ވާހަކަ: ނާ ބަންނަ އަޑިގަނޑު - 8 (ފަހު ބައި)

76924DBC-3FEC-4700-BF88-04D5ECD53BF8

ކުރީ ޢަދަދާއި ގުޅޭ: ވެހެމުން ދިޔަ ބޯ ވާރޭގެ ތިކިތައް ހީވަނީ ދަލޭކަ އިން ކޮޓަރީގެ ފުރާޅު ފޫއަޅުވައިލާފައި އައިސް އެނދު މައްޗަށް އޮހިގެންފާނެ ހެންނެވެ. އިރުއިރުކޮޅާ މައްޗަށް ބަލައިލެވެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ދަލޭކައަށް ފެންނަނީ އެނދުގެ ވަށައިގެން ދަމާފައިވާ ހުދު ފަށުއި ފޮތީގެ ސަނދުވާއެވެ.

ސަނދުވާއިން ފެށިގެން ގޮސް އެނދުގެ ތިރީ ކައިރިއާ ހަމައަށް ހުރި ހުދު ފަށުއި ފޮތީގެ ފަރުދާ ހަރުކޮށްފައެވެ. މި ފަރުދާތައް ހުރީ ސަނދުވާ ހިފެހެއްޓުމަށް އެނދުގެ ހަތަރު ކަނާ ދިމާގައި ހަރުކޮށްފައިވާ ހަތަރު ދަނޑިއަށް ގެނެސް އައްސައިލާފައެވެ. ޖެހެމުންދާ ގަދަ ވަޔާ އެކު، ފަރުދާތަކުގެ ދޫކޮށްލެވިފަައިވާ ބައިތައް ކޮޅުކޮޅަށް ހޫރޭ އިރު، އޭގައި ރަން ކަސަބުން އަޅާފައި ހުރި ކުރެހުންތައް ވިދާ ބަބުޅަމުންދެއެވެ. ދަލޭކަ މި ކޮޓަރިއަށް ގެނެސް ބާންދީ ކުދިން ދިޔައީ ކޮޓަރީގައި ދިއްލާފައި ހުރި ދުއްލިސާގެ ހުޅުކޮޅު ބޮޑުކޮށްލާފައެވެ. އޭގެ އަލިން މުޅި ކޮޓަރިތެރެ ވަނީ ހުޅުދާންވެފައެވެ. އެ ކުދިން ގޮސް ކޮޓަރިއަށް ވަންނަން ހުރި ބޮޑު ދޮރުގައި ދަމާފައި ހުރި ފަރުދާގެ ކައިރީގައި މަޑުކޮށްލައިގެން ތިއްބެވެ. ހީވަނީ ދަލޭކަގެ އިޝާރާތަކަށް ބަލަބަލާ ތިބިހެންނެވެ.

އެނދުމަތީގައި ހުރި ދޫނިފަތްލީ ބާލީސްތަކުގެ ތެރެއަށް ގެނބިފައި ކަހަލަ ގޮތަކަށް ދަލޭކަ އިނެވެ. ދެފައި ކުރުގަޅުވާލައިގެން ދެ ކަކުލުގައި ދަތްދޮޅި ޖައްސާލައިގެންނެވެ. ދެ އަތުން ދެ ފައިގައި އޮޅުލައިގަނެގެންނެވެ. ކޮށްފައި އައި ދިގު ދަތުރުގެ ވަރުބަލިކަމުން އެސްފިޔަތައް ބަރުވެފައި ވީ ނަމަވެސް ޢަލީއާ އަދިވެސް ބައްދަލު ނުވާތީ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމަކަށް ލުޔެއް ނުލިބެއެެވެ. ދަލޭކަގެ ހިތަށް އަރަމުން ދިޔައެވެ.

"މި އޮތް ތޫފާނީ ރޭ އަޅެ ޢަލީ ކޮބައިތަ؟ ބޯކޮށް ވާރޭ ވެހި ވިދާ ގުގުރަންޏާ އަހަރެން ނުލާހިކު ބިރު ގަންނާނެކަން ހަމަ ރަނގަޅަށް އައްޔަށް އެނގޭނެ! އެކަމަކު ވެސް އަހަރެން އެކަނިމައިއެކަނި، ދުވަހަކު ނުވެސް ދެކޭ ބަޔެއްގެ ގާތަށް ދޫކޮށްލާފައި ޢަލީ މި ދިޔައީ ކޮން ތާކަށްތަ އަޅެ ފަހެ؟"

އެ ވަގުތު ޖެހުނު ގަދަ ވައިރޯޅިއާ އެކު ގަސްތަކުގެ ފަތްތައް ފުރާޅުގައި ކޭއްތިގަތް އަޑުފައްގަނޑު ހީވަނީ ރަފަަރަފައަޅާފައި އެއްޗެހިތަކެއް ފައިބައިގެން ދިޔަހެންނެވެ. ދެ ލޯ މަރައި ތަގުޅިކޮށްލުމާ އެކު މަންމާއޭ ކިޔައި ނިކަން ބާރަށް ރޮއިގަނެވިއްޖެއެވެ.

"ކިހިނެއްވީ ދަލޭކާ؟" ދަލޭކަގެ ނުހަނު ގާތުން އަޑެއް އިވުމުން ދަލޭކަ ލޯ ހުޅުވާލައި ބަލައިލިއެވެ. އެނދު ކައިރީގައި ހުއްޓިލައިގެން އެ ހުރީ ދެވަންފުރާގެ އަންހެނެކެވެ. ދަނބުކުލައިގެ އަދާރަސަމް ލިބާހެއްގައެވެ. ހަމަ އެ ކުލައިގެ ފޮތިގަނޑެއް އަނދެފައެވެ. ދެ އަތުގައި ވެސް ރަން އުޅާބައެއް އޮތެވެ. ކަރުގައި އޮތް ފައްޓަރުބައިގެ ފޮތިތަކުން ވިދުން އަރައަރައި ހުއްޓެވެ. ކަނާތު ކަންފަތާ ދިމާގައި ބޮލުގައި ޖަހާފައިވާ ހުޅި މަތީގައި ކަޅު ރަތްކުލައިގެ ރުމާފަޅިއެއް އޮތެވެ. ރުމާ ފަޅީގައި ހުރީ ރަން ކަސަބުން ޖަރީކޮށްފައެވެ. ދަލޭކަ ލޯ ހުޅުވައިލުމުން އެ މީހަކު އައިސް ދަލޭކަ އިން އެނދުގެ މަގަތުގައި އިށީނދެލިއެވެ. ދަލޭކަ ދެ ކަކޫ ދަމައިލާ ސީދާވެލިއެވެ.

"ތިޔަ އިނީ ވަރަށް ބިރުން ދޮތަ؟" އެ މީހަކު ވަރަށް އޯގާވެރިކަމާ އެކު އަހައިލިއެވެ. ދަލޭކަ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

"އެހެން ހީވެގެން މި އައީ... މިހާރު އެއްޗެއް ކައިފިންތަ؟" ދަލޭކަ ނޫނެކޭ ވެސް ބުނީ ބޮލުގެ އިޝާރާތުންނެވެ.
"އަަހަރެން މި ކޮޓަރިއަށް ކާ އެއްޗެހި ފޮނުވާނަން."
"ކޮބާ ޢަލީ؟"
"ޢަލީ އަދިވެސް ނާދޭ!"
"ތިއީ ކޮން ބޭފުޅެއްތޯ؟"
"މިއީ ރަސްގެފާނުގެ ދޮށީ އަނބި! ނޫރުއްނަހާރު!" މި ބޭފުޅަކު މިހެން ވިދާޅުވާ އިރަށް ދަލޭކަ އަވަހަށް އެނދުން ފައިބާން މަސައްކަތްކުރިއެވެ.

"ނޫނޭ! ފައިބާނެ ކަމެއް ނެތް! ތިޔަ އިނީ ވަރަށް ވަރުބަލިވެފައެއްނު!" މި ހެން ވިދާޅުވެ ދަލޭކަގެ ދެފައިގައި ނޫރުއްނަހާރު ހިފަހައްޓައިލިއެވެ.
"އަހަރެން ގޮސް ދަލޭކައަށް ކާ އެއްޗެހި މި ތަނަށް އެބަ ފޮނުވަން."
"އަޅުގަނޑު ކާނީ ޢަލީ އައިމަ."
"ޢަލީ ވަރަށް ލަސްވެދާނެ."
"އެކަމަކު ވެސް ހެޔޮ... ޢަލީ އައިމަ، އައި އިރަކުން ޢަލީއާ އެކު އަޅުގަނޑު ކާނީ." ދަލޭކަ ގޮތް ދޫކުރާކަށް ނޫޅުނެވެ.

