ކުރީ ޢަދަދާއި ގުޅޭ: "މެންދުރަށް ތި ތައްޔާރުކުރަނީ ކޯއްޗެއްތަ؟" ދަލޭކަ ބަދިގެ ތެރޭގައި އުޅެނިކޮށް، ދަލޭކަގެ އެކުވެރި ރުގިއްޔާ ބަދިގެ ދޮރުމައްޗަށް ހުއްޓި އެހިއެވެ.

"މާޅޮސް ކެޔޮކޮޅެއް މަޑުކޮށްލަނީ." އުނދުނުގެ ދަރުތައް މަގަތަށް ދަމާލައި ގިނި މަޑުކޮށްލަމުން ދަލޭކަ ބުންޏެވެ. "ގޭގޭ ދޮށަށް ތިޔަ ހިނގަނީ މިހާރު މެންދުރަށް ކެއްކީތަ؟" އެންމެން އަވަދިނެތި މެންދުރަށް ކައްކަން އުޅޭ މި ވަގުތުގައި ރުގިއްޔާ މިހެން އައިސް މި ތާ ހުއްޓުނީމާ އެ ވާހަކަ ނުދައްކައެއް ދަލޭކައަކަށް ނުހުރެވުނެވެ.

Ad
rt

"މި އައީ ދަނޑިއަލުވިކޮޅެއް މަޑުކޮށްލާފައި. ހުނި ވެސް ގާނާފައި..." ދެން އިތުރަކަށް ރުގިއްޔާގެ ވާހަކައެއް ކުރިއަކަށް ނުދިޔައެވެ. ބަދިގެ އޮޅިގަނޑުގައި ބޭރަށް ވާ ގޮތަށް އިށީނދެލިއެވެ. ރުގިއްޔާގެ އިސްޖެހިފައިވާ މޫނަށް ދަލޭކަ ބަލައިލިއެވެ.

"ދެން ތި ކަނީ ކޯއްޗަކާ އެކުތަ؟ ލައިން ކާ އެއްޗަކަށް ހެދީ ކޯއްޗެއް؟"

"ނެތް... އެއްވެސް އެއްޗެއް ނެތް." އިސްޖެހިފައި އެ އިން ގޮތަށް އިނދެ ރުގިއްޔާ ވާހަކަދެއްކިއެވެ.

"ތި ދެން މީހާގެ މޫނުން ހަނދު އޮއްސެންޖެހޭ ވަރުގެ ކަމެއްތަ؟" ދަލޭކަ ގާތަށް ހިނިއަތުވެއްޖެއެވެ. ދިލަޖައްސާފައި ދުމަށިމަތީގައި ހުރި ތަނުން ގިޔުޅު މަސްބުރިއަކާއި ބަދިގެ މެދުގޭގައި ހުރި މުރަނގަ ތޮޅިތަކަކުން ހައެއްކަ ތޮޅި ނަގައި ރުގިއްޔާ އަތަށް ދެމުން ބުންޏެވެ.

"މި ވަރުން ދެން ވާނެތަ؟ މިއީ ކުރީ ދުވަހު ކެއްކި ގިޔުޅު ގަރުދިޔަ އެތީގައި ކައިފައި ބާކީ ހުރި މަސްކޮޅު. މި ތާ ދުމަށީގައި ބަހައްޓައިގެން ދިލަޖެއްސީ. އައްޔަށް ވަރަށް މީރުވާނެ ގިޔުޅު މަހުގައި މުރަނގަ ތޮޅި އަޅައިގެން ހަދާ މަސްހުނި. އެހެންވެ މިއަދު މި ހުރީ މުރަނގަ ތޮޅި މަސްހުނި މޮޑެއް ތޮޅި ވެސް މަޑުކޮށްފައި."

"ތޮޅި މިއީ މި ގޯތި ގަހުންދޯ؟" ރުގިއްޔާގެ ނުތަނަވަސްކަން ފިލާގޮތް ވިއެވެ. ދަލޭކަ ބޯޖަހައިލުމާ އެކު ހިނިތުންވެލިއެވެ.

"ނޫނޭ ދަލޭކައަކީ ވާ ކުޅަދާނަ އަންހެނެއް. މަ ވަރަށް އުފާވޭ މަގޭ ތިޔަ ކަހަލަ ރަޙްމަތްތެރިއެއް ހުންނާތީ."

