ކުރީ ޢަދަދާއި ގުޅޭ: ހުޅަނގު އުތުރުން ޖެހެމުން ދިޔަ ނަލަ ވައިގައި ހޯރަފުށީ ބައްތެލި ދަތުރުކުރަމުން އައިސް މާލެ އަތޮޅު ގާފަރު ފަސްދީ ކުރިއަށް އައިސް ކަގި ކަނޑުން މާލެއާ ދިމާއަށް މިސްރާބު ހިފައިލިތަނާ ހެން ވައި ރޯޅި ގަދަވެލައި، ކަނޑުގެ ލޮނުގަނޑު ކުޑައިކޮށް ކެކިލައި އުފެއްދި ބާނީގައި ބައްތެލި ދެ ފަރާތަށް ތަންކޮޅެއް ބޮޑަށް ހަލުވާ ގޮތް ވެއްޖެއެވެ. މިއީ، ބައްތެލި މާލެ އަންނަން ފުރިތާ ހަތަރު ވަނައަށް ވީ ދުވަހެވެ. އިރު އޮއްސުމާ ދާދި ކައިރިވެފައި ވާ އިރު ފޯރީ ބޮޑު ބަނޑޮހާ ހަމައަށެވެ.

"ތިޔަ އޮތީ ބިރުން ދޮތަ؟" ހިޔާގެ ތެރޭ މަގަތުގައި ދެ ލޯ މަރައި ތަގުޅިކޮށްގެން އޮތް ދަލޭކަގެ މިޔަދޮށުގައި އިށީނދެ، ދަލޭކަގެ ނިތްކުރިމަތީގައި ނުފުށުން ބާއްވައިލާފައި އޮތް ކަނާއަތް ނަގަމުން މާވަޑި ޢަލީ ސުވާލުކޮށްލިއެވެ. ޢަލީގެ އަޑު އިވުމުން ދަލޭކަ ދެ ލޯ ހުޅުވައިލިއެވެ. ޢަލީ ފެނުމުން ތެދުވެ އިށީނދެ ހިޔާގެ ބިތުގައި ލެނގިލިއެވެ.

Ad
rt

"ބައްތެލި މި ވަރަށް ތަޅުވާތީ ދަލޭކަ އޮންނާނީ ބިރުންނޭ ހިތަށް އަރާފައި މި އައީ. ތިޔަ ކުލަ އޮއްސިފައިވާ މޫނަށާއި ނުތަނަވަސްކަން ވެރިވެފައިވާ ދެ ލޮލަށް ބަލައިލީމާ، މަށަށް ހީވީ ހަމަ ރަނގަޅަށްކަން އެނގިއްޖެ." ދަލޭކަގެ ކަނާއަތުގައި ޢަލީ ހިފައިލިއެވެ. ދަލޭކަ ބަލައިލީ ހިޔާގެ ތެރެއަށެވެ. އެ ތާ ތިބި އަންހެނުންނާއި ކުޑަކުދިން ތިބީ ނިދާފައެވެ. ޢަލީގެ ވައަތުން ދަލޭކަގެ ކޮލުގައި އަތްޖައްސާލައި މޫނު ހުޅަނގު ފަރާތަށް އަނބުރައިލަމުން ޢަލީ ބުންޏެވެ.

"އެ އޮއް އިރުއޮއްސެނީ. ނިކަން ބަލާބަލަ!" ދަލޭކަ އެ ފަރާތަށް ބަލައިލިއެވެ. ފެނުނީ އަލިފާން ކުލާގައި ހުރި އިރު ދުނިޔެއަށް އަލްވަދާޢުކިޔަމުންދާ ތަނެވެ. ހަމައެއާ އެކު ހުޅަނގު ފަރާތުގައި ބޯވެ ޖަމާވަމުންދާ ކަޅު ވިލާތައް ވެސް ދަލޭކައަށް ފެނިއްޖެއެވެ.

"އެ އުޅެނީ ވާރޭ ވެހެންތަ؟"
"ހިހެއް ނުވޭ! އެހައި ވަރަކަށް ބަނަކޮށްފައެއް ނެތެއްނު؟ ވިއްސާރަ ވިލާތައް ވަޔާ ކަހައިލައިގެން ވެސް ހިނގައިދާނެ!"
"ބޯކޮށް ވާރޭ ވެހިއްޖެއްޔާޔޯ؟" ދަލޭކަގެ އަޑުގައި ހުރި ކަންބޮޑުވުން ޢަލީއަށް ފާހަގަކުރެވުނެވެ.

"ދެން ދެ މީހުން އެކުގައި ވާރޭގައި ތެމޭނީ!" ޢަލީ ހޭން ފެށިއެވެ. ނަމަވެސް ޢަލީގެ މި ސަމާސާގައި މި ފަހަރު ދަލޭކައަކަށް ބައިވެރިއެއް ނުވެވުނެވެ. ހީނލާން ވެސް ނޭނގިފައި އިނދެވުނީއެވެ.

"ދަލޭކާ! ނިކަން ބުނެބަލަ! ތިޔަ އިނީ ކަނޑު ގަދަވެ މި ބައްތެލި ދެ ފަރާތަށް ހަލުވާތީ އެ ކަމާ ބިރުންތަ؟ ނޫނީ އެ ވިލާތަކުން ބޯކޮށް ވާރޭ ވެހިދާނެތީ ހާސްވެފައިތަ؟ ނޫނީ..." ޢަލީގެ ސުވާލުތައް މެދުކަނޑައިލިއެވެ.
"ނޫނީ؟" ސުވާލުގެ ނަޒަރަކުން ޢަލީއާ ދިމާއަށް ދަލޭކަ ބަލައިލިއެވެ.
"ނޫނީ އަމާމެން މަތިން ހަނދާން ވަނީތަ؟" ޢަލީގެ މި ސުވާލާ އެކު ދަލޭކަގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ޢަލީގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ވަރަކަށް ރޮއިފިއެވެ. ދަލޭކަގެ ބުރަކަށީގައި ފިރުމާލަ ފިރުމާލައި ޢަލީ އިނެވެ. އިތުރު ސުވާލެއް ނުކުރެއެވެ.

