ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމުގައިވާ ހދ.ނޭކުރެންދޫ ކަނޑޫފަލުން ގިނައަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ އެ ކަނޑޫފާއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ރާއީ މަޝްވަރާ ކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި ރާއީ މިރޭ ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި އަދި އެންވަޔަރމެންޓް މިނިސްޓަރ އަދި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ އާއި ވެސް މިއަދުވަނީ ބައްދަލުކުރައްވައި ނޭކުރެންދޫ ކަނޑޫފަލަށް ދިމާވެފައިވާ ކަންކަން ހިއްސާކުރައްވާފައިކަމަށެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމެންޓް އެންޑް ކުލައިމެޓް ކޮމިޓީގެ ސަމާލުކަމަށް ވެސް މިކަން ގެންނަވާފައިވާ ކަމަށާއި މިއަދުގެ ބައްދަލުވުންތަށް ކުރިއަށް ދިޔަގޮތުގެ މަޢުލޫމާތު ނޭކުރެންދޫ ކައުންސިލުގެ ރައީސްއާއި ވެސް ހިއްސާކުރެވިފައިވާކަމަށެވެ.
އިތުރަށް ބުނެފައިވަނީ މިކަމުގައި އެހީތެރިވެދީ ކަނޑޫފާހިމާޔަތް ކުރުމަށް ކޮށްދެވެންހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ހުރިހާ އިދާރާތަކުންވެސް ދެއްވިކަމަށެވެ. އަދި މިކަމުގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް ރާއީ ވަނީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.
Shukuriyaa Minister @ZahaWaheed adhi Minister @DrHussainHassan kandoofala dhimaavefaivaa kan boduvun adu assava hallu hoadhai dhinumuge maskai fatavai dheveethee.
Majlissge Env & Climate commitee Muqarriru MP @SalleHoarafushi adhi membarun naves. @hdhNeykurendhoo @MohamedNasheed pic.twitter.com/5ENF51P5mc— Mohamed Raee / Makunudhoo Constituency (@Mraee12) July 8, 2020
މީގެ އިތުރުން ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ވަމުންދާތީ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ފޮޓޯތަކާއި އެ ކަނޑޫފަލުން ލިބޭ ކަނޑޫތަކަށް މިހާރުކޮށްފައިވާ އަސަރު މަޖިލީހުގެ ތަޅުމުގައި ރާޢީ ވަނީ ދައްކާލާފައެވެ. ރާއީ ވަނީ މަޖިލީހުގެ ޖަލްސާއަށް ނޭކުރެންދޫ ކަނޑޫފަލުން ގެނެސްފައި ހުރި ކަނޑޫތަކެއްވެސް މަޖިލީހުގެ ރައީސް އަށް އަރުވާފައެވެ. އޭގެ ތެރެއިން އެއް ޕެކެޓުގައި ފެންނަނީ ފެހި ކުލައިގެ ކަނޑޫތަކެކެވެ. އަދި ދެ ވަނަ އަށް ހުރި ޕެކެޓުގައި ފެންނަނީ މަޑު މުށިކުލައެއްގައި ހުރި ކަނޑޫތަކެކެވެ. ރާއީ ވިދާޅުވީ މި ތަކެއްޗަށް ވެފައި ހުރި ބަދަލުތައް ބައްލަވައި ދެއްވުމަކީ ދާއިރާ ތަމްސީލު ކުރާ މެންބަރެއްގެ ހައިސިއްޔަތުން އަދި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
އެ ކަނޑޫފަލުގައި ހުރި 10،000 ގަސް ހަލާކުވެފައިވާ ކަމަށް އެދުވަހު މަޖިލީހުގައި ރާޢީ ވަނީ ވިދާޅުވެފައެވެ. ކަނޑޫފަލުގެ ހާލަތު ގޯސްވުމާއި ގުޅިގެން ސަރުކާރާއި މުވައްސަސާ ތަކުގެ ސަމާލުކަން މިކަން ގެނައުމަށް ނޭކުރެންދޫ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. މަޖިލީހުގެ ތަޅުމުގައި ރާއީ މިފޮޓޯ ތަކާއި ކަނޑޫތަކަށް ކޮށްފައިވާ އަސަރު ދައްކާލުމުން ރާއްޖޭގެ ހުރިހާ މީޑިޔާއެއްގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ.
ހއ.ކޭލާ އަދި ނޭކުރެންދޫ ކަނޑޫފަލުން ގިނައަދަދެއްގެ ކަނޑޫ ގަސްތައް މަރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދިމާވެފައިވާ މައްސަލަތަށް ދެނެގަތުމަށް އީޕީއޭއާއި ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންގެ ޓީމެއް މިހާރުދަނީ މި ދެރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!