ގުޑުގުޑާ ދޫނި އައިނެއް ތިލަދުންމައްޗަށް! ހިފާ ގޯނާކުރާނަމަ ފިޔަވަޅު އަޅަނީ

ފޮޓޯ: ޖައުޕިކްސް
ފޮޓޯ: ޖައުޕިކްސް

ރާއްޖޭން އާއްމުކޮށް ނުފެންނަ މާކަނާގެ އާއިލާގައި ހިމެނޭ ގުޑުގުޑާ ދޫނި "ގުރޭޓަރ ފްލެމިންގޯ" އައިނެއް ތިލަދުންމަތީގެ އެކި ރަށްރަށުން ފެނިއްޖެ އެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ މި ދޫނިތައް ފެނިފައިވަނީ ހއ. ފިއްލަދޫ، ހއ. ބާރަށް އަދި ހދ. ކުޅުދުއްފުށި ސިޓީ އިންނެވެ.

އެންމެ ފުރަތަމަ މިދޫނިތައް ފެނި އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. މިދިޔަ އާދިއްތަ ދުވަހު މެންދުރު ފަހު ފެނުނު މި އައިނުގައި 14 ވަރަކަށް ދޫނި އުޅޭނެކަމަށް އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނެފައިވެއެވެ. އެރަށުން ވާހަކަ ދެއްކި ޒުވާނާ ބުނެފައިވަނީ މިއީ މީގެ ކރުިން އެރަށުން ފެނުނު ދޫނިތަކެއް ނޫންކަމަށެވެ. އެއަށް ފަހު އެދޫނިތައް ދިޔަކަމަށް ބެލެވެނީ ބާރަށަށެވެ. ދާޖަހައިގެން ނާއި އެކި ގޮތްގޮތުން މިދޫނިތައް އެރަށުން ހިފި ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ފަޚުރުވެރިވާ ގުދުރަތީ ރީތިކަން ގެނެސްދޭ މި ކުޅިއަށް އިތުރު ރީތިކަމެއް ގެނެސްދިން މި ދޫނިތަކުގެ ފޮޓޯ މިހާރު ދަނީ މުޅި މީސް މީޑިއާގައި ދައުރު ވަމުންނެވެ. އެއްބަޔަކު އެ ދޫނި ބަލާލަން ނުދެވިގެން އުޅޭއިރު ކުޅުދުއްފުށި ސިޓީގެ ގިނަ ބައެއް މި މަންޒަރު ބަލާލަން އެ ސަރަހައްދަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފްލެމިންގޯ އަކީ މާކަނާ އާއިލާގެ އާންމުކޮށް ގަދަ ފިޔާތޮށި ކުލައިގައި ފެންނަ، އެއްފައި މައްޗަށް ކޮޅަށް ހުންނަ ރީތި ދޫންޏެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރާޢްޖެއިން ފެނިފައިވާ މި ދޫނިތައް ހުދުކުލައިގައި ހުރީ އޭއްޗިއްސް އަށް ބޭނުންވާ ރަނގަޅު ކާނާ މިސަރަހައްދުން ލިބިފައިނުވާތީއެވެ.

ރާއްޖެއަށް ބައެއް ދުވަސްވަރު ހިޖުރަކުރާ ދޫންޏެއް ކަމުގައިވާ މިދޫނި ހިފައި ވިއްކަން 30000 ރުފިޔާއަށް ވިއްކަން ބަޔެއް ފަރާތްތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. މިމައްސަލަ ހޫނުވެ ކަމާބެހޭ އިދާރާތަކުން އަންނަނީ ބަލަމުންނެވެ. މި ފަދަ މައްސަލަތަކުގައި، ދޫނި ހިފައި އަދި ވިއްކާ މީހާގެ އިތުރުން، ދޫނި ގަންނަ މީހާ ވެސް ޒިންމާވާން ޖެހޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ 104 ބާވަތެއްގެ ދޫންޏަކީ ހިމާޔަތް ކޮށްފައިވާ ދޫނިތަކެއްކަމަށް ސަރުކާރުން ކަނޑައަލައި އެކަން އިޢުލާންކޮށްފަ އެވެ. ގުޑުގުޑާ ދޫނި "ގުރޭޓަރ ފްލެމިންގޯ" އަކީ މިލިސްޓުގައި ހިމެނޭ ދޫންޏެކެވެ.