"ޢަލީ އެއްގޮތަކަށް ވެސް ނައިއްސިއްޔާޔޯ؟ ދެން މުޅި ޢުމުރު ދުވަހު ދަލޭކަ ތިޔަހެން ނުކައި އިންނާނީތަ؟" ދަލޭކަ ގޮތް ދޫނުކުރީމާ ނޫރުއްނަހާރަށް ވެސް ގޮތް ހުސްވެއްޖެއެވެ. އެ ކަމަނާ އެ ވަޑައިގެންނެވީ ރަސްގެފާނު ވިދާޅުވެގެންނެވެ.
"ޢަލީ ކީއްވެ ނާންނަންވީ؟" ދަލޭކަ ހާސްވާން ފަށައިފިއެވެ. ދަލޭކަގެ މި ސުވާލަށް ދެއްވާނޭ ޖަވާބެއް ނޫރުއްނަހާރަކަށް ވިސްނިވަޑައެއް ނުގެންނެވިއެވެ. އިސް ޖައްސަވައިލައްވައިގެން އިންނެވީއެވެ. ދަލޭކައަކަށް އެނދަކު ނީނދެވުނެވެ. ފައިބައިގެން އައިސް ނޫރުއްނަހާރުގެ ދެ ކޮނޑުފުޅުގައި ހިފައި އާދޭސްކުރަން ފެށިއެވެ.

"ނިކަން ވިދާޅުވެބައްލަވަ! ޢަލީ ކީއްވެތޯ ނާންނަންވީ؟.. ޢަލީ ކޮބައިތޯ؟... ހެޔޮ ނުވާނެ! ޢަލީ ވީ ތަނެއް ވިދާޅުވެދެއްވާ!" ދަލޭކަ ރޮމުން ގޮސް ގިސްލެވެން ފަށައިފިއެވެ. އާދޭސްކުރަމުން ގޮސް ނޫރުއްނަހާރުގެ ދެފައި މައްޗަށް ތިރިވެވިއްޖެއެވެ. ނޫރުއްނަހާރު އެ އިންނެވި ގޮތަށް ދުރު ބަލަހައްޓަވައިގެން އިންނެވިއެވެ.

"ޢަލީ ވީ ހުރަގޭގައި." އެ އިންނެވި ގޮތަށް އިންނަވައި ނޫރުއްނަހާރު ވިދާޅުވިއެވެ.
"ޢަލީ ހުރަގެއަށް ލީ ކީއްވެ؟ ޢަލީގެ ކުށަކީ ކޮބާ؟" ދަލޭކައަށް ބޮލުގައި ހިފަހައްޓައިލެވިއްޖެއެވެ.

"ޢަލީގެ ކުށަކީ ރަސްގެފާނުގެ އިސް ވަޒީރުގެ ގައިކޮޅަށް ފިިއްލެޔޮޖެހުން."
"ފިއްލެޔޮޖެހީ ޢަލީއެއް ނޫން. އާދަނު!" އެ ކަން ހިނގި ގޮތް ނޫރުއްނަހާރަށް ދަލޭކަ ކިޔައިދޭން އުޅުނެވެ.
"އެކަން އެކަންޏެއް ނޫން! އެހެން ގޯނާތައް ވެސް ސުލައިމާނުދީދީއަށް ޢަލީ ކުރިއެއްނު؟ ޢަލީ ހުރަގެއިން ސަލާމަތްވާކަށް ނެތް!"

"އައްޔަށް އެ އަދަބު ދެއްވާނެ އިރު އަޅުގަނޑު މި ގެނަނީ ކީއްވެގެން؟" ޢަލީއަށް ހައްގު ނޫން އަދަބެއް ދޭތީ ދަލޭކަ ގާތަށް ރުޅިއަތުވެއްޖެއެވެ.
"ރަސްގެފާނު ކައިވެނިފުޅު ބައްލަވައިގަންނަވަން." ނޫރުއްނަހާރު މި ވިދާޅުވި އެއްޗަކުން ދަލޭކަގެ ބޮލަށް އެނބުރުން އަރައިފިއެވެ. އިސާހިތަކު ޚަބަރު ހުސްވެގެން އެނދު ކައިރިއަށް ދެމިއްޖެއެވެ. ނޫރުއްނަހާރު ބާންދީ ކުދިން ގެންނަވައި ދަލޭކަ އެނދުމައްޗަށް ލައްވައިފިއެވެ. އެ ކުދިން ގާތުގައި ވިދާޅުވެގެން ކޯލާ ވޯޓަރު ގެންނަވައި ފެނާ އެއްކުރައްވައިގެން ދަލޭކަގެ ބޮލަށް އަޅުއްވަން ފެއްޓެވިއެވެ. ދަލޭކަ ހޭ އަރާ ގޮތެއް ހަމަ ނުވެއެވެ. ނޫރުއްނަހާރު ހާސްވެ ކަންބޮޑުވެ ވަޑައިގަންނަވަން ފަށައިފިއެވެ. ދަލޭކައަށް މިހެން މި ވީ ނޫރުއްނަހާރު ވިދާޅުވި އެއްޗަކުންކަން ރަސްގެފާނަށް އެނގިވަޑައިގަންނަވައިފިއްޔާ ވަރަށް ކޯފާ އިސްވެވަޑަައިގަންނަވާނެކަން ނޫރުއްނަހާރަށް އެނގިވަޑައިގަނެއެވެ. ޢަލީ ވީ ހުރަގޭގައިކަން ދަލޭކައަށް އެނގޭކަށް ރަސްގެފާނު ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. ނޫރުއްނަހާރުގެ ނިތްކުރިފުޅު މަތިން ހިއްލާފައި ހުރި އޮއްޑާސްތައް އަތްޕުޅުގެ ނުފުށުން ފޮއްސަވަމުން ދަލޭކަގެ ބޮލަށް ކޯލާ ވޯޓަރު އަޅުއްވަމުން ގެންދެވިއެވެ. މަޑުމަޑުން ދަލޭކަގެ ކޮލުގައި އަތްޕުޅުން ޖައްސަވައިލައްވައި "ދަލޭކާ" އޭ ކިޔައި ގޮވައިލައްވައެވެ. ނޫރުއްނަހާރު އެކި ގޮތްގޮތުން ދަލޭކަ ހޭ އެރުވޭތޯ މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް ދަލޭކަ ލޯ ހުޅުވައިލިއެވެ. ނޫރުއްނަހާރު ފެނުމާ އެކު ރޯން ފަށައިފިއެވެ.

"ޢަލީ!... އަޅުގަނޑު ޢަލީ ގާތަށް ގެންގޮސްދެއްވާ! އާދޭސްކޮށްފައި މި ދަންނަވަނީ... ޢަލީއާ އަޅުގަނޑު ބައްދަލުކޮށްދެއްވާ!" ދަލޭކަގެ އެ އާދޭސްތަކުން ނޫރުއްނަހާރަށް ވަރަށް އަސަރުކޮށްފިއެވެ. އެ ތަނުގައި ތިބި ބާންދީ ކުދިންނަށް ބޭރަށް ދިޔުމަށް އިޝާރާތްކޮށްލެއްވިއެވެ. އެ ކުދިން ދިޔުމުން ދަލޭކައާ ދިމާއަށް ގުދުވެވަޑައިގެން ދަލޭކަގެ ނިތްކުރިން ފެށިގެން ބޮލާ އެކު ފިރުމައިލައްވައި ވިދާޅުވިއެވެ.

"ދަލޭކަ އައްޔާ ބައްދަލުކޮށްދޭނަން އަހަރެން... އެކަމަކު އަހަރެން ބުނާ ބަސް އަހަންޏާ މި ކަން ވާނީ... ތިޔަހެން ނުކައި ނުބޮއި ރޮއި ހޭރިގެން އެއް ކަމެއް ވެސް ނުވާނެ... ތިޔަ އުޅެނީ ވަރުގަދަ ހަނގުރާމައަކާ ކުރިމަތިލާން... އެ ކަމަށް މީހާގެ ގައިގައި ވަރު ހުންނަން ވާނެ! ދަލޭކަ ޢަލީ ދެކެ ވާ ލޯތްބަށް ޓަކާ ވެސް ހިތްވަރު ގަދަކުރަން ޖެހޭ!... ތެދުވެ ކައިގެން މި ރޭ އިހަށް އަރާމުކޮށްލާ! މާދަމާ ދަލޭކަ ޢަލީއާ ބައްދަލުވާނެ ގޮތެެއް އަހަރެން ހޯޯދާނަން!"

