ހއ. ވަށަފަރު، ސޭވް، ހަމްދާ ހަސަންއަކީ ކައިވެނި ހަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތައް ފުރިހަމަ ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

ހަމްދާ އުމުރުން ވަރަށް ހަގުއިރު ވެސް މޭކަޕް ކުރުމަށް ވަރަށް ފޯރިހުރެއެވެ. އޭރުވެސް ލިބެން ހުންނަ މަދުސާމާނާއި އެކު އަމިއްލައަށް މޭކަޕްކޮށް އަދި ދައްތަމެން މޭކަޕްކޮށްދީ އުޅެނީ، އެއްވެސް ހާލެއްގައި މޭކަޕް ކޮށްދީގެން އާމްދަނީއެއް ހޯދަން ވިސްނައިގެނެއް ނޫނެވެ. މޭކަޕް ކުރުމަކީ މާބޮޑު ޝަޢުޤެއް ހިތުގައި އޮންނަކަމަކަށް ވުމުން ހިތްހަމަ ޖައްސާލުމަށެވެ.

Ad
rt

ވިސްނުން ބަދަލުވެގެން ދިޔަގޮތް ހިއްސާ ކުރަމުން ހަމްދާ ބުނެފައިވަނީ ފުރަތަމަ ފުރުޞަތު ލިބިފައިވަނީ ރަށުގައި އޮތް ކައިވެނި ހަފްލާއަކަށް މޭކަޕް ކުރަން ކަމަށެވެ. އޭރު މޭކަޕްކުރާ މާގިނަ ސާމާނެއް ވެސް ނުގެންގުޅުނު ނަމަވެސް އަތުގައިހުރި މަދު ސާމާނު ބޭނުން ކޮށްގެން އެ ހަފްލާއަށް ކުރެވިގެން ދިޔަ މޭކަޕު ގިނަބަޔަކަށް ކަމުދިޔަ ހިސާބަކީ އޭނާގެ ވިސްނުން ވެސް ބަދަލުވި ހިސާބެވެ.

2019 ވަނަ އަހަރުން ފެށިގެން ހަމްދާގެ މޭކަޕް ކުލަތަކުން ކައިވެނި ހަފްލާތައް ކުލަކޮށްދޭން ފެށިއިރު މާބޮޑު ތަރުހީބެއް ނެތްނަމަވެސް، ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ވެރިރަށް މާލެ ލޮކްޑައުން ވުމާއިއެކު ކައިވެނި ހަފްލާތަކަށް މާލެއިން މޭކަޕް ކޮށްދޭން އަންނަ ފަރާތްތައް ތާށިވި ވަގުތަކީ ރަށްފުށުގައި ތިބި އޭނާ ފަދަ މޭކަޕް އާޓިސްޓުންނަށް ފުރުޞަތު ލިބެން ދިމާވި ސަބަބެކެވެ. ވަގުތުގެ ބޭނުންހިފައި ލިބުނު ފުރުޞަތުތަކުގައި ހަމްދާގެ މޭކަޕްގެ ޖާދޫ ދައްކާލައި ރަށާއި އަދި އަތޮޅުގެ ބައެއް އެހެން ރަށްރަށުން ވެސް ފުރުޞަތުތައް ހޯދިއެވެ. މިގޮތުން އެ އަތޮޅު މޮޅަދޫ، ކެލާ، ދިއްދޫ، ހޯރަފުށި އަދި ފިއްލަދޫ ފަދަ ރަށްރަށުން ފުރުޞަތުތައް އޭނާ ވަނީ ހޯދާފައެވެ.

"ބިޒްނަސްއެއް ގޮތުގައި މި މަސައްކަތް ކުރާއިރު ކޮލެޓީ ސާމާނު ވަރަށް މުހިންމު، ނަމަވެސް މޭކަޕްކުރާ ކޮލެޓީ ތަކެތި ރާއްޖެއިން ހޯދުން އެއީ ވެސް މި މަސައްކަތުގައި އޮންނަ ގޮންޖެހުމެއް"

ހަމްދާ ބުނެފައިވާ ގޮތުގައި އޭނާ އާމްދަނީ ހޯދަން މި މަސައްކަތް ކުރިނަމަވެސް މިއީ ވެސް ބަޔަކަށް ދެވޭ ޚިދުމަތެކެވެ. ވުމާއެކު މި މަސައްކަތުގައި ވެސް އެކަށީގެންވާ ކޮލެޓީ ސާމާނު ބޭނުން ކުރުމަށް އޭނާ އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ.

