ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް

85E51992-F717-4E00-B9ED-986CD20058A5

ފޮޓޯނެގުމަށް ލޯބިކުރާ ޒުވާނުން އިތުރުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މޮޅެތި ކެމެރާތަކާއިއެކު ތަޢާރަފްވެގެންދިޔަ މޯބައިލް ފޯނުތަކެވެ. ނެގޭ ފޮޓޯތަށް ފަސޭހަކަމާއިއެކު އެހެން މީހުނަށް ހިއްސާ ކޮށްލުމަށް ލިބިގެންދިޔަ ސޯޝަލް ޕްލެޓްފޯމަތަކެވެ. އެ ފޮޓޯތަކަށް ލިބިގެން ދިޔަ ތަރުހީބެވެ.

ހއ.ބާރަށަކީ ދިވެހި ތާރީޚުގެ މުހިންމު ސަފްހާތަކާއި ގުޅުންހުރި ތާރީޚީ ތަންތަން ހުރި ރަށެކެވެ. ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ތިންބެއިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި އޮޑިވަޅާއި، އެ ހަރުގެ އަޅުއްވަން ޖެއްސެވި ނިކަ މުޑިތަކާއި، ދެލިއުނބަށް ފެންޖެއްސެވުމަށާއި، އަދިވެސް އެކަމާއި ގުޅޭ ކަންކަމަށް ފެން ބޭނުން ކުރެއްވި ދެ ވަޅުކޮޅާއި، ކަޅުއޮށްފުންމިއަށް ބޭނުންވާ މަދަނާއި، ދެލި ފުނޑުއްވި ކަޅުހިލަދަޔާއި، މިފަދަ ތާރީޚީ އެތައް ތަންތަނަކާއި ތަކެއްޗެއް މިއަދު އެންމެ ފުރިހަމައަށް ފެނިގެންދާނީ ބާރަށުގެ މި ފޮޓޯގްރާފަރުގެ ފޮޓޯތަކުންނެވެ.

އެ ތަންތަނާއި ތަކެތީގެ ހިތްގައިމު ފޮޓޯތައް ނަގައި ސޯޝަލް މީޑީޔާގައި ހިއްސާ ކުރަމުން އަންނަ އެ ރަށުގެ ފަޒާނައިޓް، މުޙައްމަދު ނަޒީހުއަކީ މިއަދު ކުރިއަރަމުން އަންނަ ޒުވާން ފޮޓޯގްރާފަރެކެވެ.

ފޮޓޯނެގުމުގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ނަޒީހު ބުނެފައިވަނީ ފުރަތަމަ ފޮޓޯނަގަން ފެށީ ފޯނުން ކަމަށެވެ. އެކުވެރި ކުއްޖަކު ގެންގުޅުނު ކެމެރާއެއް އެދުވަސްވަރު ފޮޓޯނަގަން ކޮންމެވެސް ވަރަކަށް ނަޒީހް އައީ ބޭނުން ކުރަމުންނެވެ. އެއީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ފޮޓޯނެގުމުގެ ތެރެއަށް ރަނގަޅަށް ވަދެވިގެން ދިޔައީ 2017 ވަނަ އަހަރުގެ ތެރޭގައި އެކުވެރިޔަކު ނަޒީހްއަށް ހަދިޔާކުރި ކެމެރާ އަތަށް ލިބުނު ހިސާބުންނެވެ.

ގޮންޖެހުންތައް ހުރަސްކޮށް ކުރިއަށް ދިޔުމަށް މަސައްކަތް ކުރުމަކީ ކާމިޔާބާއި ހިސާބަށް ވާސިލުވުމަށް ސަބަބެވެ. ފޮޓޯނެގުމުގެ ދާއިރާއިން މިހާ ހިސާބަށް އެއްވެސް ތަމްރީނެއް ހަދާފައި ނުވި ނަމަވެސް ނަޒީހުގެ ފޮޓޯތަކުން އެކަމެއް ފާހަގައެއް ނުވެއެވެ. ފޮޓޯތައް ހިތްގައިމު ވެފައި ނަލައެވެ.

"ފޮޓޯނެގުމާއި ގުޅޭ މަޢުލޫމާތު ހޯދަނީ އިންޓަނެޓް މެދުވެރިކޮށް، ޔޫޓިއުބް ވެސް ބަލަން، އަދި ފޮޓޯނެގުމުގެ ދާއިރާގެ ފުންނާބު އުސް ބައެއް ފަރާތްތަކުގެ ލަފާވެސް ހޯދަން" މި ދާއިރާއިން ކުރިއަށް ދިޔުމަށް މިއަދާ ހިސާބަށް ނަޒީހު ކަންކުރަމުން އައި ގޮތް ހިއްސާ ކުރަމުން ބުނެފައިވެއެވެ.

ޕޯޓްރެއިޓް ފޮޓޯ ނެގުމަށާއި އަދި ޑްރޯން ބޭނުން ކޮށްގެން ފޮޓޯނެގުމަށް ހާއްޞަ ޝަޢުޤެއް ހުންނަ ނަޒީހް މި މަސައްކަތަށް އޮންނަ ޑިމާންޑް ހާމަކުރަމުން ބުނެފައިވަނީ ފޮޓޯނެގުމުގެ މަސައްކަތަށް ދުވަހަކަށްވުރެ ދުވަހެއް ޑިމާންޑް އިތުރުވަމުން އަނަން ކަމަށެވެ.

"އަތޮޅު ތެރޭގެ ބައެއް ރަށްރަށުން ވެސް މިހާރު އެބަލިބޭ ފުރުޞަތު، ވެޑިންގ ޕާޓީތައް ފަދަ އިވެންޓްތައް ޝޫޓް ކޮށްލަން"

ބާރަށުގައި ބޭއްވޭ ގިނަ ކައިވެނީގެ ހަފްލާތަކާއި، އެކި ދުވަސް ދުވަހާއި ގުޅުވައިގެން ހިންގޭ ހަރަކާތްތަކާއި، ބާތްޑޭ ޕާޓީތައް ފަދަ އެތައް އިވެންޓެއްގެ އެންމެ ހިތްގައިމު މަންޒަރުތައް ފޮޓޯނަގައިދިނުމުގައި ނަޒީހް އަންނަނީ އޭނާގެ ކުޅަދާނަކަން ދައްކައި އެހެން މީހުންގެ އިތުބާރު ހޯދަމުންނެވެ.

ފޮޓޯނެގުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ ފޮޓޯގްރާފަރުންނާއި އެއްހަމައަކަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ނަޒީހް ފާހަގަ ކުރާގޮތުގައި މި މަސައްކަތަކީ އާމްދަނީ ހޯދުމަށް ވެސް ކުރެވިދާނެ ރަނގަޅު މަސައްކަތެކެވެ.

ފޮޓޯނެގުމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ ކުދިން އެންމެ ބޮޑަށް ހަނދާން ބަހައްޓަންވީ ކަމެއްގޮތުގައި ނަޒީހް ފާހަގަ ކޮށްފައިވަނީ މި ދާއިރާގައި އަބަދު ޕޮޒިޓިވް ކޮމެންޓް ނާނާންނެ ކަމެވެ. ނެގެޓިވް ކޮމެންޓް ވެސް ލިބޭނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި މާޔޫސްވާން ޖެހޭ ސަބަބެއް ނޫން ކަމުގައި ނަޒީހް ފާހަގަކޮށްފައިވެއެވެ.

ނަޒީހްއަކީ ބާރަށު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. ޑިއުޓީ ގަޑި ނޫން ކޮންމެ ގަޑިއަކީ ވެސް އޭނާއަށް މި މަސައްކަތަށް އެކަށީގެންވާ ވަގުތެއްގެ ގޮތުގައި ފާހަގަ ކުރަމުން ނަޒީހް ބުނެފައިވަނީ ފޮޓޯ އެޑިޓްކޮށް ފޮޓޯއިތުރަށް ރީތި ކުރުމުގެ މަސައްކަތް ފޯނުން ވެސް ކުރެވުމަކީ މިކަމުގައި ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއްކަމެވެ.

 

މި ދާއިރާއިން ކުރިއަށް ދިޔުމަށް އަގުބޮޑެތި ގިނަ ސާމާނު ވެސް ބޭނުންވެއެވެ. ފަށައިގަންނަ ފަރާތްތަކަށް އެއީ ގޮނެޖެހުމެކެވެ. ނަމަވެސް ވިސްނުންތެރިކަމާއި އެކު މި މަސައްކަތުގައި މަޑުމަޑުން މި ކަމަށް ބޭނުންވާ އާލާތްތައް ގަނެ ހަމަކޮށް ކުރިއަށް ދިޔުމަށް ވިސްނުން ގެންގުޅުމަކީ އެ ގޮންޖެހުން ނިމުމަކަށް ގެނެވިދާނެ ސަބަބެއް ގޮތުގައި ނަޒީޙް ޤަބޫލްކުރެއެވެ.

އެކުވެރިންނާއި، ރާއްޖޭގެ ބައެއް ފުންނާބު އުސް ފޮޓޯގްރާފަރުންގެ ފަރާތުންނާއި އާއިލާގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ނަޒީހްވަނީ ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ނަޒީޙްގެ ފޮޓޯތައް ބަލައިލުމަށާއި އަދި ނަޒީޙް ލައްވައި ފޮޓޯނެގުމަށް ބޭނުންވާ ފަރާތްތަކުން Nazyhu Photographer ފޭސްބުކް ޕޭޖަށް ޒިޔާރަތް ކޮށްލައްވައި މެސެޖް ކޮށްލައްވާށެވެ. ނުވަތަ ނަޒީހްގެ އިންސްޓަގްރާމް އެކައުންޓަށް ޒިޔާރަތް ކޮށްލާށެވެ. NAZYHU__

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި