އެއް ގައުމުން އަނެއް ގައުމަށް ހިކުރަކުރާ ދޫނިތަކަށް ނުރައްކާ ބޮޑު އިރު، އެ ދޫނިތައް ހިޖުރަކުރަނީ ކީއްވެގެންކަން އިނގޭ ހެއްޔެވެ.؟ އަދި އެ ދޫނިތަކަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވެއެވެ. އެ ދޫނިތަކުގެ ފުށުން އަހަރުމެންގެ ނާޒުކު ތިމާވެއްޓަށް ލިބޭ ފައިދާ ބޮޑުއިރު، އެފަދަ ދޫނިތައް ހައްޔަރުކޮށް އަނިޔާކުރުމަކީ އެ ދޫނިތަކަށްވެސް ދެވޭ އަނިޔާއެކެވެ. އެންމެ އެކަށީގެންވާ ގޮތަކީ އެ ދޫނިތައް އަމިއްލައަށް އެ އެއްޗެހީގެ މިނިވަންކަމުގައި އުޅެން ދޫކޮށްލުމެވެ.
ހުޅަނގު މޫސުން ވެގެންގޮސްފައިވަނީ އާންމު ގޮތެއްގައި ގިނަ އަދަދެއްގެ ދޫނި އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރާ ދުވަސްވަރެއްގެ ގޮތުގައެވެ. ގާތްގަނޑަކަށް ހާހުން ހާހުން ދޫނިތައް އެއްގައުމުން އަނެއް ގައުމަށް މިދުވަސްވަރުގައި ދަތުރުކުރެއެވެ. މިއީ ހުޅަނގުގެ ގައުމުތަކުގެ ފިނި މޫސުމުން ރައްކާތެރިކަން ހޯދުމަށެވެ. މިގޮތަށް ހިޖުރަކުރާ ދޫނިތައް ގިނައިން ފެންނަނީ، ފެންގަނޑު އެކުލެވޭ ޗަސްބިންތައް ހުންނަ ސަރަޚައްދުތަކުންނެވެ. މިދުވަސްވަރަކީ ރާއްޖެއަށްވެސް އާންމުކޮށް މިގޮތަށް ދޫނިތައް ހިޖުރަކުރާ ދުވަސްވަރެކެވެ.
މިގޮތުން ފާއިތުވެދިޔަ އަހަރުތަކުގައި އޭޝިޔާގެ ގައުމުތަކުން ލިބޭ ދޫނީގެ ކާނާއެއްކަމަށްވާ "ބްލޫ -ގްރީން އަލްގޭ" ނުވަތަ "ފެހި" ޖަހާފައިވާ ހުންނަ ސަރަޚައްދުތަކުން ފްލެމިންގޯ ދޫނި ނުވަތަ ގުޑު ގުޑާ ދޫނި ގިނަ އަދަދަކަށް ފެންނަކަމަށް ދިރާސާރާތަކުން ދައްކައެވެ. ނާސާއިން ވެސް ވަނީ ދާދިފަހުން ދޫނި ހިޖުރަކުރާ ފޮޓޯތަކެއް ނަގައި އާންމުކޮށްފައެވެ. ނާސާއިން ހާމަކޮށްފައިވާ ގޮތުގައި އަހަރަކު 1500 ބާވަތެއްގެ ދޫނި އެއްތަނުން އަނެއްތަނަށް ހިޖުރަކުރާކަމަށް ބުނެފައިވެއެވެ.
ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން ގުޑު ގުޑާ ދޫނި އެންމެ ގިނައިން ހިޖުރަކުރަނީ އޭގެ ކާނާއެއް ކަމަށްވާ ނޫފެހި ޖަހާފައި ހުންނަ ހިސާބުތަކަށެވެ. 6 ބާވަތެއްގެ ގުޑު ގުޑާ ދޫނި ހިމެނޭއިރު، ދިގު ކަރަކާއި ހިމަ ދެފައި އިންނަ މި ދޫނީގެ ފިޔަގަނޑަށް ފިޔާތޮށި ކުލަ އަރަނީ އޭތި ކައި އުޅޭ ނޫ ފެހީގެ ސަބަބުންކަމަށް ސައިންސްވެރިން ބުނެއެވެ. ނޫ ފެހި ކާ ދޫނީގެ ފިޔަގަނޑު ފިޔާތޮށި ކުލައިގައި ހުންނަކަމަށް ސައިންވެރިންގެ ދިރާސާތަކުން ދައްކައެވެ. އާންމު ގޮތެއްގައި ގުޑު ގުޑާ ދޫންޏެއްގެ ދިގު މިނުގައި 3 ނުވަތަ 4 ފޫޓު ހުންނަ އިރު ބަރުދަނުގައި ހުންނަނީ 3 ކިލޯވަރެވެ. އެންމެ ކުޑަ ދޫންޏެއްގެ ގައިގައިވެސް 2 ފޫޓު ހުންނައިރު ބަރުދަނުގައި 2 ކިލޯ ހުރެއެވެ. ގުޑުގުޑާ ދޫންޏެއްގެ ފިޔަގަނޑުގައި ގާތްގަނޑަކަށް 37 އިންޗިއާއި 57 އިންޗިއާއި ދެމެދުގެ ދިގުމިނެއް ހުރެއެވެ.