ނޫރުއްނަހާރުގެ އެ އޯގާތެރި ބަސްތަކުން ދަލޭކައަށް ހީވީ ނަރަކައެއް ކަހަލަ މި ތަނުން ޙޫރުލްޢީނަކާ ބައްދަލުވިހެންނެވެ. ޝުކުރުން ހިތް ފުރިއްޖެއެވެ. ނޫރުއްނަހާރުގެ ވާހަކަތަކަށް ކުރެވުނު އިތުބާރަކުން އިތުރު ބާރެއް ހަށިގަނޑަށް ލިބިއްޖެކަމުގެ އިހުސާސެއް ކުރެވިއްޖެއެވެ. ދަލޭކައަށް މި އައި ބަދަލުން ނޫރުއްނަހާރުގެ ހިތްޕުޅަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިވަޑައިގަންނަވައިފިއެވެ. ބާންދީ ކުދިންގެ ތެރެއިން ކުއްޖަކަށް ގޮވައިލައްވައި ދަލޭކައަށް ރޭގަނޑުގެ ނާސްތާ ގެނައުމަށް ވިދާޅުވިއެވެ.

"އޭތް! ތިއީ ކޮން ތާކަށް ގެންދާ އެއްޗެއް؟" ބާންދީ ކުއްޖާ ދަލޭކައަށް ގެންދާ ކާ އެއްޗެއްސަށް އިޝާރާތްކުރައްވައި ދޮންގޮމާ ސުވާލުކުރެއްވިއެވެ.
"ސާހިބު ކަމަނާ! މިއީ ނޫރުއްނަހާރު ވިދާޅުވެގެން ދަލޭކައަށް ގެންދާ އެއްޗެއް." އަދަބުވެރިކަމާ އެކު ބާންދީ ކުއްޖާ ޖަވާބުދިނެވެ.
"ދަލޭކަ؟... އޯހް! ރަސްގެފާނު ކައިވެނިފުޅުބައްލަވައިގަންނަވަން މާރަންދޫން އެ ގެންނެވި ކުއްޖާއަށް ކިޔަނީ ދަލޭކަތަ؟"
"އާދެ! މަ ސާހިބާ!"
"އެއީ ހަމަ އެހައި ރީތި ކުއްޖެއްތަ؟"
"އާދެ! މަ ސާހިބާ! އެ ކުއްޖާ ވަރަށް ރީތި!" ބާންދީ ކުއްޖާ ދަލޭކަ ރީތި ވާހަަކަ ބުނީމާ ދޮންގޮމާގެ ހިތުގައި ހަސަަދައިގެ ހުޅުކޮޅެއް ރޯވެއްޖެއެވެ.
"މަށަށް ވުރެ ވެސް ރީތި؟"
"ނޫން! ސާހިބާ ވަރެއް ނޫން! އެކަމަކު ވެސް އެ ކުއްޖާ ރީތި." ހަގީގަތުގައި ދޮންގޮމާއަށް ވުރެ ވެސް ދަލޭކަ ރީއްޗެވެ. އެކަމަކު އެހެން ބުނެފިއްޔާ ސަލާމަތް ނުވާނެތީ ބާންދީ ކުއްޖާ އަވަހަށް ހަތިޔާރުބެހެއްޓީއެވެ. ބާންދީ ކުއްޖާގެ މި ޖަވާބުން ދޮންގޮމާގެ ގާތަށް ވަރަށް ހިނިއަތުވެއްޖެއެވެ. ކޮލު ހުރި ދަތަށް ދަންދެން ފެންނަވަރަށް ހިނިފުޅުވަޑުވައިލައްވާފައި ވިދާޅުވިއެވެ.

"ތިޔަ ކާ އެއްޗެހި ގެނޭ! ދަލޭކައަކީ ރަސްގެފާނު ޚާއްޞަ މެހެމާނާއެއް! އެ މެހެމާނާއަށް ކެޔުން ގެންދާނީ އަހަރެން!"
"އާދެ! އާދެ! ޚާއްޞަ މެހެމާނާއަށް، ޚާއްޞަ އަނބިކަނބަލުންގެ އަތްޕުޅުން ދެއްތޯ!" މިހެން ބުނުމާ އެކު މި ކުއްޖާ ވެސް ހިނިގަނޑެއް ޖަހައިލިއެވެ. މި ކުއްޖާއަކީ ދޮންގޮމާގެ އެންމެ އަރިސް ބާންދީއެވެ.
"އާނ! އަހަރެންނަކީ ރަސްގެފާނު އެންމެ ލޯބިފުޅުވާ އަނބިކަނބަލުން! ރަސްގެފާނުގެ އެންމެ ރީތި އަނބިކަނބަލުން! މި ކަން އެހެން އަތަަކަށް ފިރުކިގަތަކަ ނުދޭނަން!... ކަލޭ ދެން ދޭ! އަހަރެން އެބަ ދާން މި ހިފައިގެން!"

ބާންދީ ކުއްޖާ އެ ތަނުން ދިޔުމުން، ދަލޭކައަށް ތައްޔާރުކޮށްފައި ހުރި ކާ އެއްޗެހި ހިއްޕަވައިގެން ވަޑައިގެންނެވީ އެ ގޮމާގެ ކޮޓަރިކޮޅަށެވެ.
"ކީއްވެ ކާ އެއްޗެހި ނުލައި ތިޔަ އައީ؟" ބާންދީ ކުއްޖާ ފެނިވަޑައިގަތުމުން ނޫރުއްނަހާރު ސުވާލުކުރެއްވިއެވެ. އެ ކުއްޖާ އެއްޗެކޭ ބުނަން އުޅެނިކޮށް ދޮންގޮމާ އެ ތަނަށް ވަޑައިގަންނަވާތީ ފެނިވަޑައިގަތެވެ. ދޮންގޮމާގެ އަތްޕުޅުގައި ކާ އެއްޗެހި އަތުރާފައި ހުރި ތަބައް ހުއްޓެވެ.

"އަޅުގަނޑު ބުނީ އަޅުގަނޑޭ ގެންދާނީ." ނޫރުއްނަހާރުގެ ސުވާލަށް ޖަވާބު އެރުވީ ދޮންގޮމާއެވެ. އެނދު ކައިރިއަށް ހުއްޓިވަޑައިގެން ދަލޭކައާ ދިމާއަށް ފުންކޮށް ބައްލަވައިލެއްވިއެވެ. ހިތްޕުޅަށް އަރައިވަޑައިގަތެވެ. ބާންދީ ކުއްޖާ އެ ބުނީ ތެދެކެވެ. ދަލޭކައަކީ ރީތި ޖިންސުއްލަތީފެކެވެ. ރަށްފުށުގެ ގޮތްގަނޑު މިހާރު ހުއްޓަސް ގަނޑުވަރު ތެރޭގައި ދިރިއުޅެން ފެށީމާ، މި ތަނުގެ ފެނަށް ދިރޭ ގޮތްވީމާ ދަލޭކަގެ މިހާރު އެހެރަ ޝާއްބަކަން ދެ ގުނަވާނެއެވެ. އޭރުން ދޮންގޮމާއަށް ވުރެ ވެސް ދަލޭކަ ރީތިވާނެއެވެ. ރަސްގެފާނު ވެސް އޭރުން ބޮޑަށް ލޯބިވެވަޑައިގަންނަވާނީ ދަލޭކަ ދެކެއެވެ. މި ކަންކަން ހިތްޕުޅަށް ވެރިވެގަތުމުން ފުން ނޭވާއެއް ވެސް ދޫކޮށްލެވިއްޖެއެވެ.

ދަލޭކަ ކަޅިޖަހައި ނުލައި ދޮންގޮމާއާ ދިމާއަށް ބަލަން އިނުމުން ނޫރުއްނަހާރު ވާހަކަފުޅު ފެއްޓެވިއެވެ.
"މިއީ ރަސްގެފާނުގެ ހަގު އަނބިކަނބަލުން ދޮންގޮމާ!" މިއީ ވެސް ރަސްގެފާނުގެ އަނބިކަނބަލެއްކަން އެނގުމުން އަދަބު ތައުޒީމުއަދާކުރުމުގެ ގޮތުން ތެދުވަން ބޭނުންވި ނަމަވެސް ދަލޭކަގެ ގަޔަކު ތެދުވާހައި ހިތްވަރެއް ނެތެވެ.

ބަނޑުހައިކަމާއި ހިތާއި ސިކުނޑިއަށް ވެރިވެފައިވާ ތޫފާނުން ހަށިގަނޑުގައިވާ ހަކަތަ ވަނީ ބަލިކޮށްލައިފައެވެ. އެހެންނަމަވެސް ހީނލުމާ އެކު ސަލާމުގެ ގޮތުން ބޯ ޖަހައިލިއެވެ. މިއީ، ދޮށީ އަނބިކަނބަލުންނަށް ވުރެ އުމުރުގެ ގޮތުން ހަގު ބޭކަނބަލެއްކަމަށް ފެނެއެވެ. ވާހަކަދެއްކުމާއި ހަރަކާތްތަކުގައި ވެސް ޅަ ގޮތެއް ހުރިކަން ދަލޭކައަށް ފާހަގަކުރެވުނެވެ. ނަމަވެސް، ހެދުންކޮޅު ތުރުކުރެއްވުމުގައި ދެ ބޭފުޅުންގެ ވެސް މާ ބޮޑު ތަފާތެއް ހުރި ކަަމަކަށް ނުފެނެއެވެ. ދޮންގޮމާ އަތްޕުޅުގައި ހުރި ތަބައް ނޫރުއްނަހާރު އަތުލައްވަން އުޅުއްވުމުން ދޮންގޮމާ ވިދާޅުވިއެވެ.

"ރަސްގެފާނުގެ މި ޚާއްޞަ މެހެމާނާއަށް ޚިދުމަތްކޮށް ދޭން އަޅުގަނޑަށް ވެސް ފުރުސަތެއް ދެއްވާ! ރަސްގެފާނު އުފާފުޅުވާނެ ކަންކަން އަޅުގަނޑު ވެސް ކޮށްދޭ ހިތްވޭ! މި ތަބައް ހިފައިގެން އަޅުގަނޑު މި އައީ ވެސް އެހެންވެ! ދަލޭކައަށް ކާން ދޭނީ އަޅުގަނޑު!"

ތަބައް ދޫކޮށް ނުލައްވައި ވަޑައިގެން އެނދުގެ މަގަތުގައި އިށީނދެ ވަޑައިގެންނެވިއެވެ. ދޮންގޮމާއަށް ތަން ދެއްވައި ނޫރުއްނަހާރު ކުޑަކޮށް ފެއަށް ޖެހިވަޑައިގަތެވެ.

"ކީއްވެ ބޭރުގައި ތިޔަ އޮތީ؟" މުޙައްމަދާ ޖެހިގެން ހުރި ޖޯލީގައި އިށީންނަވަމުން މީރުބަހުރު ޙަސަން މަނިކު ސުވާލުކުރެއްވިއެވެ. ދެ ކޮނޑަށް ދެ ފުރޯހެން ދެ އަތް އެއްލައިގެން އޮތް މުޙައްމަދު އެއްވެސް އެއްޗެކޭ ނުބުނެ ޙަސަން މަނިކާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ޙަސަން މަނިކުގެ ތުނބުގައި ރޯކޮށްފައި އޮތް ބިޑީގައި އެހެން ބިޑިއެއް ޖައްސަވައި ރޯކޮށްލެއްވުމަށް ފަހު މުޙައްމަދަށް ދިއްކޮށްލެއްވިއެވެ. ޙަސަން މަނިކު އިންނެވީ ނިދިކުރައްވަން އަންނެވި މުންޑުގެ މަތިން ގައިގައި ރަޖާގަނޑެއް އޮޅައިލައްވައިގެންނެވެ. ބިޑީގެ ރަހަގަނޑު އެތެރެއަށް ދަމައިލެއްވުމާ އެކު ބޯ ދުންގަނޑު އަނގައާއި ނޭފަތުން ޖައްވުގެ ތެރެއަށް ފޮނުވައިލެއްވިއެވެ. މުޙައްމަދު ވެސް އަތުގައި އޮތް ބިޑިން ކޯވަރެއް ދަމައިލުމާ އެކު ދުންގަނޑު ބޭރުކޮށްލިއެވެ.

"ފަތިސްވެއްޖެކަމަށް ހީކޮށް ނަމާދަށް ދާން މި ނުކުތީ... އެކަމަކު އޭރު އަދި މުނާޖާ ގޮވަނީ... އެހެންވެ ދެން ބަންގި ގޮވަންދެން މިތާ މަޑުކޮށްލައިގެން މި އޮތީ."

"ހާދަ ވާރެއެއް ރޭގައި ވެހިއްޖެޔޭ ދޯ!" މަގުމައްޗާއި ގޯތި ތެރޭގައި ހެދިފައި ހުރި ކުދިކުދި ފެންގަނޑުގަނޑަށް ގޯތި ތެރޭގައި ހުރި ބޮޑު އަނބުގަހުގެ ފަތްތަކުގެ ތެރެއިން ދެމިގަނެގެން ގޮސް ފެންގަނޑަށް ޖެހެމުންދާ ފެން ތިކިތަކަށް ބައްލަވަން އިންނަވާފައި މީރުބަހުރު ވާހަކަދައްކަވަން ފެއްޓެވިއެވެ.

"ލައްބަ! އަޅުގަނޑު ރޭގައި ގެއަށް އައި އިރު މި އަނބުގަސް ވެސް ހީވަނީ މުލުން ލުހެލައިފާނެހެން. ވައި ވެސް އެހައި ގަދަ... އެކަމަކު ހާދަ ނިޔާމަ ދަތުރެއްކޮށްފައޭ މި އައީ... މާލެއަށް ލެފެން އުޅެނިކޮށް ވިއްސާރައިގެ ކުލަވަރު ދައްކައިލީ ވެސް."

"އިރާދަފުޅުން ދެން މިހާރު ވައި ވެސް މަޑުވެ ވިއްސާރައިގެ އަސަރު ވެސް ފިލައިފިތާ" ޖައްވުގެ ތެރެއަށް ވަށައިގެން ނަޒަރުހިންގައިލައްވަމުން މީރުބަހުރު ބުނުއްވިއެވެ.

"މިހެން ހުރިހައި ކަމެއް ވެސް ރަނގަޅުވާނެ ނަމަ ކޮން ފަދަ!" މުޙައްމަދު އޮތީ ވިސްނުމެއްގައެވެ.

"މުޙައްމަދާ! ތިޔަ ރަށު މާވަޑި ޢަލީ ފަސޭހަ ރަޙުމަތަކު ހުރަގެއިން ސަލާމަތްވާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ!" މުޙައްމަދު ދެއްކި ވާހަކައިގެ މުރާދު މީރުބަހުރު ދެނެލައްވައިފިއެވެ.

"އެއީ ކީއްވެތޯ؟ ޢަލީގެ ކުށަކީ ކޮބައިތޯ؟" ރޭގައި ޢަލީ ހުރަގެއަށް ގެންދިޔައީ މުޙައްމަދު ވެސް ބައްތެލީގައި ހުއްޓައެވެ. މުޙައްމަދު ކީއްކުރަން ހެއްޔެވެ؟ ހޯރަފުށީ ބައްތެލިން މާލެ އައިހައި ބަޔަކާއި އެ ވަގުތު އެ ދިމާ ފަޅުގައި ހުރި އޮޑިފަހަރުތަކުގައި ތިބިހައި ބަޔަކަށް މި މަންޒަރު ފެނުނެވެ.

"ޚަބަރު ލިބެނީ ރަސްގެފާނުގެ އިސް ވަޒީރު، ސުލައިމާނުދީދީ ތިޔަ ރަށުގައި ހުންނެވި އިރު ޢަލީ އެ ދީދީއަށް ވަރަށް ގޯނާކުރިކަމަށް... ފިއްލެޔޮ ވެސް ޖަހަން އުޅުނޯ ކިޔާ..."

"ތިއީ ހުސް ދޮގު... ޢަލީ ތިކަހަލަ އެއްވެސް ކަމެއް ނުކުރޭ... އެއީ ތިޔަށް ވުރެ މާ އަޚުލާޤު ރަނގަޅު މީހެއް..." ޢަލީއޭ ކިޔައިގެން ސުލައިމާނުދީދީ ދޮގު ވާހަކަތައް ފަތުރާތީ މުޙައްމަދުގެ ގާތަށް ވަރަށް ރުޅިއަތުވެއްޖެއެވެ.

