ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ.
ނޭކުރެންދޫގައި އޮންނަ މި ކަނޑޫފާ ހަލާކުވަމުންދާތީ އެރަށު ކައުންސިލުން އަންނަނީ ގިނަމަސައްކަތް ތަކެއްކުރަމުންނެވެ. މިކަން ކަމާބެހޭ ފަރާތްކުގެ ސަމާލުކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑުފާ ހަލާކުވެފައިވާ މިންވަރު ބަޔާންކޮށްދިނުމަށް ނޭކުރެންދޫ ކައުންސިލުން މިވަނީ ކަނޑޫ ފަލުގެ މަތިން ނަގާފައިވާ ގޮޓޯތަކެއް މީސްމީޑީޔާއަށް ދޫކޮށްލާފައެވެ.
ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކާއި މިފަދަ ކަންކަމަށް ވިސްނާ ފިކުރު ކުރާ ފަރާތްތަކަށް މިމަންޒަރު ތަކަކީ ބަލާލަން އެހާ ހިތްގައިމު މަންޒަރު ތަކެއްނޫނެވެ. މިފޮޓޯތަކުން ފެންނަ މަންޒަރުތަކުން މި ކަނޑޫފާ ހިމާޔަތް ކުރަން ބޭނުންނަމަ ކުރަންހުރި މަސައްކަތްތަކުގެ ގިންކަން ހާމަކޮށްދެއެވެ. ދެއަތް އުރާލައިގެން މިއަދު ތިބެވެން ނެތްކަން ހާމަވެގެން ދެއެވެ.

ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަހައްދު ހިމާޔަތްކުރަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަންފީޒުކުރާ ހިމާޔަތްކުރުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައެޅި ވައުދެކެވެ.

ނޭކުރެންދޫ ބޮޑު ސަރަހައްދެއްގައި ކަނޑޫފާ ހެދިފައިވާއިރު އެއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 10 ވަނަގައިވާ ކަނޑޫފަލެވެ. އޭޝިއާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފަލެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފަލެވެ. މިރަށުގެ ކަނޑޫފަލުގައި ރާއްޖޭގެ އެހެން ރަށްރަށުން ނުފެންނަ ގިނަ ވައްތަރުގެ ގަސްތައް ހުރެއެވެ. ޚާއްޞަކޮށް ބޭސްވެރިކަމުގައި ބޭނުންކުރެވޭ ގިނަ ވައްތަރުތަކުގެ ގަސްތައް މިރަށުގެ ކަނޑޫފާގައި ހުރެއެވެ.
އަޅުގަނޑުމެންނަށް ލިބިފައިވާ މި އަގުބޮޑު ގުދުރަތީ ހަދިޔާ ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ އިރު މިކަމަށް އަވަސް ހައްލެއް ބޭނުންވޭ!! އެހެން ނޫނީ އަންނާންއޮތް ޖީލުތަކަށް މިތަން ފެންނާކަށް ނޯންނާނެ!!
މިފޮޓޯތައް ފޭސްބުކް ގައި ހިއްސާ ކުރަމުން ނޭކުރެންދޫ ކައުންސިލުން ބުނެފައިވެއެވެ.

ތެދެކެވެ. ނޭކުރެންދޫ ކަނޑޫފަލަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަމުން ފުރިގެންވާ އަގުބޮޑު ހަދިޔާއެކެވެ. މިކަން ސަމާލުކަމަށް އައުން މިއޮތީ ލަސްވެސް ވެފައެވެ. މި ކަނޑޫފާ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ފަށައިގަތުމަށް އެންމެހާ ކަމާއި ގުޅުންހުރި ފަރާތްތަކަށް ގޮވައިލަމެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!