އެމެރިކަން ފްލެމިންގޯ އާންމު ގޮތެއްގައި ހިޖުރަކުރާކަމަށް ދިރާސާތަކުން ދައްކަނީ އިންޑިއާގެ ހުޅަނގުގައި އޮންނަ ޔުކަޓާން ކިޔާ ސަރަޚައްދަކަށެވެ. މިއީ އެމެރިކާގެ ދެކުނުގައި އޮންނަ ގަލަޕަގޯސްގެ ރަށްތައް ކައިރިއެވެ. 3 ބާވަތެއްގެ ގުޑު ގުޑާ ދޫނި ދެކުނު އެމެރިކާގައި އުޅޭއިރު، މަދު ބާވަތްތަކެއް އެފްރިކާގައި ދިރިއުޅެއެވެ. އަދި މީގެ ތެރެއިން ގްރޭޓާ ފްލެމިންގޯސް މެދު އިރުމަތީގެ ގައުމުތަކުން ފެންނަކަމަށާއި މި ބާވަތުގެ ގުޑު ގުޑާ ދޫނި އިންޑިއާއިން ވެސް ފެންނަ ކަމަށް ދިރާސާތަކުން ދައްކައެވެ.
ގުޑު ގުޑާ ދޫންޏަކީ ފެން އަދި އައްސޭރިފަށުގައި ދިރިއުޅޭ ދޫންޏެކެވެ. ގުޑު ގުޑާ ދޫނި ރެކޯޑު ކުރެވިފައިވަނީ ހިޖުރަ ނުކުރާ ދޫންޏެއްގެ ގޮތުގައެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލްތަކާއި އެކު ވަރަށް މަދުން މިބާވަތުގެ ދޫނި ހިޖުރަކޮށް އުޅެއެވެ.
ސީ ވޯލްޑްގެ ދިރާސާއަށް ބަލާއިރު، ބައި ބަޔަށް ހިޖުރަކުރާ މި ދޫނީގެ ބާވަތެއްކަމަށްވާ ގުޑު ގުޑާ ދޫނިތައް ވިހާ އާލާވަނީއެކު އެކީގައިކަމަށް ބުނެފައިވެއެވެ. އެގޮތުން އެ ދޫނިތައް ހިޖުރަކުރަނީ ބައިވެރިޔާއާއި އެކުގައެވެ. އަދި ހުރިހާ ދޫންޏެއް އެއްފަހަރާ އެ ދާ މިސްރާބެއްގައި ދަރިމައިވާނެއެވެ. އެގޮތުން އަންހެން ދޫނި އަޅާނީ ފަހަރަކު އެންމެ ބިހެކެވެ. ހިޖުރަކުރާ ތަނެއްގައި ތިބެގެން ހުރިހާ ދޫނިތައް ބިސްއަޅާކަމަށް ސޯ ވޯލްޑްގެ ދިރާސާއިން ދައްކައެވެ.
ގުޑު ގުޑާ ދޫނީގެ ބިހެއްގައި 3 ނުވަތަ 3.5 އިންޗި ހުންނައިރު، ބަރުދަނުގައި ހުންނަނީ 115 ނުވަތަ 140 ގްރާމެވެ. މި ބިސް ކުކުޅު ބިހަށް ވުރެން ތަންކޮޅެއް ބޮޑެވެ. އަދި 27 ނުވަތަ 31 ދުވަހުގެ ތެރޭގައި ބިސް ވިހައެވެ. އެ ދޫނީގެ ގައިގައި ހުންނަނީ 73 ނުވަތަ 90 ގްރާމެވެ.