"ބުނަން ރުގިއްޔާ! ދެން ވެސް ނުބުނެ ނުހުންނާތި! މަ ކައިގެން ހުރިއްޔާ ރުގިއްޔާ ވެސް ހުންނާނީ ކައިގެން. މަގޭ އަތުގައި ހުރި ލޮނެއް ފެނެއްވިއްޔާ ރުގިއްޔާއަށް ލިބޭނެ!" ރުގިއްޔާ ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހި، ރުގިއްޔާއަށް ދަލޭކަ އަޑުލާންފެށިއެވެ. އެ ވަގުތު ދަލޭކަގެ ކަނާތު ލޮލުގެ ތިރީ ބޮނޑިގަނޑު ވަރަށް ބޮޑަށް ތޮޅިގަތެވެ. ދަލޭކައަށް ލޮލުގައި އަތްއަޅައިލެވުނެވެ.

"ލޮލަށް ކިހިނެއްވީ؟ އެއްޗެއް ވެއްޓުނީތަ؟" ރުގިއްޔާ ކަންބޮޑުވެއްޖެއެވެ. ދަލޭކަގެ ލޮލު ތެރެ ބަލައިލަން ރުގިއްޔާ ގަސްދުކުރިއެެވެ. ދަލޭކަ އެ އިން ގޮތަށް ލޮލުގައި އަތް އަަޅައިގެން އިނދެ ބުންޏެވެ.
"އެއްޗެއް ވެއްޓުނީކީ ނޫން؟ މި އުޅެނީ މިއަދު މި ލޯ ހަމަ ތޮޅޭވަރުން... ވަރަށް އުނދަގޫވޭ... ކަނާތު ލޯ ތޮޅެންޏާ ކިހިނެއްވާނެއޭތަ މީހުން ބުނަނީ؟" ކަނާތު ލޯ ތޮޅޭ ވާހަކަ ދަލޭކަ ބުނީމާ ރުގިއްޔާގެ ހިތް ތެޅިގެންފިއެވެ. އޭނާއަށް ތަޖުރިބާކުރެވިފައި ހުރީ އޭނާގެ ކަނާތު ލޯ ތޮޅެންޏާ ދެރަ ގޮތެއް ވާކަމުގައެވެ. އެކަމަކު ވެސް އޭނާގެ ރަޙްމަތްތެރިޔާގެ ހިތް މަަރައިލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

"އެއީ ދެން އެހެން ގުޅުމެއް އޮންނަ ކަމެއް ނޫން..." ރުގިއްޔާ ވާހަކަދައްކަނިކޮށް އެ ތަނަށް އައިސް އެ ހުއްޓުނީ މާވަޑި ޢަލީއެވެ. "އާނ! ތި ލޯ ތޮޅެނީ ކީއްވެގެންކަން މިހާރު މަށަށް އެނގިއްޖެ!" ރުގިއްޔާގެ މޫނުމަތީގައި ހުރީ ލާނެއް ހިނިތުންވުމެވެ. ދަލޭކަގެ އެ ހާސްކަން ކުޑަކޮށްދެވޭތޯ ރުގިއްޔާ މަސައްކަތްކުރިއެވެ. މާވަޑި ޢަލީގެ މޫނަށް އެއް ފަހަރު، ދަލޭކަގެ މޫނަށް އަނެއް ފަހަރު ބަލައިލާފައި ރުގިއްޔާ ބުންޏެެވެ.

"ތިޔަ ލޯ ތޮޅެނީ... ތިޔަ ލޯ ތޮޅެނީ... މި ވަގުތު މި ތަނަށް ޢަލީ އަންނަކަން ދަލޭކައަށް އަންގަންވެގެން." މިހެން ބުނެ ހެމުންހެމުން އެ ތަނުން ދާން ހިނގައިގެންފިއެވެ.

"އޭ! ރުގިއްޔާ! ގަހުން ލުނބޮއެއް ވެސް ބިނދެގެން ދާތި!" ރުގިއްޔާގެ މި ވާހަކަތަކުން ދަލޭކަ ގާތަށް ވެސް ހިނިއަތުވެއްޖެއެވެ.

"ތެދެއް! މި ވަގުތު ތިއީ ކޮން ވަޑާމެއް؟ އަދި މެންދުރަށް ގެއަށް އަންނަ ވަގުތެއް ވެސް ނުޖެހެއެއްނު؟" ޢަލީ މި ވަގުތު ގެއަށް އައިމަ ދަލޭކަ ސުވާލުއުފެދުނެވެ. އޮޅައިލާފައި، ރަތް ރޮދިން އައްސާފައި އޮތް ކަރުދާސްގަނޑެއް މާވަޑި ޢަލީ އަންބޮނޑިން ނަގައި ދަލޭކައަށް ދައްކައިލިއެވެ. ދަލޭކަ އެއްޗެކޭ ބުނަންވާ އިރަށް، ރޮދިކޮޅު މޮހައިލާފައި ދަލޭކަގެ ކަނާތު އަތުތެރެއަށް ލިއެވެ. ކަރުދާސްގަނޑު ނިއުޅާލަމުން ޢަލީ ބުންޏެވެ.