"އެ ދީދީއަކު އަހަރެމެންގެ ރަށުގައި އުޅުއްވީ މާ ތާހިރުކޮށެއް ނޫނޭ... މައްލަވަ ނުކުރައްވާ އަންހެން ކުއްޖަކު ރަށުގައި ހުރިހެނެއް ހިޔެއް ނުވޭ... ރަށުން ފުރާވަޑައިގަންނަވާތޯ ދުޢާކޮށްކޮށް ތިއްބާ އެ މާލެ ވަޑައިގެންނެވީ... އެ ވަރުން ވެސް އެ ވަޑައިގެންނެވީ ކަތީބުގެ ސިތާރާ ނިކަން ރަނގަޅަށް އެ ދީދީގެ ދަލުގައި ޖައްސުވައިފަ... އެ ފަކީރު އެބަހުރި އަރައި ހިކިފައި."

"ނާ ހަމަ ތެދެއް؟" މީރުބަހުރަށް ކަނާތު ޝަހާދަތް އިނގިލީގައި ދައިގަނެވިއްޖެއެވެ.

"ލައްބަ! މިއީ ހަމަ ފިސައިރި ތެދެއް!... މާވަޑި ޢަލީގެ ދަލޭކަ މިއީ އަދި މި ދީދީއަކު މާ ގަޔާވާ ކުއްޖެކޯ... ޢަލީ އެކަމަކު މާ ހުސިޔާރު... ދަލޭކައާ އެ ދީދީ ވައިއެޅުނަކަ ވެސް ނުދިން!"

"އޭގެ ހަސަދަ އެ ފިލުވައިލަނީ... އެހެންވީމާ އަމުދުން އައްޔަކަށް ސަލާމަތެއް ނެތް... އައްޔަކަށް ދަލޭކައެއް ވެސް ދެން ނުލިބޭނެ."

"އެއީ ކީއްވެތޯ؟ ދަލޭކައަކީ ޢަލީގެ ޙަލާލު އަނބިމީހާއޭ... އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމަފިރިން އެއީ... އެކަކަށް ގޮތެއް ވެއްޖެއްޔާ އަނެކަކުގެ ފުރާނަ ވެސް ހިނގައިދާނެ."

"ދާ އެއްޗެއް ދެން މިފަހަރު ދާނެ... މިރޭ އެހިން ދަލޭކައަކީ ރަސްގެފާނު ކައިވެނިފުޅުބައްލަވައިގަންނަވަން ގެންނެވި ކުއްޖެކޭ ކިޔާ އަޑު."

"އެހެން ކިހިނެއް ރަސްގެފާނެއް ކަމަކު މީހެއްގެ ޙަލާލު އަނތްބަކާ ކައިވެނިކުރައްވާނީ؟"

"ރަސްގެފާނު ބޭނުންފުޅުވެ ވަޑައިގަންނަވައިފިއްޔާ ކޮންމެ ކަމެއް ވެސް ކުރައްވާނެ... އަހަރެމެންނަށް އެއް ކަމެއް ވެސް ނުކުރެވޭނެ!"

"ތިޔަހެން ހިލާ ވިޔަކަ ނުދޭނަން! އަޅުގަނޑު ދެން މާލޭގައި އެންމެ ހިނދުކޮޅަކު ވެސް ނުހުންނާނަން! ފަތިސް ނަމާދުން ފައިބާ ގޮތަށް ދާނަން ބަނދަރަށް! އެ ވަގުތު ފުރާ އެއްޗެއް އޮތަސް އަޅުގަނޑު ނައްޓައިލާނަން ރަށަށް! ރަށުގައި ތިބި މީހުންނަށް މި ޚަބަރުދޭން ޖެހޭ އެބަ! ޢަލީ ދެކެ ލޯބިވަނީ ހަމައެކަނި އަޅުގަނޑުމެންގެ ރަށު މީހުންނެއް ނޫން! މުޅި ބޮޑު ތިލަދުންމަތީ އެންމެން ވެސް ޢަލީ ދެކެ ލޯބިވާނެ... އައްޔަށް ގަދަރުކުރާނެ!... އެއިން އެކަކު ވެސް އައްޔަށް ދެރަ ގޮތެއް ވާކަށް ނޭދޭނެކަން ޔަގީން!" މުޙައްމަދުގެ ވާހަކަ މި ހިސާބަށް ދިޔައިރު މިސްކިތުން ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވެން ފަށައިފިއެވެ.

"ހިނގާ އަވަހަށް މިސްކިތަށް ދަމާ! ނަމާދުން ނިމިގެން މަ ވެސް މުޙައްމަދާ އެކު ބަނދަރަށް ދާނަން!" މީރުބަހުރު މިހެން ވިދާޅުވުމުން މުޙައްމަދު ވެސް ޖޯލިން ތެދުވެ އޭގެ ދެވެރިން އެކުގައި މިސްކިތާ ދިމާއަށް ހިނގައިގެންފިއެވެ.

ފަތިސް ނަމާދުން ފޭބި ގޮތަށް ގޮސް ދަމަކަށް އިރު އަރަންދެން މީރުބަހުރާއި މުޙައްމަދާ ބަނދަރުގައި ކުރުކާލި ކަނޑަކަނޑާ ވެސް ތިލަދުންމައްޗަށް ދާ އޮޑިއަކާ ލައްވައެއް ނުލިއެވެ. އެހެން ތިބެތިބެ ބަނޑުހައިވީމާ ވަނީ އެ ދިމާ ބާޒާރުމަތީގައި ހުރި ހޮޓަލަކަށެވެ. އެ ތަނުން ނާސްތާއެއްކޮށްލައިގެން ނުކުތްތަނުން މީރުބަހުރަށް މީހަކު ގޮވައިލެއްވީމާ މުޙައްމަދާ ފެއަށް އެއްކައިރިއަކަށް ޖެހިވަޑައިގެންނެވިއެވެ. އިރުކޮޅަކު އެ މީހާއާ ވާހަކަދައްކަވަން ހުންނަވާފައި މުޙައްމަދުގެ ގާތަށް ދުރުވެއްޖެއެވެ. މީރުބަހުރު ހުންނެވީ ބަސް މަދުވެ ހަމަހިމޭންވެފައެވެ.

"ތިޔަ ބޭފުޅުން ދެއްކެވި ވާހަކައެއް އަޅުގަނޑަކަށް ނީވޭ! އެކަމަކު ކަމެއް ގޯސްވެއްޖެހެން އެބަ ހީވޭ!" މުޙައްމަދު މިހެން ބުނުމުން މުޙައްމަދުގެ މޫނަށް މީރުބަހުރު ބައްލަވައިލެއްވިއެވެ.

"އެ މީހާގެ ހަރަކާތްތަކަށާއި ތިޔަ ބޭފުޅާގެ މޫނުމައްޗަށް އައި ބަދަލުތަކުން އެނގޭ އެ ދިނީ ރަނގަޅު ޚަބަރެއް ނޫންކަން!... ނިކަން ބުނުއްވަބައްލަވާ! އެ މީހާ ބުނީ ކީކޭތޯ؟"

"އެ މީހާ އެ ބުނި އެއްޗެއް މުޙައްމަދު ގާތަކު ނުބުނެވޭނެ!" މުޙައްމަދުން ނަޒަރު އެކަހެރިކުރައްވަމުން މީރުބަހުރު ބުނުއްވިއެވެ. މުޙައްމަދު ކަޅިޖަހައި ވެސް ނުލައި މީރުބަހުރާ ދިމާއަށް ބަލަހައްޓައިގެން ހުރެ ކުރިއަށް ދެއެވެ. މީރުބަހުރުގެ މޫނުމަތިން ފާޅުވަމުން ދާ ނުތަނަވަސްކަން މުޙައްމަދަކަށް ވަންހަނާއެއް ނުވެއެވެ. މީރުބަހުރުގެ ނިންކުރިމަތިން ހިއްލަމުންދާ އޮއްޑާސްތަކަކީ މެންދުރުވަމުން އަންނަ އިރުގެ ހޫނުން ހިއްލާ އެއްޗެހިތަކެއް ނޫންކަން މުޙައްމަދަށް ފަހުމްވެއެވެ.
"އެހެންވިއްޔާ އެ މީހާއަކީ ކާކުކަން ބުނުއްވިދާނެތޯ؟" މުޙައްމަދަށް ވެސް ނުތަނަވަސްކަން ވެރިވާން ފަށައިފިއެވެ. މީރުބަހުރަށް މުޙައްމަދުގެ ގާތުގައި ނުބުނުއްވިގެން އެ އުޅުއްވަނީ ކޮން ވާހަކައެއްބާވައޭ ހިތަށް އަރަށް ފަށައިފިއެވެ.