"މަށަކަށް ނޭނގެ ބުނެދޭކަށް މި ވާ ގޮތެއް. މި ދަތުރަށް ފެށީން ސުރެ މަގޭ ހިތަކަށް ހަމަޖެހުމެއް ނުލިބޭ. މޭ ފިތިފައި. ނޭވާލާން ދަތިވެފައި މި ހުންނަނީ." ޢަލީގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ދަލޭކަ ވާހަކަދައްކަމުން ދިޔައެވެ. ޢަލީ، ދަލޭކަގެ ދެ އަތުގެ މުދައްދަނޑީގައި ހިފައި ނަގައި ގަޔާ ދުރުކޮށްލިއެވެ. ދެން ދަތް ދޮޅީގައި ހިފައި ދަލޭކައާ ހަތަރުކަޅި ހަމަކޮށްލިއެވެ. ދަލޭކަގެ އެ ރީތި ދެ ލޯ ވަނީ ރަތްވެފައެވެ. ކުދި ލޭ ނާރު ހިލިފައެވެ.

"މަށަށް އެބަ އެނގޭ ދަލޭކައަށް ތިޔަ ވާ ގޮތެއް! އަމާމެން ނުފެނި ގިނަ ދުވަސްވެ އަދި އެ މީހުންނާ މިހައި ދުރަށް އައިމަ އެ މީހުންގެ މަތިން މާ ބޮޑަށް ހަނދާންވާތީ ތިޔަ އުޅެނީ... އިރާދަކުރެއްވިއްޔާ އަހަރެމެން ވަރަށް އަވަހަށް އެނބުރި ރަށަށް ދާނަމެއްނު؟ ރަސްގެފާނު ވެސް އަހަރެމެން އެހައި ގިނަ ދުވަހަކު މާލެއަކު ނުބައިތިއްބަވާނެއެއްނު؟" ދަލޭކަ ހިތްހަމަޖައްސައިދީ ހަމައަކަށް އެޅުވޭތޯ ޢަލީ އެތައް ވާހަކައެއް ދެއްކިއެވެ. ޢިޝާދަމުން ބޮޑުވެ ބައްތެލި ހަރު ދުވެލީގައި ކަނޑުގެ ލޮނުގަނޑު ދެ ފަރާތަށް ކަފަމުން ގޮސް މާލޭ ކަނޑިންމައިން ވަންނަން ރިޔާ ދޫކޮށްލި އިރު ވެސް ޢަލީ އިނީ ދަލޭކައަށް ވިސްނައިދޭށެވެ. ކުޑަ ހިނދުކޮޅަކަށް ވެސް ޢަލީ، ދަލޭކަގެ އަތުން ދޫކޮށެއް ނުލައެވެ.

މާލޭގެ ފަޅުތެރެއަށް ބައްތެލި ވަނުމުން، ދަލޭކަ ހިޔާގެ ތެރެއިން ނެރެ، ދަލޭކަ އޮށޯވެ އޮތް ސާންތީގެ ތެރެއަށް ބޯ އަޅައިގެން އޮތް ބާލީސް ލައި އޮޅާލައި ރޯނު ފަށަކުން ޢަލީ ތަންމަތި ބަނދެލިއެވެ. ދެން ހިޔާގެ ތެރޭގައި ތިބި މީހުންނަށް ގޮވައި މާލެއަށް ލެފިއްޖެކަމުގެ ޚަބަރުދީފިއެވެ. އެ މީހުން ވެސް ތެދުވެ އަވަސްވީ ތަންމަތިތައް ބަނދެ ގެނައި ފޮށި ވަށިތައް އަތްމަތިކޮށް މާލެ ފޭބުމަށެވެ. އޭރު އެ މީހުންނާ ހަވާލުވެ އައި ފިރިހެނުންތައް ވެސް ހިޔާގެ ކައިރިއަށް ޖަމާވެ މާލެއަށް ފޭބުމަށް ތައްޔާރުވާން ފަށައިފިއެވެ.
"ތިޔަ އޮޑިން މާރަންދޫ މާވަޑި ޢަލީގެ ދެމަފިރިން އައިތަ؟" މި ބައްތެލީގެ ނެވި ކާސިންފުޅުބެއާ މީހަކު ސުވާލުކުރި އަޑު އިވުނެވެ.

"އެ ވާހަކަދައްކަނީ ކާކު؟" ދަލޭކައަށް އެ މީހާގެ އަޑު އިވިގެން ޢަލީގެ ގާތުގައި އެހިއެވެ.
"އެ ވާނީ މީރުބަހުރުކަމަށް. މާލެއަށް އެރޭނީ މީރުބަހުރު ހުއްދަ ދެއްވީމާ! ހިނގާ އަވަހަށް ފައިބަމާ! ރަސްގެފާނު އަހަރެމެންގެ ވާހަކަ މީރުބަހުރުގެ އަރިހުގައި ވިދާޅުވެފައި އޮތީމާ ކަމަށް ވާނީ އެ ސުވާލުކުރައްވަނީ." ޢަލީ ހުރީ ރަސްގެފާނާ ބައްދަލުކުރާ ހިތުން ކެތްތެރިކަން ކުޑަވެފައެވެ. ނެވި ކާސިންފުޅުބޭ އައްޔަށް ގޮވައިލަން ވާ އިރަށް ޢަލީ ހުރީ ދަލޭކަ އަތުގައި ހިފައިގެން އައިސް ކާސިންފުޅުބޭ ގާތުގައި ބައްތެލީގެ ދިރުނބާކޮޅުގައެވެ. އޭރު ބައްތެއްޔާ ދިމާ ތޮށިގަނޑު މަތީގައި ޢަލީމެންނާ ދިމާއަށް ބަލަހައްޓައިގެން ބަންގާޅު އެއްތެލުގެ އަސައެއް ހިފާލައިގެން ނިކަން ހައިބަތު ހުރި މީހަކު ހުއްޓެވެ. ޢަލީމެން ފެނުމުން، އެ މީހާ އައްޔަށް ދައްކައިލާފައި މީރުބަހުރު، ޢަލީގެ ވާހަކައިން ޚަބަރު އަހާ ވާހަކަ ކާސިންފުޅުބޭ ބުންޏެވެ. ބައްތެލި އޮތީ މާލޭގެ އުތުރުފަރާތުން ހެންވޭރުކޮޅު ދޯނި އެހެލާ ސަރަހައްދުގައެވެ. ޢަލީ، ދަލޭކަގެ އަތުން ދޫކޮށްލައި، ކޮނޑުގައި އޮތް، މޫނިމާ ލަކުޑިން ޖަހާފައިވާ އަންނައުނު އަޅާ ފޮއްޓާ އެކު ތޮށިގަނޑު މައްޗަށް ފުންމައިލިއެވެ. މިއީ، ޢަލީ ދަލޭކައަށް ޖަހައިދީފައިވާ ފޮއްޓެކެވެ. ކޮނޑުގައި އޮތް ފޮށި ތޮށިގަނޑުމައްޗަށް ތިރިކޮށްލުމަށް ފަހު ދަލޭކަ ކިހިލީގައި އޮތް ތަންމަތި އަތުލައި ފޮށި މަތީގައި ބާއްވައިލިއެވެ. ދެން ދަލޭކަގެ އަތުގައި ހިފައި ބައްތެލިން ދަލޭކަ ބޭލިއެވެ.

"އެ ތިބީ ދަލޭކަ ގަނޑުވަރަށް ގެންދާން ބަލައި އައިސް ތިބި މީހުން." މީރުބަހުރު އިޝާރާތްކޮށްލެއްވީ މަގުގެ އެއްގަމާ ވީ ފަޅީގައި ތިބި މީހުންނަށެވެ. އެ ތަނުގައި އޮތް ކީމަކޮޅުގެ ކޮންމެ ކޮޅެއްގައި ކުދި ބޭކަލުންގެ ދެ ބޭކަލުން ހުއްޓިލައްވައިގެން ތިއްބެވިއެވެ. އިތުރު ބޭކަލަކު ދުރުވެ ޢަލީމެން ގެނައި ފޮއްޓާއި ތަންމަތި ހިފައިގެން ގޮސް ކީމަކޮޅު ކައިރީގައި މަޑުކޮށްލިއެވެ.
"އެއީ ކޯއްޗެއް؟" ދަލޭކައަށް މި ކަހަލަ އެއްޗެއް މި ފެނުނީ އަލަށްށެވެ.
"އެއީ ކީމަކޮޅު... ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުން ދުވާލު ތަންތަނަށް ވަޑައިގަންނަވަން ވެދެވަޑައިގަންނަވާ ފޭލިގެ. އަސްލު މި ހުންނަނީ ހުދާއި ރަތާއި ކަޅާ މި ތިން ކުލައިން ބިހުރުއަޅައި ކުރަހާފައި. އެކަމަކު މީތި މި ހުރީ އެ ކުލަތަކަކުންނެއް ނޫން ދޯ." ތަފާތު ކީމަކޮޅެއް ވީމާ ޢަލީ އެ ކަމާ ވިސްނައިލިއެވެ.

"އަހަރެން ދެން އެކަނި އެ މީހުންނާ އެކު ދާންވީތަ؟" ދަލޭކަ ހާސްވެއްޖެއެވެ.
"އާނ! އެއީ އަންހެނުން ތަންތަނަށް ގެންދާ އެއްޗެކޭ. އެހެން ނޫނަސް ދެ މީހުންނަކަށް އެއަށް ވަދެއެއް ނުތިބެވޭނެއެއްނު؟" ދަލޭކަގެ މޮޔަކަމާ ހެދި ޢަލީގެ ގާތަށް ހިނިއަތުވެއްޖެއެވެ.
"ދެން ޢަލީ ގަނޑުވަރަށް އަންނާނީ ކޮން އިރަކުން؟ ލަސް ނުވެ އަންނަންވާނެ." ދަލޭކަ ބޮޑާ ހާކައިލިއެވެ.

"އާނ! އިސާހިތަކު މަ ވެސް ދާނަމޭ." ދަލޭކަގެ އަތުގައި ހިފައިގެން ގޮސް ކީމަކޮޅުގައި ދަލޭކަ ބޭންދީ މާވަޑި ޢަލީއެވެ. ދަލޭކަ ބައިންދާފައި ފަރުދާ ދަމައިލުމާ އެކު ކުދި ބޭކަލުން ކީމަކޮޅުގެ ދެ ކޮޅުގައިވާ ތަންޑިޔަލުގައި ހިފައި ނަގައި ކޮނޑުޖަހައިލިއެވެ. ދެން ހަތަރު މީހުން ފައި ހަމަކުރަމުން ހިނގައި ގަތީ ރަސްގެފާނުގެ ގަނޑުވަރާ ދިމާއަށެވެ. ކީމަކޮޅު ގޮސް ލޮލުކޮޅަށް ގެއްލެންދެން އެއާ ދިމާއަށް ބަލަހައްޓައިގެން ޢަލީއަށް ހުރެވުނެވެ. ދެން މީރުބަހުރާ ދިމާއަށް އެނބުރިލި އިރު ހަގު ބޭކަލުންގެ ދެ ބޭކަލުން، މީރުބަހުރުގެ އަރިއަހުގައި ތިއްބަވާތީ އައްޔަށް ފެނުނެވެ. އޭރު، ބައްތެއްޔާއި ފަޅުއޮޑިފަހަރުގައި ތިބިހައި ބަޔަކު މި ތަނެއް ބަލަން ބޯދީދީ ތިއްބެވެ.

"އެ މީހަކު އައި މުހުތާދެއް ފުއްދުމަށް އަވަހަށް އެއްގަމަށް ދޭ. މި ތަނުގައި ކޯޅިކޯޅިވަރަށް ތުންގުޅައިގެން ތިބެން ނުހަދާތި!" މީރުބަހުރުގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން މީހުންތައް ކޮޅުކޮޅަށް ހެލިފެލިވާން ފަށައިފިއެވެ.
"ޢަލީ ދާންވީ މި ހަގު ބޭކަލުންނާ އެކު." މީރުބަހުރުގެ ވާހަކަފުޅު އަޑުއިވުމުން ޢަލީގެ ހިތަށް އެރިއެވެ. އަހަރެން ވެސް ގަނޑުވަރަށް މި ގެންދަވަނީ ހާދަ އިއްޒަތުގައެވެ. ދަލޭކައަށް މިހާރު ގަނޑުވަރަށް ދެވިދާނެއެވެ. ގަނޑުވަރު ފެނުނީމާ ދަލޭކަ ހިތަށް އަރާނީ ކީކޭ ބާވައެވެ؟ ޢަލީއަކަށް ވެސް އަދި ގަނޑުވަރުގެ އެތެރެއެއް ނުފެނެވެ. އެކަމަކު ކުރިން މާލެ އައި އެކި ދެތިން ދަތުރުގައި ވަނީ ގަނޑުވަރު ބޭރުން ފެނިފައެވެ. ޢަލީ ހިނގައިގަތީ ގަނޑުވަރާ ވީ ކޮޅަށެވެ.

