2021 ވަނަ އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާކަމަށާއި، މިގޮތުން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.

ތަޢުލީމީ ދާއިރާއަށް 2021 ވަނަ އަހަރުގެ ބަޖެޓްގައި ވަނީ 4 ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.

Ad
rt

ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ތަަޢުލީމީ ދާއިރާއިން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާއިރު، މީގެ ތެރޭގައި ސްކޫލު ތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި، ސަރަޙައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ޚާއްޞަ އިސްކަމެއްދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބަޖެޓުގައި ހިމެނިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

'' ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް މި ސަރަޙައްދުތަކުން ލިބޭނެ މަގު ފަހިކޮށްދިނުން. މި ސަރުކާރުން ކާމިޔާބުކަމާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކުރެވިފައި.''

މިނިސްޓަރު ވިދާޅުވިއެވެ.

މިސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފު ކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމަކީ މަތީތަޢުލީމުގެ ދާއިރާއިން ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީކަމަށާއި، މިހާތަނަށް މި ޕްރޮގްރާމް ގެ ދަށުން 7,800 އަށް ވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދީފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

''2021 ވަނަ އަހަރު މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 551 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުކުރެވިފައިވޭ. މީގެ އިތުރުން ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ. އަދި ރިޒޯޓުތަކުގެ ސީނިއަރ މެނޭޖްމަންޓް މަޤާމްތަކުގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމަށް ބަޖެޓްކުރެވިފައިވޭ.''

މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިކަންކަމަކީ، ރިސިލިއަންޓް ވޯކްފޯސްއެއް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަންކަންކަންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 ރުފިޔާއެވެ.