"އެއީ ރަސްގެފާނުގެ ގަނޑުވަރުގައި އުޅޭ ޚާދިމެއް!"
"އޭނާ އެ ދިނީ ގަނޑުވަރުތެރޭގެ ޚަބަރެއްދޯ!" އާއެކޭ ބުނުއްވުމުގެ ގޮތުން މީރުބަހުރު ބޯޖައްސަވައިލެއްވިއެވެ.
"ގަނޑުވަރުތެރޭގެ ޚަބަރެއް؟... އަނެއްކާ މާވަޑި ޢަލީއަށް ކަމެއްވީތޯ؟" މުޙައްމަދުގެ ހިތް ތެޅިގެންފިއެވެ. މާވަޑި ޢަލީ ހުރަގެއަށް ގެންދިޔައިން ސުރެ މުޙައްމަދަކަށް ހަމަޖެހުމެއް ނުލިބެއެވެ.
"މާވަޑި ޢަލީއަށް ގޮތެއް ވީ ކަމެއް ނޭނގެ!" މީރުބަހުރުގެ ޖަވާބު ކުރެވެ.
"ދެން؟... ދެން އެހެންވިއްޔާ ދަލޭކައަށް ގޮތެއްވީތޯ؟" މުޙައްމަދުގެ މި ސުވާލަށް މީރުބަހުރު ދެއްވީ ހަމަހިމޭންކަމެވެ. މުޙައްމަދުގެ ހިނގުން ހުއްޓިއްޖެއެވެ. މީރުބަހުރު ވެސް މަޑުކޮށްލެއްވިއެވެ. ހުއްޓުން އަރާފައި ހުރި މުޙައްމަދާ ދިމާއަށް ބައްލަވައިލެއްވިއެވެ.

"މުޙައްމަދާ! ކަންތައްތައް ވަރަށް ގޯސްވެއްޖެ!" މީރުބަހުރުގެ އަޑުގައި ވަނީ ތުރުތުރެކެވެ.
"ދަލޭކަ... ދަލޭކަ..." މީރުބަހުރުގެ ވާހަކަފުޅު އިތުރަކަށް ކުރިއަކަށް ނުދިޔައެވެ.
"ދަލޭކައަށް ކިހިނެއްތޯވީ؟" މުޙައްމަދު ވެސް ހާސްވެއްޖެއެވެ.
"ދަލޭކަ ރޭގައި ކައިގެން އިރުކޮޅެއް ވެސް ނުވަނީސް އަނގައިން ހުދު ފޮނުތަކެކޯ ނުކުންނަން ފެށީ... ދެން ފާޑެއްގެ އުނދަގޫތަކެއް ވެފައި ނޭވާލާން އުނދަގޫވެގެން ތެޅިތެޅިފައި ހިމޭންވުމުން ބަލައިލި އިރު ފުރާނައެއް ނެތޯ." މީރުބަހުރުގެ އަޑު ތުރުތުރުއަޅާ ވަރުން ރަނގަޅަށް ވާހަކަ ވެސް ނުދެއްކެވެެއެވެ. މުޙައްމަދުގެ ހިތަށް އެރިއެވެ. ގަނޑުވަރާ ދިމާއަށް ދުއްވައިގަންނަންވީއެވެ. ނޫނެެކެވެ. ދެން ވެސް އަވަހަށް ރަށަށް ފުރާ އެއްޗެއް ފެނޭތޯ ބަނދަރަށް ނުކުންނަންވީއެވެ. މިއިން އެއް ކަމެއް ވެސް ނުކުރެވި މުޙައްމަދަށް ވެސް ގަބުވެފައި ހުރެވުނީއެވެ.
"އަޅޭ! ޙަސަންބޭ! ދަލޭކަ ހަމަ މަރުވީތަ؟" ދަލޭކަގެ މަރުގެ ޚަބަރު ލިބުމުން ފާތިނާއަކަށް ދެން އަނގައިން ނުބުނެއެއް ނީނދެވުނެވެ.
"އާނ! ރަސްގެފާނުގެ ހަގު އަނބި ދޮންގޮމާ، އެ ރޭ ދަލޭކައަށް ކާން ގެނައީ ޒަޚަރުލައިގެން ކަމަށް ވަނީ!"
"ރަސްގެފާނަކަށް ވެސް ދަލޭކައެއް ނުލިބުނު ދޯ!" ވާފިރާ ވެސް ވާހަކައިގައި ބައިވެރިވެލިއެވެ.
"އާނ! އެކަކަށް ވެސް ދަލޭކައެއް ނުލިބުނު!"

"ޙަސަންބޭ! ދެން ޢަލީ ކޮބާ؟ އައްޔަށް ކިހިނެއް ހެދީ އެ މީހުން؟" ސަމީހާ ކަންބޮޑުވީ އައްޔަށް ވީ ގޮތަކާ މެދުއެވެ. ޙަސަންބޭ ވާހަކަ ކިޔައިދެމުން ދިޔަ އިރު ސަމީހާއަށް ޢަލީގެ ރީތި ސޫރަ ފެންނަމުން ދިޔައެވެ.

"ދަލޭކަ މި ދުނިޔެއާ ވަކިވީމަ ވެސް އައްޔަށް ކުރަމުން ދިޔަ އަނިޔާތަކަކަށް ނިމުމެއް ނާދޭ! ދަލޭކަ މި ދުނިޔެއަށް އަލްވަދާޢުކީ ކަމެއް އެ ފަކީރަށް ނުވެސް އެނގޭ! ލިބެމުން ދިޔަ އަނިޔާތަކުގެ ސަބަބުން ޖަލުގައި އޮވެ ޢަލީ ވެސް މި ދުނިޔެއާ ވަކިވެ ދިޔައީ!"

ޙަސަންބެގެ ވާހަކަ މި ހިސާބަށް ދިޔައިރު މުޅި ގޭތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެންމެންގެ ބަސް ހުއްޓިފައެވެ. ބައެއް މީހުންގެ ލޮލުން ކަރުނަ ނިރައިލާފައެވެ. އެފަދައިން ލޯބިން އުޅުނު ދެމަފިރިއަކު އެފަދަ ޒާލިމުންތަކެއްގެ އަތްދަށުވެ އެހާމެ އަނިޔާވެރި ގޮތަކަށް ނިމިދާކަށް އެކަކު ވެސް ނޭދޭ ފަދައެވެ.

އެ ގޭގައި ވާހަކަ އަޑުއަހަން މިހާރު ތިބީކީ ފާތިނާއާއި އޭނާގެ ދެ އެކުވެރިން އެކަންޏެއް ނޫނެވެ. ގޭތެރެއާއި ދޮރުމަތީގައި ވެސް އެތައް ބަޔަކު ޖަމާވެފައި އެބަތިއްބެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތި ވެސް ވަނީ މިލާފައެވެ. ދިރުން ގެއްލިފައެވެ. ހީވަނީ އެ ދެމަފިރިންނަކީ އެ މީހުންނާ އެކު އުޅެފައި ވަކިވެ ދިޔަ ދެމަފިރިންހެންނެވެ. އެ ދެމަފިރިންނާއި އެއިން ކޮންމެ މީހަކާ ވެސް އެހައި ގާތްވެއްޖެހެންނެވެ. މި ތަނުގައި އޮތް ހަމަހިމޭންކަން ފޫއަޅުވައިލީ ފާތިނާއެވެ.

"ޙަސަންބޭ! ދެން މި ރަށުގައި ޢަލީ ބަނދެފައި ހުރި ރަސްގެފާނުގެ ނައުކޮޅަށް ކިހިނެއް ހެދީ؟"

"މުޙައްމަދު ރަށަށް އައިސް ޢަލީ ހުރަގެއަށް ގެންދިޔަ ވާހަކައާއި ދަލޭކަ ގަނޑުވަރަށް ގެންގޮސް ކަންތައްތައް ވީ ގޮތުގެ ވާހަކަ ކިޔައިދިނީމާ ރައްޔިތުން ކެކިއަރައިގަންފި... އެކަމަކު ވެސް އެ މީހުން މާލެ ދިޔަޔަސް ޢަލީ ސަލާމަތް ނުކުރެވޭނެކަން އެނގޭ!... ދެން ކުރިކަމަކީ މާރަންދުއާއި ތަކަންދުއާ ދެ ރަށުގެ ރައްޔިތުން ނުކުމެ އެ ނައު ވަޅުލީ!... ފަސް އަޅައި ފޮރުވީ!... ޚަބަރު ލިބޭ ވަރަކުން އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ވެސް އައިސް މި ކަމުގައި ބައިވެރިވިކަމަށްވޭ!"