"ޢަލީ ދާންވީ ތި ކޮޅަކަށް ނޫން. ދާންވީ މި ހަގު ބޭކަލުންނާ އެކު ހުރަގެއަށް." މީރުބަހުގެ މި ވިދާޅުވި އެއްޗަކުން ޢަލީގެ ހިނގުން ހުއްޓިއްޖެއެވެ.
"އަޅުގަނޑު ކީއްވެތޯ ހުރަގެއަށް ގެންދަވަނީ؟"
"މިއީ އަހަރެންނަށް ހަކުރާ މަނިކުފާނު އަންގަވާފައި އޮތް ގޮތް."
"އަޅުގަނޑު ކޮން ކުށެއް ކޮށްގެންތޯ ހުރަގެއަށް ތިޔަ ގެންދަވަނީ." ޢަލީގެ ކަރު އެލިއްޖެއެވެ.

"ތިޔަހެން ނުހައްދަވާ! އަޅުގަނޑު ދަލޭކަގެ ގާތަށް ގެންގޮސްދެއްވާ!" މާވަޑި ޢަލީއަށް ރޮވިއްޖެއެެވެ. މީރުބަހުރު، ހަގުބޭކަލުންނަށް އިޝާރާތެއްކޮށްްލެއްވުމުން އެ ބޭކަލުން ދުރުވެ ޢަލީގެ ދެ ފަރާތުގައި ހުއްޓިލައްވައި ޢަލީގެ އަތުގެ މުލައްދަނޑީގައި ހިއްޕަވައި އެ ބޭކަލުންނާ އެކު ކުރިއަށް ދިޔުމަށް އަންގަވައިފިއެވެ. އޭރު، އިރު އޮއްސެމުން އައި އިރު އުޑުމައްޗަށް ޖަމާވަމުން ދިޔަ ކަޅު ވިލާތައް ބަރާވެ ވާރެ ކަނި ޖަހަމުންދެއެވެ.
ދަލޭކަ އިން ކީމަކޮޅު ހަގުބޭކަލުން ގެންގޮސް ބެހެއްޓެވީ ރަސްގެފާނުގެ ގަނޑުވަރުގެ ގޯތިތެރޭގައި ސީދާ ގަނޑުވަރުގެ އެތެރެއަށް ވަދެވެން ހުރި ދޮރުކޮޅުގެ ކުރިމަތީގައެވެ. ކީމަކޮޅުގައި ދަމާފައިވާ ފަރުދާ ދެ ހަގުބޭކަލުން ވެގެން ފަރުދާގެ ދެ ފަރާތުގައި ހިފައި ކަހައިލުމުން ދަލޭކަ އެއިން ފައިބައިފިއެވެ. ވަށައިގެން ގޯތިތެރެއަށް ބަލައިލިއެވެ. ދަލޭކަ ހީކުރި ގޮތާ ޚިލާފަށް ގޯތިތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ. އަދި ގަސް ބޯ ގޯތިތެރޭގައި ހުރި ބޮޑެތި ޖާޑިތައް ފެނި ދަލޭކަ އާޝޯޚުވެއްޖެއެވެ. ރަށުގައި ވެސް ބައެއް ގޯތިތަކުގައި ފެން އަޅާފައި ޖާޑި ހުރެއެވެ. އެކަމަކު މިހައި ބޮޑެތި ޖާޑިއެއް ނުހުރެއެވެ. ގަނޑުވަރުގެ ގޯތި ތެރޭގައި ހެދިފައި ހުރި ބިޔަ ގަސްތަކަށް ވެހެމުންދާ ހިމަފޮދު ވާރޭގެ ކަނިތައް ފަތްތަކުގެ ތެރެއިން ލޫދިގެން އައިސް ދަލޭކައަށް ހަމަލާދެމުން ދިޔަ އިރު ވެސް ދަލޭކައަށް ޖާޑިތަކާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ ވަގުތު އަވަހަށް އެތެރެއަށް ވަނުމަށް ހަގުބޭކަލުން އެންގެވިއެވެ. ހަގުބޭކަލުން ފަހަތުގައި ތިއްބަވައިގެން ދަލޭކަ ކުރިއަށް ހިނގަމުން ގޮސް ގަނޑުވަރުގެ އެތެރެއަށް ވަދެއްޖެއެވެ. ހަގުބޭކަލުން މަޑުކުރެއްވީ ދޮރުގެ ދެ ފަރާތުގައި ގަނޑުވަރުގެ ބޭރުގައެވެ.

ގަނޑުވަރުގެ ތެރެއަށް ވަދެވުމާ އެކު ދަލޭކަގެ ފައި ތަޅުލެވިއްޖެއެވެ. އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. ގަނޑުވަރުގެ ދިގު ފެންޑާގެ އެއް ކޮޅުގައި ހުރި އުނދޯލިދާންކޮޅެއްގައި އިށީނދެ ވަޑައިގެން އިންނެވި ބޭފުޅެއްގެ ކަނާތްފަރާތުގައި ހުރި އެއްތެޔޮ ފުރި އަދަރާދަ ގޮނޑިއެއްގައި ވެޑުވިގެން އެ އިންނެވީ ސުލައިމާނުދީދީއެވެ. ސުލައިމާނުދީދީގެ މޫނުމަތިން ދަލޭކައަށް ފެނުނީ އެއްކަލަ ވަޚުޝީ ހިނިތުންވުމެވެ. މަތީ ތުންފަތުގައި ދޫ ހާކައިލައްވަމުން ތެދުވެ ވަޑައިގެން ވިދާޅުވިއެވެ.