ނުރަސްމީ ދަތުރެއްގައި “ގުޑުގުޑާ ދޫނިތައް” ތިލަދުންމައްޗަށް! ހައްޔަރު ނުކުރާތި! pic.twitter.com/tS1sumrk4R
— Thiladhun (@thiladhun) October 19, 2021
3 ނުވަތަ 5 އަހަރު ވުމުން ގުޑު ގުޑާ ދޫނި ބޮޑުވެއެވެ. ބޭބީ ނުވަތަ ކުޑަ ގުޑު ގުޑާ ދޫނި ހުންނަނީ އަޅި ނުވަތަ ހުދު ކުލައިގައެވެ. އަދި ބޮޑުވަމުން އަންނައިރު ދޫނީގެ ކުލަ ފިޔާތޮށްޓަށް ބަދަލުވެއެވެ. ވަރަށް މަދުން ނަމަވެސް ކަޅު ކުލައިގެ ގުޑު ގުޑާ ދޫނި މިހާރު ވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައެވެ. ނަމަވެސް މިއީ ޖަނަވާރުގެ ހަމުގެ ކުލަ އެއްކޮށް ކަޅު ކުލައަށް ނުވަތަ ކޮންމެސް އެއްބައި ކަޅު ކުލައަށް ބަދަލުކޮށްލާ ޖެނެޓިކް ހާލަތެއްކަމަށްވާ "މެލެނިޒަމް" ވައްތަރުގެ ގުޑު ގުޑާ ދޫންޏެއްކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ. ގުޑު ގުޑާ ދޫންޏެއްގެ އުމުރަކީ 20 ނުވަތަ 30 އަހަރެވެ. އަދި ޒުލެއްގައި ނަމަ 50 އަހަރުވެސް މި ދޫނި ދިރިހުރެއެވެ.
ރާއްޖޭގައިވެސް ގުޑުގުޑާ ދޫނި ވިހާކަމަށް ވެއެވެ. އެގޮތުން ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން، ގުޑުގުޑާ ދޫންޏާއި އެހެނިހެން ބާވަތްތަކުގެ ދޫނި ވިހާ އާލާވާ ސަރަހައްދެއްގެ ގޮތުގައި މާފިލާފުށީގެ އިރުން އޮންނަ މާކޯ ފާހަގަކޮށްލެވެއެވެ. އެރަށް ވަނީ މިފަހުން ހިމާޔަތްކޮށްފައެވެ. އެރަށުން 11 ބާވަތެއްގެ ހިޖުރަކުރާ ދޫންޏާއި، ދެ ބާވަތެއްގެ ކަނޑުމަތީ ދޫނި ފެންނަ ކަމަށް ރިކޯޑްކުރެވިފައިވެއެވެ. އެ ސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ގުދުރަތީ އަދި ތަބައީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ ހަތް ވަނަ ގިންތި " ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތްކޮށްފައިވާ ސަރަހައްދު"ގެ ދަށުންނެވެ.
ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ
ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީ ގޮތުގައި ކަނޑައެޅުމުން މަނާވެގެންދާ ކަންތައްތައް.
ހ. ޙިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް މެރުން، ބޭނުންކުރުން، ދިރުވައި އާލާކުރުން، ހިފުމާއި، ގެންގުޅުމާއި ގެއްލުންދިނުން، ގޯނާކުރުން.
ށ. ޙިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުންދިނުން، އަދި އޭގެ ޠަބީޢީ ގޮތްތަކަށް ނުވަތަ ޤުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ ޢަމަލެއް ކުރުން.
ނ. ޙިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ބައިތައް އިސްތިހާރު ކުރުން.
މިދޫނިތަކަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއް ކަމުން، އެފަދަ ދޫނިތަކަށް ގޯނާކޮށް، ނުހިފުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
- ގަވާއިދުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭއެއްޗަކަށް ގޯނާކޮށްފިނަމަ 30،000ރ. އާއި 50،000ރ. އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.
- ގަވާއިދުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެތީގެ ހާއްޔާއި، ނިދާ ތަންތަނާއި، ބިސްއަޅާ ތަންތަނާއި، ވިހާ ތަންތަނަށް ގެއްލުންދީފިނަމަ، 30،000ރ. އާއި 50،000ރ. އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.
- ގަވާއިދުގެ ދަށުން އެކުލަވާފައިވާ އެއްވެސް އުސޫލަކާ ހިލާފުވެއްޖެ ނަމަ، 30،000ރ. އާއި 50،000ރ. އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.
ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކޮށް، ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް އީޕީއޭ އިން ނަސޭހަތްތެރިވެ އެވެ. އަދި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކުރާ މީހުންނަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!