"މިއީ، މާލޭން މިއަދު އުތުރަށް ދަމުން މި ރަށުގައި ޖެއްސި ހޯރަފުށީ ބައްތެލިން ލިބުނު ފަތްކޮޅެއް... މާލެ ދާން ދަޢުވަތު ލިބިފައި މި އޮތީ."

"ތިއީ ކާކު ދިން ދަޢުވަތެއް."

"ރަސްގެފާނެއްނު ދަޢުވަތުދެއްވާނީ... ރަސްގެފާނުގެ ނައުކޮޅު ވިއްޔާ އަހަރެން މި ބަންނަނީ..."

"ރަސްގެފާނު ކީއްވެގެން ޢަލީ މާލެ ގެންދަވަނީ؟" ނައުކޮޅު ބަނެކޭ ކިޔާފައި ޢަލީ މާލެ ގެންދަވަންވީ ސަބަބެއް ދަލޭކައަކަށް ނުވިސްނުނެވެ.

"ސާބަސް ދަލޭކައަށް!... މިހާރު ނައުކޮޅު އެ ހުރީ ގާތްގަނޑަކަށް ނިމިފައި... އެ ދުވަހު ސުލައިމާނުދީދީ އެ ނައުކޮޅު ބައްލަވާފައި ވިދާޅުވި މަ މި މަސައްކަތްކުރާ ގޮތް ވަރަށް ރަނގަޅޭ... ރަސްގެފާނަށް ދަންނަވާނަމޭ އެ ވާހަކަ... އޭރުން ރަސްގެފާނު އުފާފުޅުވެގެން މަށަށް ޢިނާމެއް ވެސް ދެއްވަފާނެޔޭ..." ސުލައިމާނުދީދީގެ ނަން އިވޭއިރަށް ދަލޭކަގެ ހިތް ތެޅިގަތެވެ. އެ ދީދީގެ ދަހިވެތި ނަޒަރު ސިފަވިއެވެ. އެ ދުވަހު ފުޅިތޮށިތައް ނަގަނިކޮށް އަތަށް ހެރި ލީ ޒަޚަމް އަދިވެސް ހުރީ ތާޒާކޮށެވެ. އަތުގައި އޮތް ރަތް ރޮދިކޮޅު ވެސް ދަލޭކައަށް މި ވަގުތު ފެނުނީ އެ ފާރުގަނޑުން އޮހެމުން ދިޔަ ލޭގެ ސައިލެއް ހެންނެވެ. ރޮދިކޮޅާ އެކު މަޑުމަޑުން އަތް މުށްކަވައިލެވުނެވެ.

ދަލޭކަގެ އޮފު ކެނޑިފައިވާ މޫނަށް ޢަލީ ބަލައިލިއެވެ. "ކީއްވެތަ ބަސް ހުއްޓިފައި ތިޔަ ހުރީ؟ ދަލޭކަ އެކަނިކޮށްފައި އަހަރެން މާލެ ހިނގައިދާނެތީތަ؟... ސާބަސް ދަލޭކާ! ރަސްގެފާނު ދަޢުވަތުދެއްވާފައި މި އޮތީ މަ އެކަންޏަކަށް ނޫނޭ. ދަލޭކަ ވެސް ގޮވައިގެން އަންނަން ވިދާޅުވެފައި މި އޮތީ..." ޢަލީގެ މޫނުމަތީގައި ވަނީ އުޖާލާކަމެވެ. އަޑުގައި ވަނީ އުފާވެރިކަމެވެ. އެކަމަކު ދަލޭކާ ވީ އިތުރަށް ހާހެވެ.

"ތިޔަ ނަވެއް ބަންނަނީކީ މަށެއް ނޫނޭ... ދެން ކީއްކުރަން މަ ގެންދަނީކީއެއް؟" ދަލޭކަ އެއްގޮތަކަށް ވެސް މާލެ ދާކަށް ބޭނުމެއް ނޫނެވެ. ދަލޭކަގެ ދެ ކޮނޑުގައި ހިފައިލާފައި ޢަލީ ބުންޏެވެ. "މި ލިބުނީ ކިހައި ރަނގަޅު ފުރުޞަތެއް! އަހަރެމެން މި ތިބީ މާލެ ދާން ބޭނުން ވެސް ވެފައެއްނު؟ މާލޭން ރަނގަޅު ބޭސްވެރިއަކާ ދިމާވެއްޖެއްޔާ ކިހައި ރަނގަޅު؟" ދަލޭކައަށް ވިސްނައިދޭން ޢަލީ މަސައްކަތްކުރިއެވެ.

"ސުލައިމާނުދީދީއާ ދިމާވެއްޖެއްޔާޔޯ؟" ދަލޭކަގެ މި ސުވާލުން، ދަލޭކައަށް ވެގެން މި އުޅޭ ގޮތް އައްޔަށް އެނގިއްޖެއެވެ.

"އުނހޫނ! ރަސްގެފާނު ދަޢުވަތުދެއްވައިގެން ދާ ބަޔަކަށް ވައި އެޅެން ވެސް އެ ދީދީއަށް ކެރިވަޑައިގަންނަވާނެތަ؟ ދަލޭކަ މޮޔަތަ؟" ޢަލީ މާލެ ދާން ބޭނުންވެފައި ހުރިވަރުން އެ ނޫން ކަމެއް ނުވިސްނެއެވެ. އެ ދެމަފިރިންގެ ދިރިއުޅުން ފުރިހަމަ ވާން އޮތީ މާލެއަށް ގޮސްގެންކަމަށް ޢަލީއަށް ގަބޫލުކުރެވެއެވެ.

"އަނެއްކާ ނައުކޮޅު ބޭލުމުގެ ކަންތައްތަކާ ބެހޭ ގޮތުން ރަދުންނާ މަޝްވަރާކުރަން ވެސް އެބަޖެހޭ... މި ރަށު މީހުންނަށް އެކަންޏަކު މި ނަވެއް ނުބޭލޭނެ. ތަކަންދޫން މީހުން އަޔަސް ވެސް މި ކަމެއް ނުވާނެ ފަސޭހައެއްކޮށް... އަތޮޅުގެ އެހެން ރަށްރަށުން ވެސް މީހުން ގެނެސްގެން މި ނައު ބޭލޭނީ." ރަދުންނާ ބައްދަލުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައި އޮތް ކަމެއްކަން ދަލޭކައަށް ވިސްނައިދޭން ޢަލީ މަސައްކަތްކުރިއެވެ.

"އެއީ އެހައި ވެސް ބޮޑު ނަވެއްތަ؟" ދަލޭކަ ހައިރާންވިއެވެ.

"އާނ! ދަލޭކަ ވާނެ އެ ނާ ބަލައިލަން ދާން އެއް ދުވަހަކުން. އެއީ ވަރަށް ބޮޑު ނަވެއް... އެ ވާނެ ރަސްގެފާނުގެ ބޮޑު ނާކޮޅަށް. މަގޭ ނަން ޒަމާންތަކަކަށް ފެވިގެންދާނެ ނާކޮޅަކަށް. ދަލޭކަގެ މި ޢަލީގެ މަތިން މުޅި މި ދިވެހި ފަސްގަނޑު ވެސް ހަނދާންކުރާނެ ވަރުގެ ނާކޮޅަކަށް." ޢަލީގެ މޫނުމަތިން ފާޅުވަމުންދަނީ ފަޚުރުވެރިކަމުގެ ވިދުވަރެކެވެ. ދަލޭކަ ހަމަ ބަހެއް ވެސް ނުބުނެ އައްޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"އެ ނާ ބަންނަމުން މި ދާ ތަނުގެ ގޮތުން ފަސޭހަކޮށް ނުވެސް ބޭލޭނެ. އެއީ ފުއްޓަރު ފަރާތެއްނު ދޯ... ޖެހޭނީ އަވަށު ތެރެއިން ލައިފައި ދަށްފަރާތު އަތިރިއަށް ގެންދަން... ވަރަށް ބުރަ ކަމަކަށް ވާނެ... ނާކޮޅު ބާލާ ދުވަސް ވާނެ ފިސައިރި ބޮޑު ދުވަހަކަށް. ދޯ ދަލޭކާ!" ދަލޭކަގެ ދެ އަތުގައި ޢަލީ ހިފައިލިއެވެ. ދަލޭކަ ހިނިތުންވެލިއެވެ. ޢަލީއަށް ލިބޭ ކޮންމެ އުފަލަކީ ދަލޭކައަށް ވެސް ލިބޭ އުފަލެކެވެ.