"މި އިންނެވީ ރާއްޖޭގެ ރަދުން. ގަޑަނާއްދީއްތަ މަހާރަދުން." ސުލައިމާނުދީދީ މިހެން ވިދާޅުވުމުން ރަސްގެފާނަށް ކުރުުނީސް އަދާކުރުމުގެ ގޮތުން ދަލޭކަ ރަސްގެފާނާ ދިމާއަށް އެނބުރި ބޯ ތިރިކޮށްލިއެވެ. ރަސްގެފާނު ވެސް އިސްތަށިފުޅުން ކުރެއްވި އިޝާރާތަކުން ދަލޭކަގެ ސަލާމުގެ ޖަވާބު ދެއްވިއެވެ. ރަސްގެފާނާ ދިމާއަށް ދަލޭކަ ރަނގަޅަށް ބަލައިލިއެވެ. އުމުރުފުޅުން ސުލައިމާނުދީދީއަށް ވުރެ ހަގުވާނެކަމަށް ފެނެއެވެ. މޫނު ކަޅިރަވަ ރީތި ބޭފުޅެކެވެ. ރަސްގެފާނު ތުރުކުރައްވައިގެން އިންނެވީ އެއްކޮށް ފަޅާލައި ގޮށްފަތި އަޅާފައިވާ ކުކުޅު ބިސް ކުލައިގެ ލިބާސްކޮޅެކެވެ. ހަމަ އެ ކުލައިގެ ދޫ ހަރުވާޅުކޮޅެކެވެ. ގޮށްފަތީގެ ދެ ފަރާތުގައާއި އަތުކުރިއާއި ހަރުވާޅުގެ ފައިކުރީގައި ރަން ކަސަބުން ކުރެހުން އަޅާފައި ހުއްޓެވެ. ތުރުކުރައްވައިގެން އިންނެވި ރަތްކުލައިގެ ޖޫތީކޮޅުގައި ވެސް ވަނީ ރަންކުލައިން ކުރެހުން އަޅާފައެވެ. އިސްތަށިފުޅުގައި ތުރުކުރައްވާފައި ވާ ފަގުޑިކޮޅުގެ މެދުގައި ކުރިމައްޗަށް ވާ ގޮތަށް ހަރުކޮށްފައި ހުރި ގޮފިކޮޅުގައި ހުރި އެސްތަކުން އަރާ ވިދުވަރުން ދެ ލޯ ތަރަތަރަޖަހައިގެން ދާހާ ވެއެވެ. ރަން ކުލައިގެ އަސާކޮޅެއް ހިއްޕަވައިގެން އިންނެވި ރަސްގެފާނު ކަޅިޖަހައި ނުލައްވައި ބައްލަވަމުން ގެންދަވަނީ ދަލޭކައާ ދިމާއަށެވެ.

"ދަލޭކައަކީ ރަސްގެފާނު ޚާއްޞަ މެހެމާނެއް. ދަލޭކަ އިންނާނީ މި ގަނޑުވަރުގައި." އަނެއްކާ ވެސް ވާހަކަފުޅު ދެއްކެވީ ސުލައިމާނުދީދީއެވެ.
"ޢަލީ ކޮބައިތޯ؟ ޢަލީ އަންނާނީ ކޮން އިރަކުންތޯ؟" މިހާ އިރު ވީ އިރު ވެސް ޢަލީގެ ޚަބަރެއް ނުވީމާ ދަލޭކަ ކަންބޮޑުވެއްޖެއެވެ. ދަލޭކަ ހީކުރީ ދަލޭކަ އަންނަން ވާ އިރަށް ޢަލީ ހުންނާނީ ގަނޑުވަރުގައިކަމަށެވެ. އެކަމަކު އަދިވެސް އައްޔެއް ނާދެއެވެ.

"ޢަލީ ވެސް ދެން އިސާހިތަކު އަތުވެދާނެ. ދަލޭކަ ދެން ދަތުރު ވަރުބަލި ފިލުވައިލަން ކޮޓަރިއަށް ދޭ." ދަލޭކަ، މާވަޑި ޢަލީގެ ވާހަަކަދައްކާ އަޑު އައްސަވާކަށް ސުލައިމާނުދީދީ ބޭނުންފުޅެއް ނުވިއެވެ. ފެންޑާގެ ތަންކޮޅެއް ދުރު ހިސާބެއްގައި މަޑުކޮށްލައިގެން ތިބި ދެ ބާނދީކުދިންނަށް އިޝާރާތެއް ކޮށްލެއްވުމުން އެ ކުދިން އައިސް ދަލޭކަގެ ގާތުގައި ހުއްޓުނެވެ.
"މި ކުދިންނާ އެކު ދޭ. ޢަލީ އައިމަ ދަލޭކަގެ ގާތަށް ފޮނުވާނަން." ސުލައިމާނުދީދީ މިހެން ވިދާޅުވުމުން ދަލޭކަ އެ ދެ ކުދިންނާ އެކު ގަނޑުވަރުގެ އެތެރެ ގެކޮޅަށް ދިޔުމަށް ހިނގައިގަތެވެ.

"ދަލޭކަ ހާދަ ރީއްޗޭ." ދަލޭކަ އެތެރެއަށް ވަދެގެން ދިޔުމުން ރަސްގެފާނު ވާހަކަފުޅުދައްކަވަން ފެއްޓެވިއެވެ.
"ދަލޭކަގެ ރީތި ވާހަކަ ސުލައިމާނުދީދީ ދެއްކެވިއެއް ކަމަކު މިހައި ރީތި ކުއްޖަކު އެކަހަލަ ރަށެއްގައި އިނދެދާނެ ކަމަކަށް ހިޔެއް ނުކުރަން." ރަސްގެފާނުގެ ވާހަކަފުޅު އަޑުއައްސަވަން އިންނެވި ސުލައިމާނުދީދީ ފަޚުުރުވެރިކަމާ އެކު ހިނިފުޅުވަޑުވަމުން ގެންދެވިއެވެ. ރަސްގެފާނު ދަލޭކައަށް ބޭނުންފުޅުވެ ވަޑައިގެން އިންނެވި ވަރު އެ ރަދުންގެ ދެ ލޯ ފުޅުން ސުލައިމާނުދީދީއަށް ފެނިވަޑައިގެންނެވިއެވެ.

"އަޅުގަނޑު މިހާ ރަސްގެފާނުގެ ހިތްޕުޅާ ހަމަކުރައްވާ ވަރުގެ ރަނގަޅު ހަދިޔާއެއް ރަސްގެފާނަށް ވެދުމަށް އެރުވީމާ އަޅުގަނޑަށް އިނާމު އޮންނާނެ ދެއްތޯ." ސުލައިމާނުދީދީ ކޮލުގައި ހުރި ދަތްތައް ވެސް ފެންނަހާ ވަރަށް ހިނިފުޅުވަޑުވައިލިއެވެ.

