ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ދެ އިންތިޚާބު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކުރުމާ ގުޅިގެން، އިންތިޚާބުވި ކެންޑިޑޭޓުންނަށާއި އެ ޕާޓީގެ ލީޑަރޝިޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ ތައުރީފު ކުރައްވައިފިއެވެ.
ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދަށާއި، ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
މީގެއިތުރުން، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށްގެން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރުދެއްވި ކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އ.ތ.މ ކޮމިޓީތަކުގެ ރައީސުންނަށް އެމަނިކުފާނު ވަނީ އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ހަމައެއާއެކު، މި އިންތިޚާބު ޕީއެންސީއަށް ކާމިޔާބު ކޮށްދެއްވުމުގައި ޕާޓީގެ ލީޑަރޝިޕާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުން އަދި އެންމެހާ ފަރާތްތަކުން ކޮށްދެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، ރަށު ކައުންސިލުތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިޚާބު ކުރުމަށް ނެގި ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓް ޢަލީ އަޙްމަދު ވަނީ 314 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 58.04 އިންސައްތައެވެ. މި މަޤާމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރެއްވި ނ. މާފަރު ކައުންސިލްގެ ރައީސް ޢަލީ ޡާފިރަށް ލިބިވަޑައިގަތީ 227 ވޯޓެވެ. މި އިންތިޚާބުގައި ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ވެސް ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބޭއްވި ވޯޓު ވެސް ޕީއެންސީން ކާމިޔާބުކުރީ 26 ވޯޓުގެ ތަފާތުންނެވެ. އެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓް މަރްޔަމް ޒީނާއަށް 89 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް، ލ. ފޮނަދޫ އ.ތ.މ ކޮމިޓީގެ ރައީސް މަރްޔަމް ނީނާއަށް ލިބިވަޑައިގަތީ 63 ވޯޓެވެ.
ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ތެރެއިން އިންތިޚާބުކުރާ މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ކަމަށްވާތީ، ވޯޓުލުމަކާ ނުލައި މީގެކުރިން އޭނާ ވަނީ އެ މަޤާމަށް ހޮވިވަޑައިގެންފައެވެ. އެހެންކަމުން މިއަދު ކުރިއަށްދިޔައީ ބާކީ އޮތް ދެ މަޤާމުގެ އިންތިޚާބެވެ.
ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރުކުރުވުމުގެ މުހިންމު ދައުރެއް އަދާކުރާ އެލްޖީއޭގެ ބޯޑުގެ ރައީސަކީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އަދި އެ އޮތޯރިޓީގެ ސީއީއޯގެ މަޤާމު ފުރުއްވަމުން ގެންދަވަނީ މުޙައްމަދު ނިމާލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!