"ދަލޭކާ! ދެން އިތުރު ބަހަނާ ދައްކަން ނުހަދާ ދަތުރަށް ހަދާ! އެ ބައްތެލި މާލެ ދަމުން މި ރަށުގައި ޖައްސާނެ! އަހަރެމެން އެއިން މާލެ ދާންވާނެ!" ޢަލީ މާލެ ދާން ބޭނުންވެފައި ހުރި ވަރު އެނގުނީމާ ދަލޭކަ އިތުރު އެއްޗެއް ބުނާކަށް ގަސްދެއް ނުކުރިއެވެ. ދަލޭކަ މޫނުގައި ޢަލީ ދެ އަތުން ހިފައިލައި ނިތްކުރީގައި ހެނދުވައިލިއެވެ. ދަލޭކަގެ ކިޔަމަންތެރިކަމަކީ ޢަލީ ދަލޭކައާ އެންމެ ގަޔާވާ ސިފައެވެ.

ކަތީބު މުޙައްމަދު ޢިޝާ ނަމާދުން އަވަދިވެގެން ގެއަށް ދުރުވި އިރު އަނބި މަރްޔަމް މަނިކެ ހުރީ ކުޑައަށި މައްޗަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައެވެ. ކަތީބު ދުރުވެ އަށީގައި އިށީންނެވުމުން، މަރްޔަމް މަނިކެ އަތް ދޮންނަ ލޯގަނޑާއި ފެންކުރާ ހިފައިގެން އައިސް ކަތީބުގެ އަތްދޮއްވައިފިއެވެ. މި ދެމެދުގައި ވަނީ ހަމަ ހިމޭންކަމެވެ. ކަތީބު އަތް ދޮންނެވި ނަމަވެސް ކޭންބައްލަވާކަށް ނޫޅުއްވައެވެ. މަރްޔަމް މަނިކެ ވެސް އައިސް އަށީގެ އަނެއް ކޮޅުގައި އިށީނދެލިއެވެ.

"ސިތާރާ ކޮބާ؟"

"އެބަ އޮތް ކޮޓަރީގައި... ބޮލުގައި ރިއްސާތީ އުޅެނީ." ކަތީބާ ދިމާއަށް ބަލައި ވެސް ނުލައި އިނދެ މަރްޔަމް މަނިކެ ވާހަކަދެއްކިއެވެ.

"ކޮންމެ ވެސް އެއްޗެއް ދެވޭތޯ ބަލަމާ؟... އެހެން ނުކައި އޮންނަންވެއްޖެއްޔާ ހާންތިވެދާނެ! އެ މަންޖެ ބަލިވެދާނެ!" ކަތީބުގެ މި ވާހަކައާ އެކު މަރްޔަމް މަނިކެގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ގިސްލަ ގިސްލާފައި ރޯން ފަށައިފިއެވެ. "މިއަދު މާލެ އޮޑި އައި ފަހުން އަދި ޢަރުތެރެއަށް އެއްޗެއް ނުލާ! ހަމަ ރޮނީ... އޮވެގެން ކިޔަނީ އެ ދީދީ ފިލީޔޯ!... އޮޅުވައިލިއްޔޭ!" މަރްޔަމް މަނިކެގެ ދެ ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަތައް ލިބާހުގެ ފަސްބައިން ފޮހެލިއެވެ. "އެ މަންޖެއާ ކައިވެނިކުރަން އެ ދީދީގެ ގަސްދުގައި ނެތެއް ކަމަކު ހާލުއަހުވާލު އަހައިލަން ވެސް އެންމެ ރަނގަޅެއްނު؟.. އެ ވަރު ވެސް ކޮށް ނުލި." އަނެއްކާ ވެސް މަރްޔަމް މަނިކެގެ ދެ ލޮލުން ކަރުނަތައް އޮހިގެންފިއެވެ.

"ސުލައިމާނުދީދީ އަހަރެމެންގެ ކަނބުލޮއަށް ކިހިނެއް ހަދާނަމޭ ހިތާބާ އެ އުޅެނީ؟" ކަތީބުގެ އަޑުގައި ވެސް ވަނީ މާޔޫސްކަމެވެ. އެ ދެމަފިރިންގެ ހުރި ހަމަ އެންމެ ފުރާނައެކެވެ. ގެންގުޅުއްވަނީ ދެ ލޮލުގެ ދެ ކޮއިފަދައިންނެވެ. މިއަދު އެ ހާލުގައި އެ ދަރި އޮންނަ ތަން ދެކޭކަށް ހިތަކަށް ކުޅަދާނައެއް ނޫނެވެ.