"ޔަގީނެއްނު. ވަރަށް އަގުހުރި އިނާމެއް ލިބޭނެ." ރަސްގެފާނު ވެސް ސުލައިމާނުދީދީގެ މި ހިނިފުޅުވެޑުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޢަލީ ހުރަގެއަށް ގެނައި ގޮތަށް ލީ އެ ތަނުގެ ގޮޅިއަކަށެވެ. ގޮޅީގެ ތަންޑުއަޅުވައި ތަޅުލާފައި ހުއްޓައި އިރުގަނޑެއް ފަހުން ގޮޅީގެ ދޮރު ހުޅުވައިލައްވާފައި އެ ވަންނަވަނީ ހަކުރާ މަނިކުފާނެވެ. އަރިހުގައި ދުރުވި ދެ ހަގުބޭކަލުން މަޑުކުރެއްވީ ގޮޅިން ބޭރުގައި ތަންކޮޅެއް ދުރުގައެވެ. ޢަލީ އިށީނދެގެން އިން އަށިން ފުންމައިގެން ތެދުވެ އެހިއެވެ.
"ތިއީ ކޮން ބޭކަލެއްތޯ؟ އަޅުގަނޑު މި ތަނަށް މި ގެންނެވީ އަޅެ ކީއްވެގެންތޯ؟ އަޅުގަނޑުގެ ކުށަކީ ކޮބައިތޯ؟" ޢަލީ ހުރީ ގޮތް ހުސްވެފައެވެ. މާޔޫސްވެފައެވެ. ދަލޭކަ މަތިން ހަނދާންވީމާ ލިބޭ ނުތަނަވަސްކަން އަދި ވަކިން ބޮޑުވެފައެވެ.

"މަށަކީ ހަކުރާ މަނިކުފާނު! ޢަލީ ތިޔަ ހުރީ ރަސްގެފާނުގެ އިސް ވަޒީރު ސުލައިމާނުދީދީ ތިޔަ ރަށަށް ވަޑައިގެންނެވި ތަނާ ފިއްލެޔޮ ޖަހާފައެއްނު؟ ޢަލީގެ ކުށަކީ އެއީ. އެއީ ކުޑަ ކަމެއްތަ؟" ހަކުރާ މަނިކުފާނުގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.

"ސުލައިމާނުދީދީގެ ގައިކޮޅަށް ފިއްލެޔޮ ޖެހީ އަޅުގަނޑެއް ނޫން. އަޅުގަނޑު އެކަހަލަ ކަމެއް ނުކުރަން." ހަކުރާ މަނިކުފާނާ ޢަލީ ވާހަކަދައްކަން ހުއްޓައި އަނެއްކާ ވެސް އެ މީހުން ތިބި ގޮޅީގެ ދޮރު ހުޅުވިއްޖެއެވެ. ބަލައިލި އިރު އެހެރަ ވަޑައިގަންނަވަނީ ސުލައިމާނުދީދީއެވެ. މި ދީދީ އެ ތަނަށް ވެންނެވުމުން ހަކުރާ މަނިކުފާނު ސުލައިމާނުދީދީއަށް އަދަބު ތައުޒީމް އަދާކުރައްވާފައި އެ ތަނުން ނުކުމެވަޑައިގަންނަވައިފިއެެވެ. ހަގު ބޭކަލުން ތިއްބެވި ތަނުގައި ބޭރުގައި މަޑުކޮށްލެއްވިއެވެ. އޭރު ކަނި ޖަހަމުން ދިޔަ ވާރޭގެ ތިކިތައް ބޮޑެތިވެ ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.

"ތިޔަ ބޭފުޅާގެ ގައިކޮޅަށް ފިއްލެޔޮޖެހީ އަޅުގަނޑެއް ނޫން." ޢަލީގެ ކުށެއް ނެތްކަން ސުލައިމާނުދީދީއަށް އަންގައިދޭން ޢަލީ މަސައްކަތްކުރިއެވެ. ޢަލީއާ ވަރަށް ގާތަށް ހުއްޓިވަޑައިގެންފައި ދުރުގައި ތިބި މީހުންނަށް ނީވޭވަރަށް ސުލައިމާނުދީދީ ވިދާޅުވިއެވެ.

"އަހަރެންނަށް އެނގޭ އެ ކަން ކުރީ އައްޔެއް ނޫންކަން. އެއީ ސިތާރާގެ ދީވާނާ އާދަނުގެ ކަމެއް."

"ހަގީގަތް އެނގިވަޑައިގަންނަވާ އިރު، އަޅުގަނޑުގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުއްވާފައި މި ތަނަށް ތިޔަ ލެއްވީ ކީއްވެތޯޯ؟... އަނެއްކާ ދަލޭކަ ކޮބައިތޯ؟... ހެޔޮ ނުވާނެ އަޅުގަނޑު ދަލޭކަގެ ގާތަށް ގެންގޮސްދެއްވާ! އާދޭސް ދަންނަވަން!" ދަލޭކަ ވީ ގަނޑުވަރުގައި ކަމާ މެދު ވެސް މިހާރު އައްޔަށް ޝައްކުވާން ފަށައިފިއެވެ.

"ދަލޭކަ އެބައިން ގަނޑުވަރުގައި ސަލާމަތުން... ވަރަށް ޢިއްޒަތުގައި... މިހާރު އެއީ، ރަސްގެފާނުގެ އަމާނާތެއް!" ސުލައިމާނުދީދީ އެއް މިޔަކަނުން ހީނލައްވަމުން ޢަލީގެ ޖަޒުބާތުތަކާ ކުޅެލައްވަން ގަސްދުކުރެއްވިއެވެ.
"އަޅުގަނޑުގެ ހަލާލު އަނބިމީހާ ކިހިނެއްތޯ ރަސްގެފާނުގެ އަމާނާތަކަށް ވާނީ... ތިއީ ކިހައި ވިޔާނުދާ ކަމެއްތޯ؟" ސުލައިމާނުދީދީގެ ވާހަކަފުޅު މި ހުރި ގޮތުން ޢަލީގެ ލޭ ކެކެން ފަށައިފިއެވެ. އަޑު ބާރުވާން ފަށައިފިއެވެ.

"ދަލޭކައަކީ ތިޔަ ކަހަލަ މާވަޑި އައްޔަކަށް އެކަށީގެންވާ ވަރަށް ވުރެ މާ ރީތި ކުއްޖެއް... ދަލޭކައަށް އެކަށީގެންވަނީ އަހަރެން ނޫނީ ރަސްގެފާނު ފަދަ ޢިއްޒަތްތެރިއެއްގެ އަތްނބެއްގެ ގޮތުގައި އިންނަން... އެކަމަކު އަހަރެންނަށް އެނގޭ ދަލޭކަ އަހަރެންނަކަށް އާނ ބަހެއް ނުބުނާނެ!... އަހަރެންނަށް ނުލިބުނަސް ހެޔޮ! ތިޔަ ދެ މީހުން އެކުގައި އުޅުނަކަ ނުދޭނަން!" ސުލައިމާނުދީދީގެ އަޑުގައި ވަނީ ނުރުހުމެވެ.