"ދެން ރަސްގެފާނު މި ނައުކޮޅު ގެންދަވާކަށް ނޫޅުއްވާތަ؟" ދޮރުމަތީގައި އެއްވެފައި ތިބި މީހުންގެ ތެރެއިން އަޑު އައެވެ.

"އާނ! ރަސްގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން ވިދާޅުވިކަމަށް ވަނީ... އެއީ ރަސްގެފާނު ބޭނުންފުޅާ ވާ ގޮތަށް ބަނދެފައި ހުރި ނައުކޮޅެއް ނޫނޭ! ބޭނުންފުޅެއް ނޫނޭ!"

"ޢަލީ ބަން އެއްޗެއްވީމާ ބޭނުންނުވީ ދޮތަ؟" މި ފަހަރު ސުވާލުކުރީ ޙަސަންބެގެ އަނބި އައިސަ ދައިތައެވެ. އައިސަ ދައިތަ ވެސް މިހާ ގިނައިރު ވި އިރު ވެސް ނިދީގެ ކަންފުޅެއް ވެސް މިރެއަކު ނެތެވެ.

"އާނ! އައިސާ! ރަސްގެފާނު ބޭނުންފުޅުވީ އެއީ ޢަލީ ބަން ނަވެއް ވީމާ، އެއީ އެއްވެސް އަގެއް ހުރި މަސައްކަތެއް ނޫންކަން މީހުންނަން ދައްކަވަން! އެހެންވީމާ އެ ބޭނުންފުޅު ނުކުރެއްވީ!"

"ދެން އެ ނަވަށް ކިހިނެއް ހެދީ! ފަހުން ރަށުގެ މީހުން އެ ބޭނުން ކުރިތަ؟" މި ފަހަރު ސުވާލުކުރީ ވާފިރާއެވެ.
"ކޮންތާކު! އެ އެހެން ވަޅުލާފައި ހުރެ ވީރާނާވެގެން ދިޔައީ!"
"އެހެންވީމާ... ނާ ބަންނަ އަޑިގަނޑޭ މި ކިޔަނީ..." ވާފިރާގެ ވާހަކަ މެދުކަނޑައިލީ ޙަސަންބެއެވެ.

"ނާ ބަންނަ އަޑިގަނޑޭ މި ކިޔަނީ އެ ނައު އެހެން ހުރެ ވީރާނާވެގެން ގޮސް ހެދިފައި އޮތް ބޮޑު ވަޅުގަނޑަށް!"
"އޯހް! އެއީ ދޯ އެ ތަން ނާ ބަންނަ އަޑިގަނޑަކަށް ވީ ގޮތަކީ؟" ފާތިނާގެ ހިތުގައި މި އޮއް ހުރިހައި ދުވަހަކު އުފެދިފައި އޮތް ސުވާލުގެ ޖަވާބު ވެސް އެންމެ ފަހުން ލިބިއްޖެއެވެ.

"ބޮޑު ސުުވާލުގެ ޖަވާބު ލިބުނީ ދޯ!" ސަމީހާ، ފާތިނާއާ ދިމާކޮށްލިއެވެ. ސަމީހާގެ މި ސަމާސާގެ ސަބަބުން އެތާ ތިބި އެހެން މީހުންގެ ގާތަށް ވެސް ހިނިއަތުވެއްޖެއެވެ.

"ޙަސަންބޭ! އަދި އެބަ އޮތޭ ސުވާލެއް!"
"ވާފިރާ ވެސް ފޯރި އެބަހުއްޓޭ ދޯ! ކޮން ސުވާލެއްތަ ދެން އޮތީ؟" ޙަސަންބޭ ވެސް ނިކަން މި ކުދިންގެ އަނގަގޮއްވާ ހިތްވެއެވެ.
"ދަލޭކައާއި ޢަލީގެ މަހާނަ ހުރޭތަ މާލޭގައި؟"
"ހުންނަ ކަމެއް އެނގިފައެއް ނެތް! އެ މީހުންގެ ހަށިތަކަށް ހެދި ގޮތެއް ވެސް ދެނެވޮޑިގެން ވާނީ މާތް ﷲ! އެއްވެސް މީހަކަށް ނޭނގެ ވީ ގޮތެއް!" ޙަސަންބެއަށް އެނގި ހުރި މައުލޫމާތެއްވިއްޔާ އެ ކުދިންނަށް ފޯރުކޮށްދެމުން ދިޔައެވެ.

"ތާރީޚީ ބައެއް ލިޔުންތަކުގައި ހުއްޓައި އަހަރެން ދުށިން، ކުރީގެ ރަސްރަސްކަލުން އުޅުއްވި ގަނޑުވަރުތައް ރޫޅައިލި އިރު އެ ތާނގެ ގޯތި ތެރޭގައި ހުރި ބޮޑެތި ޖާޑިތަކުގައި އިންސާނުންގެ ކަށިތައް ހުރި ވާހަކަ... ދަލޭކައާއި ޢަލީ ވެސް އެއިން ޖާޑިއަކަށް ލައިފާނެ ދޯ!" ފާތިނާ ވިސްނައިލީ ދިވެހި ތާރީޚުގައި ކަންކަން ހިނގާފައިވާ ގޮތްގޮތާ މެދުއެވެ.

"ތި ވެސް ހަމަ ވެދާނެ ގޮތެއް!" ޙަސަންބެގެ ފިކުރު ވެސް އެ ކަމަށް އެއްބަސްވިއެވެ. ވާހަކަ މިހާ ހިސާބަށް ދިޔައިރު އެއްވެ ތިބި މީހުން ވެސް އެކި ދިމަދިމާއަށް ރެކި ހުސްވެއްޖެއެވެ. އެ ގޭ މީހުންނާއި މި ތިން ކުދިންނަށް ވެއްޖެއެވެ. ވާހަކަ ރެކޯޑުކުރަން ފާތިނާ ޖައްސާފައި އޮތް ފޯނު، ރެކޯޑުކުރުން ހުއްޓައިލިއެވެ. ޙަސަންބެއަށް ޝުކުރުއަދާކޮށްފައި ގެއަށް ދާން ހިނގައިގަތް ތަނާ ފާތިނާގެ ލޮލުގައި އަޅައިގަތީ ތެލުލި ބަނބުކެޔޮ އަޅައިގެން އައިސަ ދައިތަ ގެނެސް ކުޑައަށި މަތީގައި ބަހައްޓާފައި ހުރި ސިއްލިވާރު ތައްޓެވެ.

"ޙަސަންބޭ! މިއީ މާވަޑި ޢަލީމެންގެ ގޭގައި ގެންގުޅުނު ތަށިތަ؟" ފާތިނާ އުޅުނީ ޙަސަންބެއާ ސަމާސާކޮށްލާށެވެ.

"ކޮއްކޯ! އެ ތައްޓަށް ވެސް ވެދާނެ!... ތިއީ މި އައިސަ ދައިތަގެ މުނިމުނި ހިސާބުން ވާރުތަވަމުން އައި ތަށިތަކުގެ ތެރޭން ތައްޓެއް! ނަސަބު ޖަހައިލާ އިރު އައިސަގެ ބަފާ ފަރާތުގެ މަތިފުށް ގޮސް އެ މާވަޑި ޢަލީގެ ދެމަފިރިންނާ ގުޅޭ!..."
"އޭ ޙަސަންބޭ! މަށަށް މި ތަށި ދޭންވީނު!" ޙަސަންބެގެ ވާހަކަ ރަނގަޅަށް ނުނިމެނީސް ފާތިނާ ދަހިކިޔަން ފަށައިިފިއެވެ.

"ގެންދޭ! ކޮއްކައަށް ދީފިން!" ފާތިނާ އުޅުނު ގޮތުން އައިސަ ދައިތަ ގާތަށް ވަރަށް ހިނި އަތުވެއްޖެއެވެ.

"މި ކަހަލަ ކިތަންމެ ބާ މުދަލެއް ހުންނާނެ މި ފާތިނާ އެއްކޮށްފައި!" ވާފިރާ އުޅުނީ ފާތިނާ ރުޅިއަރުވައިލާށެވެ. ފާތިނާ އެ ކަހަލަ އެއްޗެހި އެއްކުރާތީ ވާފިރާއާއި ސަމީހާއާ ދެ ކުދިން ފާތިނާއާ ވަރަށް ދިމާކުރެއެވެ.
"އެއީ ބާ މުދަލެއް ނޫން! އެއީ ގައުމުގެ ހަރު މުދާ ކުދިންނޭ! އަގުހުރި ތަރިކަ! އަހަރެމެންނަށް އަހަރެމެންގެ ތާރީޚު އެނގެނީ އެ ފަދަ ތަރިކަތަކުން!" ޙަސަންބެއަކީ ފިސައިރި ގައުމީ މީހެކެވެ. ސަމާސާއަކަށް ވެސް އެ ބާވަތުގެ ވާހަަކައެއް ބަލައެއް ނުގަނެވުނެވެ.
"ކޮބާ ހީވޭ؟" ފާތިނާ އެ ދެ ކުދިންނާ ދިމާއަށް ލޯއަޅައިލިއެވެ. ދެން ތަށި ހިފައިގެން ތިން ކުދިން އެކުގައި ހިނގައިގަތީ ގެއަށް ދިޔުމަށެވެ.