"ޢަލީ، ދަލޭކައާ އިނީމާ އެ މަންޖެގެ ހަޔާތަށް ހިޔަނި އެޅި ފަޅުކަން ފިލުވައިލަ ދިނީ ސުލައިމާނުދީދީ. މި ދުވަސްތަކުގައި ހާދަ އުފަލުންނޭ އެ މަންޖެ އެ އުޅުނީ... އެކަމަކު މިހާރު ދެން އެ ދީދީ ވެސް ކަންތައް ކުރަން އެ އުޅޭ ގޮތެއް... މޮޅަށް ދެނެވޮޑިގެން ވާނީ ހަމަ މާތް ﷲ... އިރާދަކުރެއްވިއްޔާ މަގޭ މަންޖެއަށް ދެރަ ގޮތެއް ﷲ މެދުވެރިއެއް ނުކުރައްވާނެ!" މަރްޔަމް މަނިކެގެ ގޮތް ހުސްވިއެވެ. ހެއްދެވި ފަރާތާ ވަކީލުކުރުން ނޫން ގޮތެއް ނެތެވެ.

"ސިތާރާއާ އަދި ވެސް ވާހަކަދައްކާ! ވިސްނައިދެވޭތޯ ބަލާ!" މި ކަމުގައި ކުރެއްވޭނޭ މާ ބޮޑު ކަމެއް ނެތްކަން ކަތީބަށް އެނގިލެއްވި ނަމަވެސް އުއްމީދުގެ ހުޅުކޮޅެއް އަދިއެއް ނުނިވެއެވެ.

މިއަދު މިއީ ރަދުންގެ ފަތްކޮޅު ޢަލީއަށް ފޮނުއްވި ހޯރަފުށީ ބައްތެލި އުތުރަށް ދިޔަތާ ދެ ވަނައަށް ވީ ހަފުތާއެވެ. މިހާރު އެ އޮތީ މާލެއަށް ދަމުން އައިސް މި ރަށުގައި ބަނދަރުކޮށްފައެވެ. މާރަންދޫގެ ހުޅަނގު ފަރާތު އަތިރިމަތި އޮތީ ކުދިބޮޑު މީހުންނައިގެން ރަކަރަކައަޅާފައެވެ. މާލެ ދާން ފުރަން އައިސް ތިބި މީހުންނާއި އެ މީހުން ފުރުވަން އައިސް ތިބި މީހުން، އެއް ބަޔަކު އަނެއް ބަޔަކާ ސަލާންގަލާންކުރަމުން ގެންދެއެވެ. މުޅި އަތިރިމަތި ފުރިފައި ވަނީ ބައްތެލިން މާލެ ގެންދަން މީހުން ނެރެފައި ހުރި ކުކުޅުހާލާއި ކާއްޓާއި ދަރާއި ރޯނާއި ފަންގިއާއި މި ބާވަތުގެ ސާމާނުތަކުންނެވެ. އެއީ މާލެއަށް އޮޑިއެއް ފުރާ ދުވަހެއްވިއްޔާ އަތިރިމަތީގެ ހާލަތެވެ.

އަތިރިމަތީގައި ހުރި ޅޮސް ގަސްތަކުން ގަހެއްގެ ހިޔަލުގައި ހުއްޓިލައިގެން ހުރި ރަތީބާގެ ގައިގައި އޮޅުލައިގަނެގެން ދަލޭކަ ހުއްޓެވެ. އެއީ ދަލޭކަގެ މަންމައެވެ. އެ ހުރީ ދަލޭކަ ފުރުވަން އައިހެވެ. ދަލޭކަގެ ބުރަކަށީގައި ރަތީބާ ފިރުމަމުން ގެންދެއެވެ. އެ މީހުންގެ ގާތުގައި ރުގިއްޔާ ވެސް މަޑުކޮށްލައިގެން ހުއްޓެވެ.

"ދެން އަމާމެންނާ ސަލާންކޮށްފައި އޮޑިއަށް އަރަމާ ހިނގާ!" މާލެ ގެންދާން ގެނައި ފޮށިވަށިތައް ބައްތެއްޔަށް ލައިފައި ދަލޭކަ ބަލައި ޢަލީ އައެވެ. ރުގިއްޔާގެ ބޮލުގައި ބަހައްޓައިލާފައި ހުރި އެ މީހުންގެ ތަންމަތި ޢަލީ އަތުލައި ވާތު ކިހިއްޔަށް ޖަހައިލިއެވެ. ދެން ކަނާތުން ދަލޭކަގެ ވާތުގައި ހިފައި ގޮނޑުދޮށާ ދިމާއަށް ޢަލީ ހިނގައިގަތެވެ. ދަލޭކަ ދެ ލޯ ފޮހެމުން ޢަލީއާ އެކު ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް އެނބުރި މަންމައާއި ރުގިއްޔާއާ ދިމާއަށް ބަލައިލިއެވެ. އެ ދެ މީހުން ސަލާމަށް އަތް ހިއްލައިލިއެވެ. އޭރު އެ މީހުންގެ ލޮލުން ވެސް ވަނީ ކަރުނަ ނިރައިލާފައެވެ.

ދަލޭކަ ގޮވައިގެން ރާޅުޖަހާ ފަށަށް ޢަލީ ގޮސް އެ ތާ ދަލޭކަ ބަހައްޓާފައި ޢަލީ މޫދަށް އެރި ގޮސް ފައްތިޔަލަށް ތަންމަތި ލައިފައި އައިސް ޢަލީގެ ދެ އަތްދަނޑިމައްޗަށް ދަލޭކަ އުފުލައިލިއެވެ. ދެން ގެންގޮސް ފައްތިޔަލުގައި ބޭންދިއެވެ. އޭރު ދިޔަވަރު އޮތީ ފޫދެން ފަށާފައެވެ. ގޮނޑުދޮށުގައި ކޮންމެ ވެސް ވަރަކަށް ރާޅު ވެސް ހުއްޓެވެ.

ޢަލީމެން ތިބި ފައްތިޔާ ފަލިޖަހާފައި ގޮސް ބައްތެއްޔާ ކައިރިކޮށް އޭގައި ތިބި މީހުން ބައްތެއްޔަށް އަރުވަންދެން ރުގިއްޔާއާއި ރަތީބާއާ ދެ މީހުން ޅޮސް ގަސްދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ. އޭރު މާލެ އޮޑި ފުރުވަން އައި ބައެއް މީހުން އެއްގަމަށް މިސްރާބު ހިފައިފިއެވެ. ދަލޭކަ ބައްތެއްޔަށް އަރައި ހިޔާގެ ތެރެއަށް ވަނީމާ ރަތީބާއާއި ރުގިއްޔާއާ ދެ މީހުން ވެސް އެއްގަމާ ދިމާއަށް ހިނގައިގެންފިއެވެ.

"ބައްތެލި ފުރުވާފައި އެއްގަމަށް ދިޔަހާ ބަޔަކު ކަތީބު މުޙައްމަދުބޭ ގޯތި ދޮރުމަތީގައި އެ ތިބީ ކީއްވެބާ؟" އަތިރި ފަސް ދީ ރަށުގެ މައިމަގަށް އަޅައިލި އިރު ފެނުނު މަންޒަރުން މި ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އަދި ހިނގުން ހަލުވިކޮށްލިއެވެ.

"ކިހިނެއް ވެގެން މި އުޅެނީ؟" ކަތީބު މުޙައްމަދުގެ ދޮރުމަތީގައި އެއްވެ ތިބި މީހުންގެ ތެރެއިން މީހަކާ ރަތީބާ ސުވާލުކޮށްލިއެވެ.

"މިގޭ ސިތާރާ ޚަބަރު ހުސްވެގެން. ހޭ ނާރައިގެން." ވެގެން އުޅޭ ގޮތް އެ މީހާ ބުންޏެެވެ. މީހުންތަކުގެ ތެރެއިން ދެމެމުން ކަހަލަ ގޮތަކަށް ރަތީބާއާއި ރުގިއްޔާއާއި ދެ މީހުން އެ ގޭތެރެއަށް ވަދެއްޖެއެވެ. ގޭތެރެއިން ދުވަމުންދަނީ ފިނިފެން ވަހާއި ފިޔާ ވަހެވެ. މީހުންތައް ކޮޅުކޮޅަށް ހެލިފެލިވަމުންދެއެވެ. މީހުންތަކުގެ ތެރެއިން ކޯޓުވަމުން އެތެރެ ބަލައިލިއެވެ. ސިތާރާ އޮތީ ކުޑައަށި މަތީގައި ބާއްވާފައެވެ. ސިތާރާގެ ބޯ އޮތީ ކުޑައަށިމަތީ އިށީނދެ އިން މަރްޔަމް މަނިކެގެ އުނގުގައެވެ.

ކަތީބު މުޙައްމަދު ގުދުވެ ސިތާރާގެ ބޮލަށް ފިނިފެން އަޅަމުން ގެންދަވައެވެ. މަރްޔަމް މަނިކެގެ ކަނާތުގެ އިނގިލިތަކުން އެ ފިނިފެންތައް ސިތާރާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ވައްދައި މަސާޖުކުރަމުން ގެންދެއެވެ. މަރްޔަމް މަނިކެގެ ވާތުގައި އޮތް ފިޔާ އިރުއިރުކޮޅާ ސިތާރާގެ ނޭފަތާ ކައިރިކޮށްލައެވެ. ސިތާރާގެ ދެ ލޯ އޮތީ މެރިފައެވެ. ކަތީބު އިރުއިރުކޮޅާ ސިތާރާއަށް ގޮވައިލައްވައެވެ.

"އަދިވެސް އެ މަންޖެ ހޭ ނާރާތަ؟" މީހަކު ސުވާލުކުރި އަޑު އިވުނެވެ. ރަތީބާއާއި ރުގިއްޔާއާ ދެ މީހުންނަކަށް ސިތާރާއާ މާ ގާތަށް ދާކަށް ނުކެރުނެވެ. މިއީ، އިރެއްގައި ވަރަށް އެކުގައި އުޅުނު ބަޔެއް ކަމަކު މިއަދު އެ ދެމެދުގައި ވަނީ ދުރުކަމެކެވެ. ނަފުރަތުގެ ބޯ ފާރެކެވެ.

"އެހެން އޮންނަތާ މިހާރު ކޮން އިރެއް؟ ހޯރަފުށީ ބައްތެލި މި ރަށު ފަޅަށް ވަނީން ސުރެ އެ އޮންނަނީ އެ ޙާލުގައި!” ގޭތެރެއިން މީހަކު ބުނެލި އަޑު އިވުނެވެ. ސުލައިމާނުދީދީއާއި ސިތާރާގެ ވާހަކައަކީ މިހާރު މި ރަށު އެންމެން ވެސް ދަންނަ ވާހަކައަކަށް ވެއްޖެއެވެ.

"އެ ދީދީއަކު މި ރަށުގައި އުޅެފައި އެ މަންޖެ ވަކަރަށް ޖަހާފައި، މާލެ ދެވުނީމާ އެެ މަންޖެ ކޮބައިތޯ ބަލައި ވެސް ނުލި." އެއްވެ ތިބި މީހުން ފާޑުފާޑުގެ ވާހަކަދައްކައި ސިމިސިމިލައްވަމުން ދިޔައެވެ.
"މި ފަކީރަށް ހާދަ ދެރަ ގޮތެކޭ މި ވަނީ... މާލޭގެ ޢިއްޒަތްތެރި ބޭބޭފުޅުން މި ކަލަ ފުށި ރަށްރަށަށް ވަޑައިގެން މީހުންގެ ޅަ ދަރިންނަށް މި ކަހަލަ ކެހިދޭކަށް ނުވާނެއެއްނު؟" ސިތާރާގެ އެ ހާލާ މެދު ރަތީބާގެ ހިތުގައި ރަޙުމް އުފެދުނެވެ. ދަލޭކާއާއި ސިތާރާއާއި ރުގިއްޔާއާ ތިން ކުދިންނަކީ ރަތީބާމެންގެ ގޭގައި އައިސް ކައިބޮއިހަދައި އެކު އުޅުނު ކުދީންނެވެ.

އެ ސުލައިމާނުދީދީއެއް އެ ދިޔައީއެއްނު ކައިވެނިކުރާނަމޭ ކިޔާފައި އަވާމެންދުރެއްގެ ފަހަތުން ސިތާރާ ފަކީރު ދުވަން ޖައްސާފައި." ރުގިއްޔާއަށް ވެސް އެއްޗެކޭ ނުބުނެއެއް ނުހުރެވުނެވެ.

"ދެން ނިކަން އެ ދީދީއަކު މި ރަށަށް އައިސްބަލަ! ބޮލާފޮށާ އަޅުވާފައި ދޫކޮށްލާނީ!" ރުގިއްޔާއަށް ދަތްކުނޑި ވިކައިލެވުނެވެ. އަތް މުށްކަވައިލެވުނެވެ. އޭރު ވެސް ސިތާރާ ހޭއެރުވޭތޯ ކޮންމެ މީހަކު ވެސް އެ މީހަކަށް ވެވުނު ކަމެއްވިއްޔާ ކުރަނީއެވެ. އެ މީހަކު ދަންނަ އިސްމެއް ޢަޒީމެއް ވިޔަސް ކިޔަވަނީއެވެ.

މާލެ އޮޑި ފުރުވާފައި އެއްގަމަށް އެރި އެންމެން ހެން މިހާރު އެ ތިބީ ކަތީބު މުޙައްމަދުގެ ކައިރިއަށް ޖަމާވެފައެވެ. އެ ނޫން މީހުން ވެސް ޚަބަރު ލިބޭ ވަރަކުން މި ގޭ ދޮށަށް އަންނަމުން ދެއެވެ. ކަތީބުގެ ޢާއިލާއަށް މި ލިބުނު ގިލަންވެރިކަމުގައި ބައިވެރި ނުވާ ހަމަ އެކަކު ވެސް މި ވަގުތު މި ރަށުގައި ހުރިހެނެއް ހިޔެއް ނުވެއެވެ.

(ނުނިމޭ)

(ނިމުނީ)