"އަޅުގަނޑުމެންގެ ކުށަކީ ކޮބައިތޯޯ؟"
"ޢަލީ ތިޔަ ހުރީ އަހަރެންނަށް ލައްކަ އަހުވަ ދައްކާފައި! ނާ ދޮށަށް ދިޔަ ދުވަހު އަހަރެންގެ ބޮލުގައި މާ މުގުރުން ޖަހާކަށްނު ޢަލީ އުޅުނީ؟... އަހަރެން ފެންނަ އިރަށް ލޯއަޅައިގެން ހުރުމާ މި ކަންކަމުން ޢަލީ ކުށްވެރިނުވާނެ އެއް ގޮތެއް ވެސް ނެތް!" ސުލައިމާނުދީދީ މި އޮއް ހުރިހައި ދުވަހަކު ހިފަހައްޓަވައިގެން ހުންނެވި ވާހަކަތައް އައްޔާ ދިމާއަށް ދޫކޮށްލެއްވިއެވެ. ޢަލީގެ ހިތަށް އެރިއެވެ. އެ ދުވަހު މާ މުގުން ޖަހައި މި ކަލޭގެ ޗިސްޗިސްކޮށް ނުލެވުނުކަން ހާދަހާ ދެރައެވެ.

"ސުލައިމާނުދީދީ ކީއްކުރަން ރަސްގެފާނު ވެސް އަޅުގަނޑުގެ އަނބި ދަލޭކައާ ވައިވެސް އެޅިގެން ނުވާނެ!" އައްޔަށް ހަޅޭލަވައިގަނެވިއްޖެއެވެ. ޝިކާރަވެރިއެއްގެ ދަލުގައި ޖެހިފައި އޮތް ސިންގާއެކޭ އައްޔެކޭ އެއްގޮތެވެ. ހަޅޭ ލަވަލަވައި މި ޖެހެނީ ހުންނާށެވެ. ދަލޭކަގެ ގާތަށް ދެވޭނެ އެއްވެސް މަގެއް އަދިއެއް ނުފެނެއެވެ. ގޮޅިން ބޭރުގައި ތިބި ހަގު ބޭކަލުންނާއި ހަކުރާ މަނިކުފާނު ވެސް މި ކޮޅަށް ބައްލަވައިލެއްވިއެވެ. ވެހެމުންދާ ބޯ ވާރޭގެ ތެރޭން ވެސް އަލީގެ ރުޅިވެރި އަޑު ފާޅުވިއެވެ.

"މާ އަޑުގަދަ ނުކުރޭ... ކަލެއަކަށް ދެން މި ގޮޅިއަކުން ނުނިކުމެވޭނެ." ވައި އަޑުން އައްޔާ ދިމާއަށް މިހެން ވިދާޅުވެ ގޮޅިން ނުކުމެވަޑައިގަންނަވަން އުޅުއްވާފައިމެ އަނެއްކާ ވެސް އައްޔާ ދިމާއަށް ސުލައިމާނުދީީދީ އެނބުރިވަޑައިގެންނެވިއެވެ.

"މި ގޮޅިން ނުކުމެވިދާނެ ގޮތެއް އެބަ އޮތް!" ސުލައިމާނުދީދީ ދައްކަވަން އެ އުޅުއްވާ ވާހަކައަކާ މެދު ޢަލީ ވަރަށް ފަރުވާތެރިވެއްޖެއެވެ. ނަމަވެސް ސުވާލު ކުރާކަށް ގަސްދެއް ނުކުރިއެވެ. އެ ދީދީއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

"ދަލޭކަ ވަރިކުރޭ!" ސުލައިމާނުދީދީ މިހެން ވިދާޅުވެ ނުނިމެނީސް ޢަލީގެ ދެ އަތުން އެ ދީދީ ތުރުކުރައްވައިގެން ހުންނެވި ކުރު ގޮށްފަތިލީ ލިބާހުގެ ގިރުވާނުގައި ހިިފައި ގާތަށް ދަމާލައި މޫނަށް ކުޅެއް ޖަހައިފިއެވެ. ސުލައިމާނުދީދީ މި ވިދާޅުވި އެއްޗަކުން ޢަލީގެ ހޭބުއްދި ފިލައިފި ކަހަލައެވެ. އެ ވަގުތު، ގޮޅީގެ ބޭރުގައި ތިއްބެވި ހަގުބޭކަލުންނާއި ހަކުރާ މަނިކުފާނު އެތެރެއަށް ވަންނަވަން އުޅުއްވުމުން ސުލައިމާނުދީދީ އަތުން އިޝާރާތްކުރައްވައި އެ ކަން ހުއްޓުވައިފިއެވެ. ސުލައިމާނުދީދީގެ މޫނަށް ޢަލީ ޖެހި ކުޅުގަނޑު ކޮނޑުން ފޮހެލެއްވިއެވެ. ރުޅިއާއި މާޔޫސްކަމާ މި ހުރިހައި ކަމެއް އެކުވެގެން ގޮސް ޢަލީގެ އަތްފައި މިހާރު ތުރުތުރު ވެސް އަޅައެވެ.

"ދެވަނަ ފަހަރަށް ތިޔަހެން ނުބުނައްޗޭ!" ސުލައިމާނުދީދީ މި ވިދާޅުވި އެއްޗަކުން މާވަޑި ޢަލީގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އަނެއްކާ ވެސް ޢަލީގެ އަޑު ބާރުވާން ފަށައިފިއެވެ.

"ދަލޭކައަކީ މަގޭ ފުރާނަ... މަގޭ ފުރާނަ، މަގޭ ހައްޓަކާ ވަތްކެއް ނުކުރެވޭނެ!" ޢަލީގެ މި ވާހަކަތަކުން ސުލައިމާނުދީދީގެ ގާތަށް ވަރަށް ހިނިއަތުވެއްޖެއެވެ. ހަމަ އެ ހިނދުމެ ދަތްކުނޑިވިކައިލައްވާފައި ވިދާޅުވިއެވެ.
"ދެން އައްޔަކަށް ދަލޭކައަކާ ބައްދަލެއް ނުވާނެ... އައްޔާއި އައްޔަގެ "ފުރާނަ" އާ ދެ ތަންކޮށްފައި މިފަހަރު ހުއްޓައިލާނީ... އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް މި ކަން ކުރާނަން! އެހެންނޫނީ މަގޭ ނަމަކަށް ސުލައިމާނުދީދީއެއް ނުކިޔާނެ!" ސުލައިމާނުދީދީ ކިތަންމެ ކޯފާވެފައި ހުންނެވި ނަމަވެސް ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ބޭރުގައި ތިއްބެވި ބޭފުޅުންނަށް ނީވޭނެހާ މަޑުންނެވެ. ޢަލީއަށް ގޮތް ހުސްވެއްޖެއެވެ. މި ސުލައިމާނުދީދީއާ މި ގޮތަށް ކުރިމަތިލައިގެން އައްޔަށް ކުރި ނުލިބޭނެކަން ވިސްނިއްޖެއެވެ.
"އަޅުގަނޑަށް ކުރެވިފައިވާހާ ކުށަކަށް މާފަށް އެދެން! ހެޔޮ ނުވާނެ ދަލޭކައަށް ގޮތެއް ނުހައްދަވާތި!" ސުލައިމާނުދީދީގެ ފައިތިލަމައްޗަށް ޢަލީ ތިރިވިއެވެ. އެ ދެފައިންޕުޅުގައި ހިފާފައި ޢަލީ ބުންޏެވެ.