މިދޫނިތަކަށް އަނިޔާކޮށް، ގެއްލުންދީ، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކުރާ މީހުން ޖޫރިމަނާކުރެވޭނެކަމާޢި އެ ތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތޮބީއީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގައި ވާގޮތުގެ މަތިން އެއިލާނުގައި ބުނެފައިވެއެވެ.

އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ޤުދްރަތީ މާޙައުލުގައި ވަރަށް މުޙިންމު ދިރުންތަކަށް ވުމާއެކު، އެތަކެތީގެ އާބާދީއަށް ގެންލުން ލިބިދާނެފަދަ އެންމެހާ ކަންތައްތައް ހުއްޓުވުމެވެ. އަދި ރާއްޖެއަކީ ހިޖުރަކުރާ ދޫނީގެ ވަގުތީ މަންޒިލަކަށް ވީ ހިނދު ރާއްޖެއަކީ އެ ދޫނިތަކަށް ރައްކާތެރި މަންޒިއްކަން ޔަގީންކޮށްދިނުމެވެ.

ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެތީ ގޮތުގައި ކަނޑައެޅުމުން މަނާވެގެންދާ ކަންތައްތައް.

ހ. ޙިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް މެރުން، ބޭނުންކުރުން، ދިރުވައި އާލާކުރުން، ހިފުމާއި، ގެންގުޅުމާއި ގެއްލުންދިނުން، ގޯނާކުރުން.

ށ. ޙިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ހާއްޔާއި، ނިދަން އަރާ ތަންތަނާއި، ވިހައި، ބިސްއަޅާ ތަންތަނަށް ގޯނާ ކުރުމާއި ގެއްލުންދިނުން، އަދި އޭގެ ޠަބީޢީ ގޮތްތަކަށް ނުވަތަ ޤުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ ޢަމަލެއް ކުރުން.

ނ. ޙިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ބައިތައް އިސްތިހާރު ކުރުން.

މިދޫނިތަކަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއް ކަމުން، އެފަދަ ދޫނިތަކަށް ގޯނާކޮށް، ނުހިފުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

  • ގަވާއިދުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭއެއްޗަކަށް ގޯނާކޮށްފިނަމަ 30،000ރ. އާއި 50،000ރ. އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.
  • ގަވާއިދުން ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެތީގެ ހާއްޔާއި، ނިދާ ތަންތަނާއި، ބިސްއަޅާ ތަންތަނާއި، ވިހާ ތަންތަނަށް ގެއްލުންދީފިނަމަ، 30،000ރ. އާއި 50،000ރ. އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.
  • ގަވާއިދުގެ ދަށުން އެކުލަވާފައިވާ އެއްވެސް އުސޫލަކާ ހިލާފުވެއްޖެ ނަމަ، 30،000ރ. އާއި 50،000ރ. އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާކުރުން.

 

މިމަހުގެ 9 ވަނަ ދުވަހު އީޕީއޭއިން ނެރުނު ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އެކި ވައްތަރުގެ ދޫނިތައް ހިޖުރަކުރާ ދުވަސްވަރެއް ކަމަށާއި އެގޮތަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

ފުޓުބޯޅަ ދަނޑުތަކާއި، ހިއްކާފައިވާ ބިންތަކާއި ހާމައަށް ހުންނަ އެހެން ބިންތަކުގައި މަޅިފައްޗާއި، ދަންތުރަ ފަދަ އާލާތްތައް ބޭނުންކޮށްގެން ދޫނިތައް ހިފާ ކަމުގެ ޝަކުވާ އީޕީއޭއަށް ލިބޭ ކަމަށް އެޖެންސީން ބުނެފައިވެއެވެ.

އެހެންކަމުން، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކޮށް، ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް އީޕީއޭ އިން ނަސޭހަތްތެރިވި އެވެ. އަދި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކުރާ މީހުންނަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މޫސުމުގައި ގިނަ އަދަދެއްގެ ދޮންދޫންޏާއި ދޮންދޫނިލޯފިނދު ވެސް ރާއްޖެއަށް ހިޖުރަ ކުރާކަން ފާހަގަކޮށް އީޕީއޭއިން ބުނީ އެ ތަކެއްޗަކީ މަދިރި ކޮންޓްރޯލުކޮށް، މަދިރިން ފެތުރޭ ބަލިތައް މަދުކުރުމުގައި މުހިންމު ސޫފިތަކެއް ކަމަށެވެ. އެހެންވެ އެފަދަ ތަކެތި ނުހިފުމަށް ވެސް އީޕީއޭއިން އެދިފައިވެ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި