ހ.ކޭލާ އަދި ހދ. ނޭކުރެންދޫއާއި ދެރަށުގެ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލައިގައި ކުރި ފީލްޑް ސާވޭ އިން ދެރަށުގައި ތަފާތުތަކެއް ފާހަގަ ކުރެވޭކަމަށާއި ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކުރައްވައިފިއެވެ.
އިންޑިއާ ކަނޑުގައި ވެސް އޮތް އެންމެ ބޮޑު އެއް ކަނޑޫފާ ކަމަށްވާ ނޭކުރެންދޫން 10،000 އަށް ވުރެ ގިނަ ކަނޑޫ ގަސް ވަނީ މަރުވެފަ އެވެ. ކެލާ ކަނޑޫފަލަށް ވެސް އޮތީ އެ މައްސަލަ ކުރިމަތިވެފަ އެވެ. އެކަން ދިމާވި ސަބަބު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.
މިނިސްޓްރީން ހާމަ ކުރެއްވިގޮތުގައި އެދެރަށުގެ ކަނޑޫފަލަށް މައްސަލަތަކެއް މިއަހަރު ދިމާވާންފެށުމާއިއެކު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރި ދިރާސާއިން ދައްކާގޮތުގައި އެދެ ރަށުގެ ވެސް ކަނޑޫފަލުގައި ތަފާތު ފަނިފަކްސާތަކެއް ހުރިކަމަށާއި މި ފަނިފަކްސާތަކަކީ އެގަސްތަކުގެ ހެދި ބޮޑުވުމަށް ހުރަސްއަޅާ އެއްޗެހިތަކެއްކަމަށް ކުރިދިރާސާއިން ހާމަވާކަމަށް ބުނެފައިވެއެވެ.
މި ފަނިތަކަކީ އެގަސްތަކުގެ މޫތަކު ތެރޭގައި ދިރުއުޅޭ އެއްޗެއްކަންވެސް ދިރާސާއިން ދައްކާކަމަށް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ދެރަށުގެވެސް ކަނޑޫ ފަލުން މަޑިތަކެއްގެ ސާމްޕަލްވެސް ނަގާފައިވާކަމަށާއި އެމަޑިތަކުގައިވެސް ތަފާތު ތަކެއް އެބަހުރިކަމަށްވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ ކެލަ އާއި ނޭކުރެންދޫން ފެނުނު މަޑީގައި ކުދި ތަފާތުތަކެއް ހުރި ކަމަށެވެ. އަދި ގަސްތައް ކައިރީގައި ފެންގަނޑުގައި އުޅޭ ފަންނެއް ދެ ރަށުން ވެސް ފެނިފައިވާ ކަމަށެވެ.
ކެލާގައި މަރުވެފައި ހުރި ގަސްތަކުގެ ބުޑުން ފެށިގެން މައްޗަށް ފަންޏެއް ދުވެފައި ހުރި ކަހަލަ ނިޝާންތަކެއް ފެނިފައިވެ އެވެ. އެހެންކަމުން އެއީ ފަންޏެއް އެޅުމުގެ ސަބަބުން ދިމާވި ކަމަށް ވުމުގެ ފުރުސަތު އޮތް ކަމަށް އީޕީއޭ އިން ދެކެ އެވެ.
ކެލާގައި މަރުވެފައިވާ ބައެއް ގަސްތަކުގައި ރޫޓް ރޮޓް ނުވަތަ މޫފީވުމުގެ ފާހަގަ ކުރެވުނުއިރު ނޭކުރެންދޫ ކަނޑޫފަލުގައި ހުރި ގަސްތަކުން މިބަލީގެ ނިޝާންތަކެއް ފެންނަން ނެތްކަމަށްވެސް އެބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. މިދެރަށުންވެސް ނެގި ސާމްޕަލްތައް ކެރެލާ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓް އަދި އޭޝިއާ ޕެސިފިކް ފޮރެސްޓްރީ އިންވޭސިސް ސްޕީޝީޒް ގެ ތަޖުރިބާކާރުންނާއި ހިއްސާކުރެވިފައި ވާކަމަށްވެސް އެބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެ ދެ ރަށުގެ ކުޅީގެ، އަށް ސަރަހައްދަކުން ފެން ނަގައި ވަނީ ޓެސްޓް ކޮށްފަ އެވެ. އެ ފެން ޓެސްޓް ކުރީ ފެންގަނޑުގެ އެސިޑިޓީ ނުވަތަ އަލްކަލިނިޓީ އާއި އިލެކްޓިރިކަލް ކޮންޑަކްޓިވިޓީ އަދި ލޮނުގެ އަސަރު ހުރިވަރު ބެލުމަށެވެ. އެ ނަތީޖާތަކުން ކަނޑޫފާތަކުގައި އުޅޭ ދިރުންތައް އަދި ގަސްގަހާގެހި ހެދި ބޮޑުވުމުގެ ބޮޑެތި ދަތިކަމެއް ހުރިކަން ނުވަތަ ނޫންކަން އެނގިގެންދާނެ އެވެ. ދިރާސާ ކުރުމަށް މިނިސްޓްރީގެ ބޭފުޅުން ވަނީ ކެލާއިން 577 ގަސް، އަދި ނޭކުރެންދޫން 738 ގަހެއްގެ މައުލޫމާތު ނަގައިފަ އެވެ.
މިނިސްޓްރީން ބުނީ ފެންގަނޑުގައި ކާނާ ހުރި މިންވަރު އަދި ލޮނުގެ އަސަރު ބެލުމަށް ކުރި ޓެސްޓުތަކުން މި ދެ މިންގަނޑު މިދުވަސްވަރު ހުރީ ކަނޑޫފަލުގައި ގަސް ހެދުމަށް އެކަށޭނަ މިންގަނޑުގެ ތެރޭގައި ކަން ފާހަގަ ކުރެވުނު ކަމަށެވެ. ތަހުލީލު އަދި ދިރާސާ މަސައްކަތްތައް ކުރެވުނީ އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރަމުން ދިޔަ ދުވަސްވަރަކަށް ވުމާއެކު މި ޓެސްޓުތަކުގެ ނަތީޖާ އަށް މުޅިން ބުރަވެވެން ނެތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ދެ ރަށުގެ ކަނޑޫފަލުން ނެގި ސާމްޕަލްތަކާއި ރަނގަޅަށް ހުރި ކަނޑޫފަލެއްގެ ހާލަތު އަޅާކިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ދެ ރަށުން ފެނުނު ފަނިފަކްސާއަކީ ކޮންއެއްޗެއްކަން ދެނަގަތުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ކަނޑޫފާ މަރުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އަޅަންޖެހޭ ސީދާ ޢަމަލީ ފިޔަވަޅެއް އެނގޭނީ ދިރާސާގެ ނަތީޖާއަށް ބެލުމަށް ފަހުކަމަށާއި މިނަތީޖާތައް ލިބުމަށް ދެ ހަފްތާވަރު ނަގާނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ހާމަމ ކޮށްފައެވެ.



ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!