"އާދޭސްކޮށްފައި މި ދަންނަވަނީ ދަލޭކަގެ ގާތަށް އަޅުގަނޑު ގެންގޮސްދެއްވާ! ދަލޭކައާ އަޅުގަނޑު ވަކިނުކުރައްވާ!" ޢަލީއަށް މިހާރު ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކެއެވެ. ރޮވެނީއެވެ. ގިސްލެވެނީއެވެ. އެ ދީދީގެ ފައިބުޑުގައި އައްޔަށް ރީއްޗަށް އިށީނދެވިއްޖެއެވެ. އެ ހިނދު އެ ދީދީ ދެ ފިޔަވަޅު ފަހަތަށް ޖެހިވަޑައިގަތެވެ.

"ބުނެފީމެއްނު އެއީ ރަސްގެފާނުގެ އަމާނާތެކޭ... އަހަރެންނަކަށް ނެތް ތި ކަމަށް ވެދެވޭނެ އެހީތެރިކަމެއް... އައްޔަކަށް ވެސް އޮތީ ދެން ދަލޭކަ ވަރިކުރުން... ސުލްހައިގައި މި ކަން ކުރިއްޔާ ޢަލީ ހިތް ފުރޭވަރަށް ރަސްގެފާނު އައްޔަށް ޢިނާމުދެއްވާނެ... ޢަލީ މި ކަމަށް އިންކާރުކުރިއަސް ރަސްގެފާނު މި ކަން ކުރައްވާނެ! ދަލޭކައާ ރަސްގެފާނު ވަރަށް ހިތްޕުޅާހަމަކުރައްވައިފި." ސުލައިމާނުދީދީއާ ދިމާއަށް ބަލަހައްޓައިގެން ބުދެއްހެން ޢަލީ އިނެވެ. އިތުރަށް ދެން ދައްކާނީ ކޮން ވާހައެއް ހެއްޔެވެ؟ ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ލޯބިވާ ހަލާލު އަނބިމީހާ އެހެން ބަޔެއްގެ އަތްމައްޗަށް ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ ބޮލުގައި ދެ ފަރާތުން ހިފަހައްޓައިލެވިއްޖެއެވެ. ދަލޭކާއޭ ކިޔައި ބާރަށް ރޮއިގަނެވިއްޖެއެވެ.

"މާދަމާ އަދި އަންނާނަން. މިރޭ ރަނގަޅަށް ވިސްނާ!" މާވަޑި އައްޔާ ދިމާއަށް މިހެން ވިދާޅުވެ ސުލައިމާނުދީދީ ފަސް އެނބުރި ބަލައި ވެސް ނުލައްވައި ވަޑައިގެން ގޮޅިން ނުކުމެވަޑައިގެންނެވިއެވެ. ދެން ހަގުބޭކަލުން ދުރުވެ ޢަލީ އިން ގޮޅީގެ ބޭރުން ތަންޑު އަޅުވައި ތަޅުލިއެވެ. އެ ވަގުތު ވިދާލި ވިދުވަރުން މުޅި ގޮޅިތެރެ އަލިވެގެން ދިޔައެވެ. ވިދުވަރާ އެކު ޖަހައިލި ބާރު ގުގުރީގެ ސަބަބުން މުޅި އެ ޢިމާރާތަށް ލޮޅުން އަރައިގެން ދިޔައެވެ. އައްޔަށް ހީވީ ވަރުގަދަ އިންޒާރެއްގެ ރަނގަބީލެއް ޖަހައިލިހެންނެވެ. ޖެހެމުންދާ ގަދަ ވައިގެ ބޫން އަޑުފަށްގަނޑު ގޮޅިތެރޭގައި ހިއްޕައިލާފައި ހުއްޓެވެ. އެއީ، ބިރާއި ސިހުން ގެނެސްދޭ އަޑެކެވެ. ގޮޅީގެ ކަނެއްގައި ދެ ކަކޫ ކުރުގަޅުވާލައިގެން ޢަލީ އިނެވެ. އޭރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

"މިއޮއް ތޫފާނީ ރޭ ދަލޭކަ ކޮބައިބާ؟... އަހަރެމެން މާލެއަށް މި އައީ ކޮންފަދަ ފޮނި އުއްމީދަކާ އެކު! އެކަމަކު އަހަރެމެންނާ މެދު ކަންތައް ވާން މިއޮއް އުޅޭ ގޮތެއްތާދޯ! ދަލޭކައަށް މިއިން ކަމެއް އެނގޭބާ؟ ދަލޭކަ އަހަރެން ނުފެނިގެން އުޅޭނެ ގޮތް... އާހ!... މާތް ﷲއާ ވަކީލު!" ޢަލީއަށް ބާރަށް ރޮއިގަނެވިއްޖެއެވެ. ޢަލީގެ ހިތާމައިގައި ބައިވެރިވެ ވާރޭގެ ވަރުގަދަ ތިިކިތަކުން މުޅި ދުނިޔެ ތެއްމަމުންދަނީއެވެ. މުޅި ކާއިނާތު ވެސް މި ރޭ ޢަލީއާ ބައިވެރިވެ ރޯކަހަލައެވެ. ތަގުދީރުގެ ވަރުގަދަ އަތުން ކައިވެނީގެ މުގައްދަސް ގުޅުމަކުން ގުޅުވައިލަ ދިން ދެ ލޯބިވެރިންގެ ވަކިކުރުމާ މުޅި ކާއިނާތު ވެސް ދެކޮޅުހަދާ ކަހަލައެވެ.
(ނުނިމޭ)

(ނިމުނީ)