"އޭތް! ހޭލައިފިންތަ؟" ގުޅައިގުޅައި އެތައް އިރެއް ވީ ފަހުން ސަމީހާ ފޯނު ނެގީމާ ފާތިނާ ހަޅޭލަވައިގަތެވެ.

"އޫނ!... ހޭލައިފީމޭ!" ވާހަކަދެއްކިއެއް ކަމަކު އަދިވެސް ރަނގަޅަށް ނިދި ނުފިލާކަން ސަމީހާގެ އަޑުން އެނގެއެވެ.

"މިއަދު ނާ ބަންނަ އަޑިގަނޑު ބަލައިލަން ދާން އަވަހަށް ތެދުވަންވާނެޔޭ ބުނީމެއްނު ރޭގައި! ދެން އާދޭ އަވަހަށް ތައްޔާރުވެގެން!" ފޯނު ބާއްވައި ކުޑަ އިރުކޮޅެއް ނުވަނީސް ސަމީހާ އަތުވެއްޖެއެވެ. ދެން ފާތިނާއާ ދެ ކުދިން ހިނގައިގަތީ ރަށު ތެރެއިން ލާފައި ރަށުގެ ދެކުނުކޮޅާ ދިމާއަށެވެ. ނާ ބަންނަ އަޑިގަނޑާ ދިމާއަށެވެ. ރޭގައި ޙަސަންބޭ ކިޔައި ދިން ވާހަކަ އަޑުއަހާފައި އަނެއްކާ ވެސް މި ތަނަށް އަންނަން ފާތިނާ ބޭނުންވީއެވެ. މި ފަހަރު މި އައީ އަވަށާ ވީ ފަރާތުންނެވެ. އަޑިގަނޑުގެ މި ފަރާތުގައި ވެލިގަނޑު އޮތީ ފައިބައިގެން ގޮސް އަވަށުގެ ފަސްގަނޑާ ދާދި އެއް ހަމައެއްގައެވެ. ފާތިނާ އެ އަޑިގަނޑުގެ ތެރޭގައި ކޮޅުކޮޅަށް ހިނގަން ފަށައިފިއެވެ. ދޭތެެރެއަކުން ވެލިގަނޑުގައި ފައިން ކޮއްޓައި ވެސް ލައެވެ. މި ފަހަރު ފައިން ކޮއްޓައިލާފައި ގުދުވެއްޖެއެވެ. ބިންމަތިން އެއްޗެއް ނަގައި ސަމީހާއަށް ދައްކައިލިއެވެ.

"ތިއީ ކޮން އެއްޗެއް؟ ކުރީ ޒަމާނުގެ ފައިސާ ފޮތިތަ؟" ސަމީހާއަށް ހީވީ އާމަގު ގޮނޑުމަތީގައި ވަޅުކެފިފައި ހުންނަ އިހު ޒަމާނުގެ ފައިސާ ފޮތި ކަހަލަ އެއްޗެއް ކަމަށެވެ.
"މިއީ ކަބީލާ!" ފާތިނާގެ މޫނުމަތީގައި ވަނީ ފަތަހައިގެ ހިނިތުންވުމެކެވެ.
"ކަބީލާ؟... އޭ! ތިއީ އެ ނަވުގައި ބޭނުންކޮށްފައި ހުރި ކަބީލާތަ؟" ސަމީހާއަށް ވެސް ހީވީ ބޮޑު ޚަޒާނާއެއް އަތްމަތިވީ ހެންނެވެ. ދުވެފައި ކަހަލަ ގޮތަކަށް ފާތިނާ ގާތަށް އަތުވެއްޖެއެވެ.

"އާނ! މިއީ އެ ކަބީލާ! ލޮއިން ހަދާފައި ހުރި ކަބީލާ! ބަލާބަލަ! ބައިވަރު މިއޮއް ފެންނަނީ!" ފާތިނާ އުފަލުން ދަތްޕިލާ މައްޗަށް ތުންފަތް ވެސް ނާރައެވެ. "މި ތަނަށް މި އައީ ވެސް ހަމަ އެ ނަވުގެ މި ކަހަލަ ކޮންމެ ވެސް ނިޝާނެއް ފެނިދާނެކަމަށް އުއްމީދުކޮށްގެން."

"އޭ! މިހާރު ދެން ރަށްރަށުގައި ފަތުރުވެރިކަން ތާރަފުވެގެން އަންނަ އިރު، ފަތުރުވެރިންނަށް މި ރަށް އިޝްތިހާރުކުރުމަށް އަހަރެމެންނަށް މި ތަން ބޭނުންކުރެވިދާނެ ދޯ!" ސަމީހާގެ ސިކުނޑި ވެސް މިހާރު ހޭލައިފި ކަހަލައެވެ.

"އާނ! ތިއީ ވަރަށް ރަނގަޅު ޚިޔާލެއް! ރަށު ކައުންސިލާ ގުޅިގެން ކުރެވިދާނެ ކަމެއް ތިއީ!... ތިޔަ ގޮތަށް ބޭނުންކުރެވިދާނެ ކިތަންމެ ތަނެއް މި ރަށުގައި އެބަހުރި... ބަނޑޭރިބޭ އޮޅުއަލަ ދަނޑޭ ކިޔުނު ސަރަހައްދުގައި އެ ތަނަށް ފައިބަން ހުރި ސިޑިއެއްގެ އުތުރު ކަނުގައި ބަރުފޯސް ކަނޑާފައި ހުރި ގުއްބެއް ކަހަލަ އެއްޗެއްގެ ކައިރިފަށް ފެންނަން ހުރި ހަނދާން ސަމީހާ އެބަހުރިތަ؟"

"ނެތް!" ސަމީހާ ހުރީ ބޮޑު ސުވާލުމާކެއްޖެހިފައެވެ.
"މިހާރު ސިއްހީ މަރުކަޒު އެ ހުރި ތަނުގައި ކުރިން ހުރި ތަނެއްގެ ވާހަކަ މި ދައްކަނީ! މި ވާހަކަ ވެސް ޙަސަންބޭ ގާތުގައި އަހައިލަންވީ ތޯއްޗެ!"

"ހޫނ! ދެން ހިނގާ ގެއަށް ދާން! މިއަދަށް ދެން ވާވަރު ވެއްޖެއެއްނު؟... އިތުރު ތަރިކައެއް ވެސް އަތްމަތިވެއްޖެއެއްނު؟... ޙަސަންބޭ ގާތަށް ދިޔަޔަސް ދެން ދާނީ މިރޭތާ ދޯ!... ވާފިރާ ވެސް ގެންދަންވާނެއެއްނު؟" ސަމީހާގެ މި ވާހަކަތަކުން ފާތިނާ ގާތަށް ވަރަށް ހިނިއަތުވެއްޖެއެވެ. ދެ ކުދިން ކަބީލާތައް ހިފައިގެން ހެމުން ފުމެމުން ކަހަލަ ގޮތަކަށް މިސްރާބުޖެހީ އަވަށާ ދިމާއަށެވެ. (ނިމުނީ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އާތީގެ މި ވާހަކަ ވަރަށް ރީތި.. ޢަލީގެ ދެމަފިރިންނަށް ހާދަ ދެރަގޮތެކޭ މި ދިމާވީ… ވާހަކައިގައި ސިފަކޮށްދިނުން ވަރަށް ފުރިހަމަ.. ހީވަނީ ކޮއިލުތެރޭގައި އުޅެވޭހެން… އެހާމެ ބަސްކޮށާރު ވެސް މުއްސަނދި.. އަދިވެސް އިތުރު ވާހަކަތަކަށް އިންތިޒާރު ކުރެވޭ…

  2. ވަރަށް ފުރިހަމަ އިނގޭ. ރީތި ވާހަކައެއް. އިތުރު ވާހަކަތައް އަދިފެންނާނެ ކަމުގެ އުއްމީދުގައި. ️

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *