައުން މިއޮތީ ލަސްވެސް ވެފައެވެ. މި ކަނޑޫފާ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ފަށައިގަތުމަށް އެންމެހާ ކަމާއި ގުޅުންހުރި ފަރާތްތަކަށް ގޮވައިލަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!