ހަމްދާ މި ވީހާތަނަށް މޭކަޕް ކުރުމުގެ ދާއިރާއިން އެއްވެސް ތަމްރީނެއް ހަދާފައި ނުވެއެވެ. ނަމަވެސް އޭނާގެ މޭކަޕްތަކުން، އޭނާ އެ މަސައްކަތައް ކުޅަދާނަ މިންވަރު ހާމަވެއެވެ. ފެންވަރު ވަޒަން ކޮށްލެވެއެވެ. އޭނާ ބުނެފައިވާ ގޮތުތގައި، އޭނާ ދަސްކުރަނީ ޔޫޓިއުބްފަދަ ވަސީލަތްތަކުން މަޢުލޫމާތު ހޯދައިގެންނެވެ. އަދި އަމިއްލަ މަސައްކަތާއި ކުރެވޭ ތަޖުރިބާއިންނެވެ.ރާއްޖޭގައި އެކިއެކި ބަންދުތަކާއި ގުޅިގެން ކައިވެނިކުރާ މިންވަރު އިތުރުވާއިރު، ހަމްދާގެ މި މަސައްކަތަށް އޮންނަ ޑިމާންޑް ވެސް އެ ދުވަސްވަރަށް އިތުރުވެއެވެ.

އޭނާ ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖެތެރޭ ކުދި އާބާދީތަކުގައި މޭކަޕް ކުރުމުގެ މަސައްކަތަކީ ޕާޓްޓައިމްކޮށް ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. ނަމަވެސް ހުސްއެކަނި އެ މަސައްކަތަށް ބަރޯސާވެގެން އެކަން ކުރެވެން ނޯންނަނީ ރާއްޖެތެރޭގެ ރަށްތަކަކީ ވަރަށް ކުދިކުދި އާބާދީ ތަކަށް ވުމުންކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މޭކަޕް ކުރަން ދަސްކުރަން ޝަޢުޤުވެރިކަން ހުންނަ ފަރާތްތަކަށް ހަމްދާ ވަނީ ވަރަށް ރަނގަޅު ނަސޭހަތެއް ދީފައެވެ. އޭނާ ބުނެފައިވަނީ މޭކަޕް ކުރުމުގެ ތެރެއަށް ނުކުންނައިރު ނެގެޓިވް ކޮމެންޓްސް އަންނާނެ ކަމަށެވެ. ނަމަވެސް ނެގެޓިވް ކޮމެންޓްސްއަކީ ކުރާހިތްވާ ނުވަތަ ކުރަން ބޭނުންވާ މަސައްކަތް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ވުމާއެކު ހިތްވަރާއެކު ކުރިއަށް ގޮސްފިނަމަ ނެގެޓިވް ކޮމެންޓްސް، ޕޮޒިޓިވް ކޮމެންޓްސްއަށް ބަދަލުކުރެވޭނެ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ހަމްދާ މި މަސައްކަތުން ކުރިއަށް ދިޔުމުގައި އެންމެ ބޮޑު ޝުކުރެއް ހައްޤުވާ ފަރާތެއްގެ ގޮތުގައި އޭނާ ފާހަގަ ކޮށްފައިވަނީ އެއްބަނޑު އެއްބަފާ ދައްތައެވެ. ވުމާއެކު ހަމްދާވަނީ ދައްތައަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި ފިރިމީހާގެ އިތުރުން އެހީތެރިވެ ދެއްވާ އެންމެހާ ފަރާތްތަކަށް ވެސް ހަމްދާ ވަނީ ޝުކުރު އަދާކޮށްފައެވެ

މޭކަޕް ދަސްކުރަން ބޭނުންވެގެން އަންނަ ކުދިންނަށް މޭކަޕް ދަސްކޮށް ދިނުމަށް އަތުކުރި އޮޅާލައިގެން ހުރި ހަމްދާގެ މަސައްކަތްތައް ބަލައިލުމަށް އޭނާގެ ފޭސްބުކް ޕޭޖަށް ޒިޔާރަތް ކޮށްލާށެވެ. އަދި އޯޑަރ ދެއްވުމަށް ވެސް ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް ވެސް ޚިޔާރު ކުރެވިދާނެއެވެ.

ފޭސްބުކް ޕޭޖް:

އިންސްޓަގްރާމް: